ޕިއު ރިސާޗް ސެންޓަރުން ހެދި ދިރާސާއިން ދައްކާގޮތުގައި ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ދެ ދީން ކަމަށްވާ ހިންދޫ ދީނާއި އިސްލާމްދީނުގެ އެންމެ ބޮޑު އާބާދީއެއް އޮންނާނެ ގައުމަކަށް އިންޑިއާ ވެގެންދާނެއެވެ.
2050 ވަނަ އަހަރު އަންނައިރު 311 މިލިއަން މުސްލިމުންނާއެކު ދުނިޔޭގެ 11 ޕަސެންޓް މުސްލިމުންގެ އާބާދީ އިންޑިއާގައި އޮންނާނެ ކަމަށް ބެލެވެއެވެ.
ދުނިޔޭގެ މުސްލިމް އާބާދީގެ 3 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި 200 މިލިއަނެއްހާ މުސްލިމުން ރަމަޟާން މަހުގައި ތަފާތު މަންޒަރެއް ދައްކައިފިއެވެ.
ރޯދަ ފެށިގެން އައި އިރު އިންޑިއާގެ މުސްލިމުންގެ ހަރަކާތްތަކާއި ރޯދަމަހުގެ ފުރަތަމަ ހަފްތާ ނިމިގެން ދިޔަ އިރު އިންޑިއާގެ އެކި ކަންކޮޅުތަކުގައި ރޯދައާ ގުޅިގެން މުސްލިމުން ކުރަމުން އަންނަ ކަންކަން ފޮޓޯއިން ބަލާލަމާހެއްޔެވެ.
އެ ފޮޓޯތަކުން މުސްލިމުންގެ ޒަމާންވީ އަވަށްތަކަށާއި، ތާރީހީ މިސްކިތްތަކަށާއި، މަދްރަސާތަކަށާއި، ނިއު ދިއްލީގެ މާރުކޭޓުތަކުގައި އިންޑިއާގައި މުސްލިމުން ރަމަޟާން މަސް ފާހަގަކުރާ ގޮތް ފެންނާނެއެވެ.
ކޮންމެ ނަމާދެއްގެ ކުރިން ވުޟޫ ކުރުމަކީ ނަމާދު ސައްހަވުމުގެ ޝަރުތެކެވެ. އެހެންކަމުން ކޮންމެ މުސްލިމަކު ވެސް ކޮންމެ ނަމާދެއް ކުރުމަށްވެސް ވުޟޫ ކުރަންޖެހެއެވެ. ޖަމާ މިސްކިތުގެ ގޯތިތެރޭގައި އޮންނަ ވެވެއް ކަހަލަ ބޮޑު ފެންގަނޑަކީ ވަށައިގެން އޭގެ ކައިރިއަށް ލެފި ފެން ގޮށި ނަގައިގެން ވުޟޫ ކުރެވޭގޮތަށް ހަދާފައި އޮންނަ ތަނެކެވެ.
ރޯދަމަހާ އެކު ޤްރުއާން ހަތިމް ކުރުމަކީވެސް އިންޑިއާގެ މުސްލިމުންގެ އާދައެކެވެ. ފޮޓޯއިން އެފެންނަނީ، ނިއު ދިއްލީގެ މިސްކިތެއްގައި ކުޑަކުދިންތަކެއް ޤްރުއާން ހަތިމް ކުރުމަށް ފަށައިގެން އުޅޭ މަންޒަރެވެ. މުޅި ޤުރުއާން ހަތިމް ކުރާ ދަރިވަރުން ތަރާވީހް ނަމާދު އަދި ދަމު ނަމާދު ކުރުމަށް ދިއްލީގެ އެކި މިސްކިތްތަކަށް ފޮނުވުމަކީވެސް އިންޑިއާގެ މުސްލިމް ސަގާފަތުގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ.
