ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެނުކުރެވޭނެ ގޮތަށް ގާނޫނޫ އިސްލާހުކުރުމަށް ހުށަހަޅާފައިވާކަމަށް ޓްރާންޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޖިލީހުގެ ގަވައިދު ކޮމިޓީ އަށް މައުލޫމާތު ހިއްސާކުރައްވަމުން ނަހުލާ ވިދާޅުވީ އެއްގަމު އުޅަނދުތަކުގެ އުމުރު ކަނޑައެޅުން ހިމެނޭހެން ތަފްސީލީ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައި ވާކަމަށެވެ. މި ގޮތުން މާލެއަށް އުޅަނދުތައް ތޮއްޖެހުން ހައްލުކުރުމުގެ ގޮތުން ފަސް އަހަރު ވެފައިވާ އެއްގަމު އުޅަނދު ރާއްޖެ އެތެރެ ނުކުރެވޭނެ ގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނަހުލަ ވިދާޅުވިއެވެ.

ކެބިނެޓަށް ހުށަހަޅާފައިވާ ކަރުދާހުގެ ތަފްސީލް ހާމަކުރަމުން ނަހުލާ ވިދާޅުވީ އެ ކަރުދާހުގައި ކޮންމެ ރަށަކަށް އެތެރެ ކުރެވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމާއި، އަހަރީ ފީ ދެއްކުމާއި ގުޅޭ ކަންކަން ހިމަނާފައި ވާނެ ކަމަށެވެ. ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުޅަނދު ރާއްޖެއަށް އެތެރެކުރުމަށް މަގުފަހި ކުރުމަށްވެސް ކަރުދާހުގައި ހިމަނާފައި ވާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

މާލެއަށް ވެހިކަލް ތޮއްޖެހުން ހައްލުކުރެވޭނެ އަނެއް ގޮތަކީ އަހަރެއްގެ މައްޗަށް އެތެރެކުރެވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުން ކަން ފާހަގަކުރައްވަމުން ނަހުލާ ވިދާޅުވީ އަހަރެއްގެ މައްޗަށް ރަޖިސްޓްރީ ކުރެވޭނީ ކިތައް ވެހިކަލްތޯ ކަނޑައެޅުމަކީ ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން އެ ނިންމުން ނިންމާފައި ނުވާތީ ވެހިކަލްތައް ގިނަވެގެން ދާކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި މިކަން ހައްލުކުރަން ބޭނުންވާނަމަ ކޮމިޓީއިންވެސް މިކަމަށް މަސައްކަތް ކޮށްދޭން ޖެހޭކަމަށް ނަހުލާ ވިދާޅުވިއެވެ.

އެއްވެސް ކޮންޓްރޯލެއް ނެތި ރާއްޖެއަށް އެއްގަމު އުޅަނދު އެތެރެކުރުމާއި، އެއް ގަރާޖަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކުރުމުގެ މައްސަލައާއި ގުޅޭ ގޮތުން ނަހުލާ ވިދާޅުވީ ސަރުކާރު ބަދަލުވެގެން އައިފަހުން ގަރާޖު ސިޓީގެ ކަންކަން ރަނގަޅަށް ތަންފީޒްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާކަމަށެވެ.

ރާއްޖެއަށް އެތެރެކުރެވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ ކުރިން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމް ހަރުދަނާކުރަންޖެހޭ ކަން ފާހަގަކޮށް ނަހުލާ ވިދާޅުވީ އެކަމަށްޓަކައި މިހާރު މިނީ ބަހުގެ ހިދުމަތްވެސް ފަށާފައިވާކަމަށެވެ.