ސްޓާޕްލަސް ގެ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ފޭނުން މިހާރު ތިބެން ޖެހެނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ސަބަބަކީ ޑްރާމާގެ މެއިން ޖޯޑު ކަމަށްވާ އަކްޝަރާ އާއި އަބީމަންޔޫ ވަރިވެ ދެމީހުންވެސް އަމިއްލަ ދިރިއުޅުމެއް ފަށައިފައި ވާތީއެވެ. ބެލުންތެރިންނަށް ވެސް އެންމެ ކަމުދާ މި ޖޯޑު އަލުން ގުޅޭނެ ކަމުގެ އިންތިޒާރުގައި ބެލުންތެރިން ތިބެން ޖެހޭއިރު އެކަމަށް އޮތް ހިތްހަމަޖެހުމަކީ އަބީރް އަކީ އަބީމަންޔޫގެ ދަރިއަކަށް ވުމެވެ.

އަކްޝަރާ އާއި އޭނާގެ މިހާރުގެ ފިރިމީހާ އަބިނަވް ދިރިއުޅެނީ ކަސޯލީގައެވެ. އަބީމަންޔޫ އާއި އޭނާގެ ވާންއުޅޭ އަނބިމީހާ އަރޫހީ (އަކްޝަރާގެ ކޮއްކޮ) ދިރިއުޅެނީ އުދައިޕޫރުގައެވެ. ކޮންމެ އެޕިސޯޑެއްގައިވެސް ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރުތަކެއް ދައްކަމުން އަންނައިރު ރޭގެ އެޕިސޯޑުގައި ފެނިގެންދިޔައީ އަކްޝަރާގެ ދަރި އަބީރް އަށް ނޭވާލާން އުނދަގޫވެ، ފުޓްބޯޅަ މެޗުގެ ތެރެއިން ހޭނެތޭ މަންޒަރެވެ. އަދި އަކްޝަރާ އާއި އަބިނަވް، އަބީރް ގޮވައިގެން ސިޓީ ހޮސްޕިޓަލަށް ގޮސް އަބީރަށް ފަރުވާދޭން އުޅޭ މަންޒަރެވެ. އަބީރް ހޭނެތުމާއެކު އަބީމަންޔޫ (އަބީރްގެ އަސްލު ބައްޕަ) ގެ ހިތަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. ނަމަވެސް ވެގެން އުޅެނީ ކީއްކަމެއް ހުދު އޭނާ އަށް ވެސް ނޭނގެއެވެ. ހާސްކަމެއްގެ ތެރޭގައި އުޅެ، ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ހޯދަން ދުވަނިކޮށް މުސްކާން (އަބިނަވް ގެ ކޮއްކޮ) އާއި ދިމާވެއެވެ.

ރޭގެ އެޕިސޯޑު ނިމިގެންދިޔައީ އަބިމަންޔޫ އަށް އަބީރް އާއި ދޭތެރޭ އޮންނަ ގުޅުން އިހުސާސްވާ ހިސާބުންނެވެ. ނޭނގެނީ އެއީ ކޮން ގުޅުމެއް ކަމަށެވެ. މިރޭ މި ޑްރާމާ އިން ފެނިގެންދާނީ އަބީރްގެ ހިތުގެ މައްސަލައެއް އުޅޭކަން އަބިނަވްއަށް ފަޅާއެރުމުން އަކްޝަރާ އަށް އެކަން ސިއްރުކުރާތަނެވެ. ނަމަވެސް އަކްޝަރާއަށް ވެސް އެކަން ފަޅާއަރާ މަންޒަރެވެ.

ޑްރާމާގައި ދެންވާނީ ކިހިނެއް؟

އަބީރްގެ ހިތުގައި މައްސަލައެއް އުޅޭކަން އަކްޝަރާ އަށް އެނގޭ ހިސާބުން އަކްޝަރާ އަބީމަންޔޫ އަށް ގުޅައި، އެކަން އަންގައެވެ. ސަބަބަބީ އަބީމަންޔޫއަކީ ހިތުގެ ސާޖަންއަކަށްވުމުންނެވެ. އަބީރުގެ ސިއްހީ މައްސަލަ އަޑުއަހައި އަކްޝަރާގެ ރުއިމުގެ އަޑުއަހަން އަބިމަންޔޫ އަކަށް ކެތެއް ނުވިއެއެވެ. އުދައިޕޫރުގައި ހުންނަ އާއިލީ ހޮސްޕިޓަލް ބިރްލާ ހޮސްޕިޓަލް ދޫކުރުމަށްފަހު އަބިމަންޔޫ ކަސޯލީ އަށް ދަތުރުފަށާނެއެވެ.

އަބީރްގެ ސާޖަރީ ކުރުމަށް އަކްޝަރާ، އަބީމަންޔޫ ގާތުގައި އެދެއެވެ. އެ ނިންމުމާއެކު އަބިނަވްގެ ހިތުގައި ޝައްކުކަމެއް އުފެދުނު ނަމަވެސް އެކަން އޮށްބާލީ ދަރިފުޅުގެ ހާލަތާ މެދު ވިސްނުމަށްފަހުއެވެ. ސާޖަރީ ކުރުމަށްފަހު އެނބުރި އުދައިޕޫރަށް އަބިމަންޔޫ ދާ ހިސާބުން އަނެއްކާވެސް އަކްޝަރާގެ ފޯނު ކޯލެއް އާދެއެވެ. ނޭނގެނީ އެއީ ކޮން ފޯނު ކޯލެއް ކަމެވެ. ހުރިހާ ކަމެއް ބެހެއްޓުމަށްފަހު އަބީމަންޔޫ އެންގޭޖްމަންޓް ކެންސަލްކުރުމަށްފަހު ކަސޯލީ އަށް ދާނެއެވެ.

އަބިމަންޔޫ އަދިވެސް އަކްޝަރާ ދެކެ ލޯބިވާކަން އެނގުމާއެކު އަރޫހީ ބިރްލާ ހައުސް ދޫކޮށް އޭނާގެ ދަރިފުޅު ރޫހީ ގޮވައިގެން ދާނެއެވެ. ނަމަވެސް މަންޖަލީ (އަބީގެ މަންމަ) އެކަމާ ދެކޮޅު ހަދައެވެ.

އަބިނަވް އާއި އަކްޝަރާ ވެގެން އެމީހުންގެ ބޮޑު ސިއްރު އަބީމަންޔޫ ގާތު ބުނާނެބާވައެވެ؟ އަބީރް އަކީ އަބީމަންޔޫ އާއި އަކްޝަރާގެ ދަރިއެއްކަން ބުނާނެ ބާވައެވެ؟ ދެން ކަންތައްތައްވެގެންދާނެ ގޮތް ބަލަން ނޭވާ ހިފަހައްޓާލައިގެން ތިބޭށެވެ.

.