ކީރިތި ރަސޫލާ މުހައްމަދު (ސއވ)ގެ މައްޗަށް ކީރިތި ޤްރުއާން ރަމަޟާން މަހު ބާއްވާލެއްވުމާ ގުޅިގެން މި މަހަށް "ކީރިތި ޤުރްއާނުގެ މަސް"ގެ ނަމުން ވެސް ނަންދެއެވެ. އެހެން ކަމުން ރަމަޟާން މަހު އެހެން މަސްމަހަށް ވުރެ ގިނަ ވަގުތު ޤުރުއާން ކިޔެވުމުގައި މުސްލިމުން ހޭދަކުރެއެވެ.
ރޯދަ މަހުގެ ތަފާތު އެކި މަންޒަރުތަކުން ކެމެރާގެ ލެންސަށް ދެން އެރީ މަގުމަތީގައި ސަލާން ޖަހަން ތިބޭ މީހުންނަށް ސޮދަގާތް ކުރާ މަންޒަރެވެ. ނުހިނގޭ ހާލު ވީދިފައި އޮތް ގަންޖިފޮށާސްގަނޑެއް ލައިގެން އިން މީހަކަށް ސޮދަގާތް ދޭ މަންޒަރެވެ. މިއީވެސް އިންޑިއާގެ އެކި ހިސާބުތަކުން އާންމުކޮށް ފެންނަ މަންޒަރެކެވެ. ހާއްސަކޮށް މި ރޯދަމަހު މުސްލިމުން ގިނަ ސަރަހައްދުތަކުގައި މި އާދަ ފެންނަލެއް ގިނަކަން ފާހަގަ ކުރެވެއެވެ.
ރަމަޟާން މަހު ކުރާ ހެޔޮއަމަލުތަކުގެ ދަރުމައާއި ސަވާބު އެހެން މަސްމަހަށްވުރެ އިތުރުވެގެން ދާކަމަށް އައިސްފައިވެއެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް މިސްކިތް ކަމަށް ވާ ޖަމާ މިސްކިތުގެ ސަރަހައްދުގައި އޮންނަ ޖަމާ މަރުކޭޓަކީ ގިނަ އަދަދެއްގެ މީހުން ވިޔަފާރި ކުރަން ދާ މާރުކޭޓެކެވެ. މި ސަރަހައްދުން ދިއްލީގެ ތާރީހީ ތަންތަން ފުނުމުގެ އިތުރުން ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެއްތަނަކުން ލިބޭ މާރުކޭޓަކަށް މި މާރުކޭޓު ވެއެވެ. އަދި މިސްކިތަށް ނަމާދަށް ދާ މީހުންވެސް ވަގުތު އޮތިއްޔާ އަދި ނަމާދަށް ފަހު ބާޒާރުކޮށްލާ ހަދަން މި މާރުކޭޓަށް ދެއެވެ.
އެ މާރުކޭޓުގެ އިތުރުން، އިންޑިއާގައި މުސްލިމުން އުޅޭ ހުރިހާ ސަރަހައްދަކުން މިހާރު ކަދުރު ފެންނާނެއެވެ. މުސްލިމުން ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރާތީ ރޯދަމަހާ ދިމާކޮށް މެދުއިރުމަތީގެ ގައުމުތަކުން ގިނަ އަދަދަކަށް ކަދުރު ވަނީ އެތެރެ ކޮށްފައެވެ. އާންމު ބާޒާރުތަކުން ފެށިގެން މިސްކިތްތަކުގައި ރޯދަވީއްލުމަށް ވެސް ކަދުރު ބަހާ ހަދައެވެ.
އެންމެ ބޮޑު މިސްކިތާ އިންވެގެން އޮންނަ މާރުކެޓަކީ ހަމައެކަނި ރޯދައަށް ހާއްސަ މާރުކޭޓެއް ނޫނެވެ. ކާބޯތަކެތިން ފެށިގެން ގޮސް ރީތިވާ ސާމާނާއި އިކެލްޓްރޯނިކްސް އާއި ހެދުމާއި ކުޅޭ ސާމާނާއި ރަނާއި ރިއްސާއި، ލޮއި އަދި އެސްއެސް ގެ އެކި އުފެއްދުންތައް ހުރެއެވެ. ހާއްސަކޮށް ރޯދަމަހަށް ތައްޔާރު ކޮށްފައިވާ ތަފާތު އެކި ބާވަތުގެ ލުއި ކާނާ އާދި ފޮނި ކާނާވެސް ޖަމާ މަސްޖިދު މާރުކޭޓުގައި މުސްލިމުން ވިއްކައެވެ.
