ބޮޑު އީދުގެ އެކި ކުޅިވަރުތަކާއި އެކި މަޖާ ވަހަކަތަކުގައި ނަސްމާއްތަ އާއި ޝިހާމް މަޖާވެފައި ތިއްބެވެ. ސުހާއަށް އިނދެވުނީ އެވާހަކަތައް އަޑުއަހާފައި ހޭށެވެ. އިރުކޮޅަކުން ޝިހާމްގެ ޖީބުން މެޓާތަކެއް ނެގުމަށްފަހު ސުހާގެ އުނގަށް އަޅާލިއެވެ. " ހާދަބައިވަރު މެޓާތަކެއް" ސުހާގެ އުނގުން މެޓާތައް ނަގަމުން ބުންޏެވެ. އަދި ނަސްމާއްތައަށް ވެސް އެއްބައި ދިނެވެ. "ތީމިއަދު ރައްޓެއްސަކު ދިން މެޓާތަކެއް، ވަރަށް މީރު.. އެހެންވެ ހަމަ ގެނެސްދިނީ" ޝިހާމް ބުންޏެވެ.
މެޓާތައް ނަގަންވެގެން ސުހާ ފޯނު އުނދޯލީމަތީގައި ބެއްވުމުން ވަރަށް ސިއްރުން ޝިހާމް އެފޯނު ނެގިއެވެ. އަދި ވަރަށް ހިނިއައިސް ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުން ދިޔައެވެ. ވަރަށް ލާނެއް ފާޑަކަށް ހިނިތުންވަމުން ފޯނު އޮތްތަނުގައި ބޭއްވިއެވެ. ސުހާއަށް އެމަންޒަރު ފެނި ހިނިތުންވެލިއެވެ. ނަސްމާއްތައަށް އެކަން ރޭކާވެސް ނުލައެވެ.
އިރުކޮޅަކުން ނަސްމާއްތަ އާއި ޝިހާމް ގެއަށްދާން ތެދުވެއްޖެއެވެ. އެމީހުން ދިއުމުން ސުހާވެސް ގެއަށްވަދެ ނިދަން ތައްޔާރުވިއެވެ. އޭރު ނުވަގަޑި ބައިވެއްޖެއެވެ. ގޮދަނޑީގައި އޮވެ ހަމަޖެހިނުލެވެނީސް ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. މެސެގު ކިޔާލުމަށްފަހު ސުހާއަށް އަނގަމަތީގައި އަތްއަޅާލެވުނެއެވެ. ބެއިހުތިޔާރުގައި ހިނިތުންވެވުނެވެ. "ހުވަފެން ދެކޭނީ ހިއްސާކުރާނީ... ހިޔާލު ކިޔާދީ ހިތާހިތް ގުޅާނީ..ވައުދާ ހުވާކޮށް އަތާއަތް ޖަހާނީ.. ލޯބީގެ ނަމުގައި މިސަފުހާ ލިޔާނީ.. އައިލަވްޔޫ.. ގުދްނައިޓް.. މިސްޔޫ" ޝިހާމްގެ އެމެސެޖު ސުހާއަށް ކިޔުނު އަދަދެއްވެސް ނޭންގުނެވެ. އަދި އެލަވައިގެ ފަހު ކަޑި ލިޔެލުމަށްފަހު ސުހާވެސް ހަމައެގޮތަށް ޝިހާމްއަށް މެސެޖު ފޮނުވާލިއެވެ. " މާފް ކުރާށޭ ކެތްނުވެވޭހާ ލޯބިވެވިއްޖޭ ހައިރާންވާހާ.. ދުއާވެސް ކުރާނީ އަބަދުވެސް އެދޭނީ އެކީގާ ވުމޭ، އެކީ މަރުވުމޭ...". ނަމަވެސް ވަރަށް ޖެހިލުންވެސް ވިއެވެ. އެފަދަ ގޮތަކަށް ޝިހާމް މެސެޖުކޮށްފާނެ ކަމަށް ހިއެއްވެސް ނުކުރެއެވެ.
