ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުން ތަކަކީ ޕްރައިވަޓައިޒޭޝަން ގާނޫނާ ހިލާފަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު މުހައްމަދު ރަޝާދު އެމަގާމުން ވަކިކުރުމާ ގުޅިގެން އުޝާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރެއް ނޫން ކަމަށެވެ.

ޕްރައިވަޓައިޒޭޝަން ގާނޫނު ހިއްސާ ކުރައްވަމުން އުޝާމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމުގެ ގާނޫނީ ބާރު ލިބިދީފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ކަމަށެވެ.

ޕްރައިވަޓައިޒޭޝަން ގާނޫނުގެ ސަރުކާރު ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި, ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނާ ގުޅޭ މައްދާގައި ބުނެފައި ވަނީ މި ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ސިފަތައް ކަނޑައަޅާފައެވެ. އަދި މި ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަންޖެހޭ ފަރާތްތައް އައްޔަން ކުރުމުގައި އަމަލުކުރަން ޖެހޭ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަންތަނަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ މީހުން އައްޔަނު ކުރުން ހިމެނޭ ކަމަށެވެ.

ޕްރައިވަޓައިޒޭޝަން ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މިގާނޫނުގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރުމުގެ އިހްތިސާސެއް ލިބިގެން ނުވާކަމަށެވެ.

ޕްރައިވަޓައިޒޭޝަން ގާނޫނުގައު މިހެން ބުނެފައި ވާއިރު ރައީީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަމްރު އެސްޓިއޯ އިން ވަކިކުރީ ސަރުކާރުން އެކަމަށް އެދި ހުށަހެޅުމުން ކަމަށެވެ.