ރަމަޟާން މަހުގެ ތެރޭގައި މުސްލިމުން ފަޖުރުގެ އަލިކަން ފާޅުވީއްސުރެ ފެށިގެން އިރުއޮއްސުމާ ހަމައަށް ރޯދަ ހިފައެވެ. ގޭގޭގައި ރޯދަ ވީއްލުން ތައްޔާރު ކުރާ ގޮތަށް މިސްކިތް މިސްކިތްތަކުގައިވެސް ރޯދަވީއްލޭނެ އިންތިޒާމް ހަމަޖައްސައެވެ. މުސްލިމް ކޮމިއުނިޓީތަކާއި ޖަމާއަތްތަކުން އިސްނަގައިގެން ކޮންމެ އަހަރެއްގެ ރޯދަމަހު މިފަދަ އިންތިޒާމްތައް ކުރެއެވެ. ފޮޓޯއިން އެ ފެންނާނީ ރޯދަ ވީއްލުމަށް މިސްކިތަށް ދާ މީހުންނަށް ބެހުމަށް ނިއުދިއްލީގެ ޒުވާނުންތަކެއް މޭވާ ކޮށާ ތައްޔާރު ކުރާ މަންޒަރެވެ.
ރޯދަ މަހު އެކުވެރިންނާއި އާއިލާގެ މެންބަރުންނާއެކު ރޯދަ ވީއްލުމަކީ އިންޑިއާގައި އާދައެކެވެ. ހާއްސަކޮށް ރޯދަމަހުގެ ފުރަތަމަ ދުވަހު އާއިލާއާ އެކު ރޯދަވީއްލަން ސަމާލުކަން ދެއެވެ. އަދި އާއިލާ އެއްކޮށް މިސްކިތަށް ވެސް ދެއެވެ. ފޮޓޯއިން އެފެންނަނީ ކޮންމެ އަހަރަކު ވެސް ރޯދަމަހުގެ ފުރަތަމަ ދުވަހު އަދި އެހެނިހެން ދުވަސް ދުވަހު ވެސް ރޯދަ ވީއްލުމަށް ޖަމާ މިސްކިތަށް ގަވައިދުން ދާ އާއިލާއެކެވެ. އެ ކަމަކީ ހާއްސަ ތަޖުރިބާއެއް ކަމަށް ވެސް އެ އާއިލާއާ ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.
ރޯދަ މަހު އިންޑިއާގައި އެންމެ ހިނގާ ބުއިމަކީ "ޝަރުބަތު-އެ-މޮހައްބަތު" (ލޯބީގެ ބުއިން) ނުވަތަ ސަރުބަތެވެ. ކިރާއި މޭވާ އަޅައިގެން ތައްޔާރުކުރާ ބުއިމެކެވެ. ދިއްލީގެ ފިނިހޫނުމިން މައްޗަށް ދިއުމުން ގިނަ އަދަދެއްގެ މުސްލިމުން ހޫނު ބުއިންތަކަށް ވުރެ ސަރުބަތު ފަދަ ފިނި ބުއިމެއް ރޯދަ ވީއްލުމަށް އިހްތިޔާރުކުރެއެވެ.
ފްރައިޑް ޗިކަން އާއި ސީކް ކަބާބްއަކީ ވެސް އިންޑިއާގައި ތަފާތު ވައްތަރުގެ ހަވާދުތައް އަޅައިގެން ތައްޔާރު ކުރާ އެ ގައުމުގެ ހާއްސަ ކެއުމެކެވެ. ގިނަ ބަޔަކަށް މީރު އެކެއުންވެސް ރޯދަ ސުފުރާމަތިން ލިބެން ހުރެއެވެ.