**********************
އީދު ދުވަސްތައް ވަރަށް ފޯރިއާއެކު ނިމެމުން ދިޔައެވެ. މީރު ކެއުންތަކާއި ކުޅިވަރުގެ އަޑުތަކުން ރަށް އޮތީ ހަލަބޮލިވެފައެވެ. މިރޭ ވެސް ރޭގަނޑު ކެއުމަށްފަހު ސުހާ އުޅުނީ ކުޑަކޮށް ރީތިވުމަށެވެ. އޮޑިގަންނަންދާތަން ބަލާލަން ދާންވެގެން ތައްޔާރުވަމުންނެވެ. ބުރުގާ ގައި ދަތި ޖަހަން ހުއްޓާ ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. ބަލާލިއިރު ޝިހާމްގެ މެސެޖެކެވެ. " ނިކުމެބަލަ.. މިދަނީ ތިގެއަށް" މެސެޖު ކިޔާލުމަށްފަހު އަވަސް އަވަހަށް ބުރުގާ ހަދާލިއެވެ. އަދި ބޭރަށް ނިކުމެ އުނދޯލީގައި ހަމަޖެހިލިއެވެ. ފެންނަ ފެނުމަށް ވަރަށް ހަމަޖެހިލައިގެން އިންހެން ހީވިއަސް ސުހާ އިނީ ޖެހިލުންވެ ބިރުގެންފައެވެ. ފޯނެއްގައި ހުރެގެން ޝިހާމް އަންނަތަން ފެނުމުން ސުހާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ.
"މީ ޔޫއްޕެ، ރާނިޔާ ދައްތަ ގާތުގައި ބުނޭ ޔޫއްޕެ ގުޅައިފިއޭ...ޔޫއްޕެ ސަލާން ބުންޏޭ" ހިނިގަނޑެއް ޖަހާލަމުން ޝިހާމް ފޯނު ކަނޑާލިއެވެ. އަދި އުނދޯލީގައި އިށީނެވެ. " އެނގޭތަ، ވިޔާމް ހޯދަން ވެގެން އެގޭ ފޯނަށް ގުޅީމަ ފޯނު ނެގީ ލަޔާނާ، ޔޫއްޕެއާ ހެދި މޮޔަވެފަ ހުންނާނީ، އަދި ވަކިން އޭނާގެ ދައްތަ ފޯރި ހުންނާނެ، ލަޔާނާ އަނގަ ގޮއްވާލީ މީ" ޝިހާމް މަޖާވެފައި ވާހަކަދެއްކިއެވެ. ސުހާ އެވާހަކަތައް އަޑުއަހަން ހިނިއައިސްފައި އިނެވެ.
"ސުހާ ކުލަބަށް ވަންނަން ވީނު، މިހެން މިބުނީ ތިހެން ކަމެއް ނެތިފަ ކުންނައިރު އެއީ ވެސް ރަނގަޅު ކަމެއްގެން ހީވާތީ" އުނދޯލި ހެއްލާ އަޑު އިރުކޮޅަކު ހުރުމުންފަހު ޝިހާމް ވާހަކަ ދައްކަން ފެށިއެވެ. " ކޮން ކުލަބެއް؟" ހައިރާންވެފައި ސުހާ ސުވާލުކުރިއެވެ. " އަހަރުމެންގެ ފުޜުބޯޅަ ކުލަބު.. ހެނބަދޫ ޔޫތު ސްޕޯޓްސް ކުލަބު... މިއުޅެނީ އެކުލަބު ރަޖިސްޓްރީ ކުރަން ވެގެން، މިފަހަރު އަހަރެން ބުނީތީ ވަންނަން ވީނު" ޝިހާމް ތަފްސީލުކޮށްދިނެއެވެ. ފުރަތަމަ ފަހަރަށް ސުހާ ގާތުގައި ކަމަކު ކިއުމުން ސުހާ އިނީ ވަރަށް އުފާވެފައެވެ. " އެންމެ ރަނގަޅު، ޝިހާމް ބުނީތީ ވަދެފާނަން" އިތުރަށް ވިސްނާކަނަށް ވެސް ސުހާ ބޭނުމެއް ނުވިއެވެ.
ޝިހާމްގެ މޫނަށް ބަލައިލަމުން ސުހާ ހިނިތުންވެލިއެވެ. ރަށުގައި ގިނަ ކުލަބުތައް އޮވެއެވެ. ނު ހިންގާ ވާހަކަ އާއި ރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ކުރަމުން ދާތީ ނުފެންނަ ވާހަކަ ޝިހާމް ދެއްކިއެވެ. އަދި މިރަށުގައި ހުރެވޭ ގޮތްވުމުން އެކަހަލަ ކަމެއްވެސް ކުރަން ގަނދުކުރަނީ ކަމުގައި ޝިހާމް ބުންޏެވެ.
***************
މެންދުރު އެންމެ ހޫނުގަދަ ވަގުތެވެ. މަންމަ ބަރަބޯ ފޮއްޗެއް ދިނުމަށްފަހު ބޮޑުދައިތަ ގެއަށް ލައިދޭން ބުނުމުން ސުހާ އެގެއަށް ދިޔައެވެ. ރޭޑިއޯއިން އަންނަމުންދިޔަ ވާހަކައަށް ގެއްލިފައި ފަޒޫ އެގޭ ބިއްދޮށު ޖޯލީގައި އިނެވެ. ބަނބުކެޔޮގަހުގެ ބޮޑު ހިޔާގަނޑުގައި އިންއިރު ހޫނުގެ އެއްވެސް އިހުސާސެއް ނުވާކަހަލައެވެ. ފަހަރން ގޮސް ބޮލުގައި ކޮއްޓާލުމުން ވެސް ފަޒޫއަށް ރޭކާވެސް ނުލައެވެ. "ސާބަހޭ، ވާހަކަ ދޯ ތިޔަ އަޑުއަހަނީ" ދެވަނަ ފަހަރަށް ފަޒޫގެ ބޮލުގައި ސުހާ ޖަހާލުމުން ފަޒޫ ހިނިގަނޑެއް ޖަހާލިއެވެ. "ހޫމް... މަންޖެ ދޯ.." ފަޒޫ ސިއްސައިގެން ގޮސް ތެދުވިއެވެ. " މިއޮތީ މަންމަ ދިން އެއްޗެއް. ދޭބަލަ ބަދިގެއަށް ލާން" ސުހާ ބަރަބޯ ފޮތި ދިއްކޮށްލިއެވެ. " މިހާރު ދެން ނުވެސް އާދޭ މިގެއަކަށް، އެހެންތާ ވާނީދެން" ބަރަބޯފޮތީގައި ހިފަމުން ފަޒޫ ދިމާކުރަން ފެށިއެވެ. ޝިހާމް އޭކިޔައިގެން ދިމާކުރަން ފެށިއެވެ. ފަޒޫ ނޫނަސް ރަށުގެ ބައެއް މީހުން އެވާހަކަ ދައްކާކަން މީހުންގެ ވާހަކައިން ސުހާއަށް އެނގެއެވެ. އެރަށަކީ ވަރަށް ފަސޭހައިން ވާހަކަ ގޮތްގޮތަށް ފެތުރިގެންދާ ރަށެކެވެ. ފަޒޫ ދިމާކުރުމުން އެއްޗެއް ހިތަށް ނޭރި ނަމަވެސް ރަށުތެރޭ ވާހަކަ ފަޅާގޮތްގޮތުން ސުހާވެސް ޖެހިލުންވެއެވެ.
ގެއަށް އައިސް ސުހާ ފޯނު ބަލާލިއިރު ޝިހާމްގެ ނަންބަރުން ދެފަހަރު ގުޅާފައި އޮތެވެ. އާންމުކޮށް ނުގުޅާ ގަނޑިއެއްގައި ގުޅާފައި އޮތުމުން ސުހާ ކުޑަކޮށް ހައިރާންވިއެވެ. އަދި ޝިހާމްގެ ނަންބަރަށް ގުޅިއެވެ. ދެފަހަރު ރިންގުވިއިރު ފޯނު ނަގަފިއެވެ. އެއްޗެކޭ ނުބުނެ އިރުކޮޅެއްވުމުން ސުހާ ހަލޯ ބުންޏެވެ. "ހަލޯ" އެކޮޅުން އިވުނީ ޝިހާމްގެ އަޑެއް ނޫނެވެ. އެގޭ ސާދުނާގެ އަޑެވެ.
(ނުނިމޭ)
މިބައިވެސް ވަރަށް ރީތި. ވަރަށް ކިޔާހިތުން ކިޔާލެވޭ މިވާހަކަ.