މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަސައްކަތުގެ ތެރެއިން މާލެ ކޮޅުން ބްރިޖްގެ ޑެކްގެ މަސައްކަތް ފަށަފައިވާ ކަމަށާއި ވިލިމާލެއިން ބްރިޖްގެ މަސައްކަތަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރައްވަމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، މާލެ އާއި ވިލިމާލެއާއި ތިލަފުށީ އަދި ގުޅީފަލޫގައި ވެސް ބްރިޖް މަޝްރޫގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.

އެ ގޮތުން މިހާރު މާލެ ސަރަހައްދުން ބްރިޖްގެ މަޝްރއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ބްރިޖްގެ ޑެކްގެ މަސައްކަތް ފަށަފައިވާ ކަމަށާއި، ކަނޑުގައި ޖަހާ ތަނބުތަކުގެ ތެރެެެއިން ދެ ތަނބެއްގެ ޕައިލިން މަސައްކަތް ކުރިއަށްދާ ކަމަށް ޖިނާން ވިދާޅުވިއެވެ.

ވިލިމާލޭގައި ކުރިއަށްދާ މަސައްކަތުގެ ތަފްސީލް ހާމަކުރައްވަމުން ޖިނާން ވިދާޅުވީ، ވިލިމާލެ ކޮލޫން ކަނޑުގައި ޖަހާ 6 ތަނބެއްގެ ޕައިލިން މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވިލިމާލެ އިން ބްރިޖަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ގުޅީފަޅުގައި ކުރިއަށް ދަނީ އެއްގަމުގައި ޖަހާ ތަނބުތަޖުގެ ޕައިލިން މަސައްކަތްތައް ކަމަށާއި މި ހުރިހާ މަސައްކަތްތަކެއް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ޕައިލްތައް ިންސްތޯލް ކުރަން ބޭނުން ކުރި އުޅަނދު'ރުމައިލާ' / ފޮޓޯ: އައިޝަތު ޝާޒްލީން | ދަ ޕްރެސް

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖްގައި އެންމެ ފުރަތަމަ ނިންމަން ކަނޑައަޅާފައިވާ ސެގްމަންޓްގައި މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް އެކި ފުންމިނުގައި 50 ތަނބު ޖަހައެވެ. އެއިން ކޮންމެ ތަނބެއް ޖަހާއިރު އެ ތަނބު ކައިރީގައި ފުރަތަމަ ޖަހަނީ ޕައިލްތަކެކެވެ. އެގޮތުން ބައެއް ތަނބެއް ވަށައިގެން ހަ ޕައިލް ނުވަތަ ހަތަރު ޕައިލް ޖަހައެވެ.

ބްރިޖްގެ މަސައްކަތް މާލެ ސަރަހައްދުންގައި ކުރިއަށް ދާ އިރު މީގެ ކުރިން އެ ސަރަހއްދުގައި އަލާފައި އޮތް 'ރުމައިލާ' ނަމަކަށް ކިޔާ އުޅަނދު ވަނީ މިދިޔަ އާދިއްތަ ދުވަހު ފޮނުވާލާފައެވެ. އެ އުޅަނދަކީ ޖިއޯ ޕައިލް ލައިން އެޅުން ފަދަ މަސައްކަތްތަކަށް އެފްކޯންސް ކުންފުނިން ރާއްޖެއަށް ގެނެސްފައިވާ އުޅަނދެކެވެ. އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން ޕައިލްތައް ޖެހުމަށާއި އެ ޕައިލްތަކަށް ކޮންކްރީޓް އެޅުން ފަދަ މަސައްކަތުގައި 'ރުމައިލާ' ބޭނުންކޮށްފައި ވެއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ އުޚަނދު ފޮނުވާލާފައިވާ އިރު، ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ 'ރުމައިލާ' ފޮނުވާލާފައި ވަނީ އެ އުޅަނދު ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ނިމުމުން ކަމަށެވެ.