އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ އެ ރަށު މީހުންގެ ފަހުރެވެ. ކޯގަންނު ބުރުސްތާނަކީ ދިވެހިރާއްޖޭގައި މިހާރު ފެންނަން އޮތް އެންމެ ބޮޑު، އެންމެ ތާރީހީ، އަދި އެންމެ ގަދީމީ ގަބުރުސްތާނެވެ. މި ގަބުރުސްތާނުގެ ބޮޑު މިނަކީ 10،500 އަކަ ފޫޓެވެ.
ކޯގަންނަ ގަބުރުސްތާނަކީ މީގެ 900 އަހަރު ކުރިން އެ ރަށުގައި ފުރަތަމަ އިސްލާމްދީން ގަބޫލުކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލާފައިވާ ތަނެކެވެ. އޭގެ އެތެއް ސަތޭކަ އަހަރެއް ފަހުން، މިއަދުވެސް އެ ރަށުގައި މީހުން ވަޅުލާން ބޭނުންކުރާ މި ގަބުރުސްތާނަކީ ދިވެހިންގެ ކުޅަދާނަކަން ފެނިގެންދާ ހެއްކެކެވެ. އިލްމުވެރިންނާއި ގުރުއާން ހިތުދަސް ހާފިޒުންގެ މަހާނަތައް އެނގޭނެ ގޮތަށް ފަރުމާކޮށަ ޖަހާފައިވާ އެވޭލާ މަހާނަތަކުގައި އަރަބި ބަހުން ލިޔެފައިވުމުން އެދުވަސްވަރު އެތަނުގައި އޮތް ދީނީ އިލްމުވުރިކަމުގެ މިންވަރު އެނގިގެންދެއެވެ.
ކުރީގެ ތާރީހީ ފަތްފޮތްތަކަށް ބަލާލުމުން ކޯގަންނު ގަބުރުސާތާނު ހުރި ސަރަހައްދަކީ ކުރިން ވަކި ރަށެއްގެ ގޮތުގައި އޮތް ތަނެކެވެ. އެ ޒަމާނުގައި އެތަން ބޭނުންކުރީ ބުދު ދީނުގެ މީހުން މަރުވުމުން އެމީހުންގެ ހަށިތައް އެންދުމަށެވެ. އެހެންނަމަވެސް މީދޫ ރައްޔިތުންނަށް އިސްލާމްދީންގެ ހިދާޔަތު ލިބުމާއެކު ކޯގަންނު ގަބުރުސްތާނު ވަނީ މުސްލިމުން ވަޅުލުމަށް ބޭނުންކުރަން ފަށާފައެވެ. މުސްލިމުން ވަޅުލުމަށްޓަކައި ގަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅާ ރާއްޖޭގައި އެންމެ ފުރަތަމަ ހެދި ގަބުރުސްތާނަކީ ވެސް ކޯގަންނު ގަބުރުސްތާނެވެ.
އެ ޒަމާނުގައި އެ ގަބުރުސްތާނުގައި ހަތް މިސްކިތް ހުއްޓެވެ. އެއީ ކޯގަންނު މިސްކިތާއި ބޯދާ މިސްކިތާއި ރާވެރީން މިސްކިތާއި އަތަރާ މިސްކިތާއި ކިލެގެ މިސްކިތާއި ދެށިނާ މިސްކިތާއި ފަނޑިޔާރު މިސްކިތެވެ. ހިރިގަލުގެ މަސައްކަތާއި ބިސްތާނުތަކުގެ ޑިޒައިނާއި މިސްކިތްތަކުގެ އަދަދާއި އެތަންތަނުގެ ތާރީހު އަދި އައްޑޫގެ ރަށްތައް އިސްލާމްދީނަށް އެނބުރުމުގެ ސަބަބުކަމަށް މެދުވެރިވި ބޭކަލެއްގެ ޒިޔާރަތް އެތަނުގައި ހުރުމަކީ އެތަނުގެ މުހިންމުކަން ބޮޑުވެގެންދާ ސަބަބުތަކެވެ.
ކޯގަންނު ގަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަ ގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ގަބުރުސްތާނެވެ. އެގޮތުން 1500 އަށްވުރެ ގިނަ މަހާނަގާ މި ގަބުރުސްތާނުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ގުރުއާން ހިތުދަސް ހާފިޒުންގެ މަހާނަގާތަކާއި އަދި އިހުގެ ދަންނަބޭކަލުންގެ މަހާނަގާތައް ވެސް އެބަހުއްޓެވެ.
ކޯގަންނުގައި ހުންނަ މެދު ޒިޔާރަތަކީ މީދޫގެ ތާރީހާ ގުޅިފައިވާ މުހިއްމު ޒިޔާރަތަކެވެ. އައްޑޫ އާއި ފުވައްމުލަކުގެ އިތުރުން ހުވަދޫ އަތޮޅަށް އިސްލާމީ ނޫރު ގެނެސްދެއްވި ޔޫސުފް ނައިބް އާއި އޭނާނުގެ މަދަދުވެރިން ފަސްދާނުލައިފައި ވަނީ މި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައިވާ ހައިވަކަރު ހުދު ދިދަ ދަނޑިއަކީވެސް އެ ރަށުގެ ތާރީހާ ގުޅިފައިވާ މުހިއްމު ދިދަ ދަނޑިއެކެވެ. މެދު ޒިޔާރަތުގައި ދިދަ ދަނޑިއެއް ޖެހުމުގެ މަސައްކަތުގައި އުޅެނިކޮށް އެ ރަށަށް ލެއްގިކަމަށް ބުނާ މި ދިދަ ދަނޑިއަކީ އެ ޒިޔާރަތުގެ ކަރާމާތުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެ ރަށު މީހުން ދެކި އުޅުނެވެ.
ކޯގަންނު މެދު ޒިޔާރަތު ވަޅަކީ ހިރިގަލުން ހަދާފައިވާ ފެންމީރު ވަޅެކެވެ. މި ވަޅުގެ ހަތަރު ކަނުގެ ފެނުގެ ރަހަ ތަފާތުކަމަށްވެސް އޭރު ގިނަ ބަޔަކު ބުނެއެވެ. އެކި ދުވަސްވަރު މަތިން މި ގަބުރުސްތާނުގެ މަހާނަ ގާތަކަށް އެކިވަރުގެ ގެއްލުންތައް ދީފައިވާއިރު 2003 ވަނަ އަހަރު ކޯގަންނު ގަބުރުސްތާނުގައި ވަށާ ފާރެއް ރޭނިއެވެ.
މީގެ އިތުރުން އެ ގަބުރުސްތާނުގައިވާ ބޮޑު ދެ މަހާނަ ގަލަކީ ގަދީމީ ޒަމާނުގެ ކުރެހުންތަކާ ލިޔުންތަކުގެ ފުރިހަމަކަން ފެނިގެންދާ ހެއްކެކެވެ. އެ ދެމަހާނަ ގަލަކީ އައްސުލްތާން ހަސަން ނޫރައްދީން އެކެއް އަދި އައްސުލްތާނު މުހައްމަދު މުއިއްޒުދީން (ކަޅުބަންޑާރައިން)ގެ މައިދާތާފުޅު ދޮން ހަދީޖާ ބީގެ މަހާނައިގެ ދެ ގަލެވެ.
ކޯގަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުގައި ހުންނަ ހިރިގަލުގެ މިންބަރާހަކީ ސީދާ ކޮން ޒަމާނެއްގައި ބިނާކުރި ތަނެއްކަން އެނގޭކަށް ނެތެވެ. ކުރިން އެ މިންބަރާހުގައި ތާރީހު ފެންނަން އޮތް ނަމަވެސް އެ މިންބަރާހުގައި ޖެހި ތަށިމުށިތަކުގެ ސަބަބުން ފަހުން އެ ތާރީހު އެނގޭކަށް ނެތެވެ.
ކޯގަންނު ގަބުރުސްތާނުގައި 1970 ގެ އަހަރުތަކާ ޖެހެންދެން ކައިރި ރަށްރަށުން މީހުން އައިސްގެން ކިރުވުމާއި ފޮރުވައިގެން ނަދުރު ބުނުން ފަދަ 'ބޯދާ' ކަންތައްތައް ކުރިއެވެ. ދުނިޔޭގެ ހަނދާނީ ބިނާތައް ނުވަތަ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނޭ މީދޫ ކޯގަންނު ގަބުރުސްތާނަކީ ހިމާޔަތް ކޮށްފައި ވާ ގައުމީ އާސާރެކެވެ.