ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ ޕްރޮގްރާމްތައް ގެނެސްދިނުން އެއްވެސް ފަރާތަކުން މަނާކޮށްފައި ނުވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފިއެވެ.

ޕީއެސްއެމްއިން މިގޮތަށް ބުނެފައިވަނީ އަމްރުގެ ޕްރޮގްރާމްތައް އެ މީޑިއާ އިން ދެއްކުން ރައީސް އޮފީހުން މަނާ ކޮށްފައިވާ ކަމަށް އާންމު ބައެއް ފަރާތްތަކުގެ އިތުރުން ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޕީއެސްއެމް ގެ ފަރާތުން ބުނީ "އަމްރު ގެ ޕްރޮގްރާމްތައް ގެނެސްދިނުން މަނާ ކުރުމުގެ އެއްވެސް އިންސްޓްރަކްޝަނެއް ލިބިފައި ނުވާ" ކަމަށެވެ.

އަދި އަބަދުވެސް ޕީއެސްއެމް އިން މަސައްކަތް ކުރަނީ އެވަގުތަކު އެންމެ މުހިންމު ކަމަށް އެ މީޑިއާ އަށް ފެންނަ މައުލޫމާތު ރައްޔިތުންނަށް ގެނެސް ދިނުމަށް ކަމަށާއި އަދި ރިކޯޑް ކޮށްފައިވާ ޕްރޮގްރާމްތައް ޝެޑިއުލް ކޮށް ގެނެސްދެވޭނެ ކަމަށްވެސް އެ މީޑިއާ އިން ބުންޏެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މިރޭ 21:00 ގައި ޕީއެސްއެމް މެދުވެރިކޮށް ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެސްޓީއޯގެ އެމްޑީ އަމްރުގެ ޕްރޮގްރާމްގެ ރިކޯޑިންގް ހަދާ ނިންމާފައި ވީ ނަމަވެސް އެ ޕްރޮގްރާމު ގެނެސްދިނުން މަޑުޖައްސާލީ ރައީސް އޮފީހުގެ އިންސްޓްރަކްޝަނަކަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ގައި މުހައްމަދު ނަޝީދު ނާކާމިޔާބު ވުމުން އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ގިނަވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ މިދަނޑިވަޅުގައި އަމްރު ތާއިދު ކުރަށްވަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ.