އައްޑޫ ސިޓީގައި އެމްބިއުލާންސް އަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާ އަށް މާލެ ގެންދިޔުމަށް ނިންމާފައިވީ ނަމަވެސް ލަސްވަނީ ފްލައިޓެއް ހަމަ ނުޖެހިގެން ކަމަށް އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓަގައި އަނިޔާވި ޒުވާނާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި ޒުވާނާގެ ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތް ނަމަވެސް ސިކުނޑިއަށް ލޭ އެޅިފައި ހުރިކަމަށް ސްކޭންތަކުން ދައްކާ ކަމަށް ވަނީ ބުނެފައެވެ.

އެހެން ކަމުން ވީ އެންމެ އަވަހަކަަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް ފްލައިޓެއް ހަމަޖެހޭނެ ވަގުތެއް މޯލްޑިވިއަންގެ ފަރާތުން އަދި އަންގާފައި ނުވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.

އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި އިއްޔެ ހިނގި މި އެކްސިޑެންޓުގައި ފަރުވާ ދެމުން ދަނީ ސައިކަލު އެ ވަގުތު ދުއްވަން އިން 18 އަހަރުގެ ޒުވާނަކަށެވެ. އެ އެކްސިޑެންޓްގެ ފޮޓޯތަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ފެންނަ ފެނުމަށް ސައިކަލުގެ އިތުރުން އެމްބިއުލޭންސް އަށް ވެސް ވަނީ ބޮޑެތި ގެންލުނަތަކެއް ލިބިފައެވެ.

އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުން ދާއިރު ދާދި ފަހުން ވަނީ މާލެއާއި ހުޅުމާލެ ގުޅޭ ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގައި 26 އަހަރުގެ ޒުވާނަކަށް އަނިޔާވެ އޭޑީކޭއިން ފަރުވާ ދޭން ފަށާފައެވެ.