މުސްލިމް އަޅާ މި ބިންމަތީގައި ކުރާ އަޅުކަންތަކުގެ ތެރެއިން މާތް ﷲ އަށް ކުއްތަންވެ ކުރާ އެންމެ ފަސޭހަ އަދި އެންމެ ބާރުގަދަ އެއް އަޅުކަމަކީ އެކަލާނގެ އަށް ޒިކުރު ކުރުމެވެ. ޒިކުރު ކުރުމުގެ އަމަލަކީ މާތް ﷲ މަތިން ހަނދުމަކޮށް އެކަލާނގެއަށް ޝުކުރުވެރިވާ ހާލު އެކަލާނގެއަށް ހަމްދާއި ސަނާ ކިޔުމުގައި ވަގުތު ހޭދަކުރުމެވެ.
ﷲ ސުބަހާނަހޫވަތާއާލާ ހަނދުމަކޮށް އެކަލާނގެއަށް ޒިކުރު ކުރުމުގެ އަޅުކަމަކީ ކީރިތި ޤުރުއާނުގެ އެތަށް ތަނެއްގައި ބަޔާންވެގެން އައިސްފައިވާ އަޅުކަމެކެވެ. މިގޮތުން، އަޅުތަކުންގެ ތެރެއިން އެންމެ ސޯލިހް އަޅަކީ މާތް ﷲ ދެއްވާފައިވާ ރަހަމްތަކަށް ޝުކުރުވެރިވެ އެކަލާނގެއަށް ހަމްދުކުރާ އަޅާކަމަށް ޤްރުއާނުން ސާބިތުވެއެވެ.
ކީރިތި ޤްރުއާނުގެ އާލް އިމްރާނު ސޫރަތުގެ 191 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވައެވެ.
"އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި އޮށޯވެ ތިބެގެން، ﷲ ހަނދުމަކޮށް އުޑުތަކާއި ބިން ހެއްދެވުމާމެދު ފިކުރުކޮށްއުޅޭ މީހުންނެވެ. (އެއުރެން ދަންނަވާނެތެއެވެ). އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައި ވަނީ ބާތިލް ގޮތެއްގައިއެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ. ފަހެ، ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެއެވެ."
މީގެ އިތުރުން ވެސް ޤުރުއާނުގެ އެތަށް ތަނެއްގައި މާތް ﷲ އަށް ޒިކުރުކުރުމުގެ ވާހަކަ އައިސްފައިވާ އިރު ސޫރަތުލް ބަގަރާގެ 152 ވަނަ އާޔަތުގައި އެކަލާނގެ ވަހީ ކުރައްވައެވެ.
"ފަހެ ތިޔަ ބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ. އަދި ތިމަންރަސްކަލާނގެ އަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ".
ރަސޫލާގެ ސުންނަތުން ޒިކުރުކުރުން
ﷲ އަށް ޒިކުރު ކުރެއްވުމަކީ މި އުއްމަތުގެ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމް، ކިޔަމަންތެރިކަމާއި ކެތްތެރިކަމާ އެކު ކުރެއްވި އަޅުކަމެކެވެ. އަދި މިކަމަކީ އެކަލޭނގެފާނުގެ އުއްމަތަށް އެތަށް ފަހަރެއްގެ މަތިން ބާރު އެޅުއްވި ކަމަކަށްވާ އިރު ޒިކުރުކުރުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވާ ރަސޫލާ ކުރެއްވި އެތަށް ހާދީޘެއް ވާރިދުވެގެން އައިސްފައި ވެއެވެ.
މި ގޮތުން ޒިކުރުކުރުމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ކުރެއްވި އެއް ހަދީޡްގައި ވަނީ؛
"ތިމާގެ ވެރި ރަސްކަލާނގެ ހަދުމަ ކުރާ މީހާއާއި ތިމާގެ ވެރި ރަސްކަލާނގެ ހަނދުމާ ނުކުރާ މީހާގެ ތަފާތަކީ ދިރިތިބީންނާއި މަރުވެ ދިޔަ މީހުންގެ ތަފާތެވެ. (ބުޚާރީ)
އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވާ ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމް ހަދީޘެއްގައި ވަނީ:
"މީސްތަކުންގެ ތެރެއިން 7 ކަމެއް ކުރާ ބަޔަކަށް ގިޔާމަތް ދުވަހުން މާތް ﷲ އެކަލާނގެ އަރުޝީގެ ހިޔާއިން ހިޔާ ދެއްވާނެއެވެ. އޭގެ ތެރޭގައި އެކަލާނގެ ހަދުމަކޮށް ލޮލުން ކަރުނަ އޮހޮރާ މީހާ ހިމެނެއެވެ."
ޒިކުރުކުރުމުގެ ފައިދާތައް
ޒިކުރުކުރުމަކީ ﷲގެ ހަޟްރަތަށް ކުއްތަންވެ ކުރެވޭނެ އަޅުކަމުގެ ތެރެއިން އެންމެ ފަސޭހަ އެއް އަޅުކަމެވެ. މުސްކުޅި ބަލީގެ ސަބަބުން ހިރިފިރިވެ ނޫޅެވޭ މީހުންނާއި ބަލިތަންމަތީގައި އޮންނަން މަޖްބޫރުވެފައިވާ މީހުންނަށް ވެސް ކުރެވޭހާ ލުއި އަޅުކަމެކެވެ.
- ޒިކުރުކުރުމަކީ ޝައިތާނާއާ ދުރުވާ ކަމެއް: ގިނަ ގިނައިން މާތް ﷲ ހަމްދުކޮށް ޝުކުރު ދަންނަވާ އަޅެއްގެ ހިތް ވަނީ ޝައިތާނާގެ ނުބައި ވަސްވާސްތަކުން ސަލާމަތް ވެފައެވެ. މިކަމަކީ އެމީހެއްގެ އީމާންތެރިކަން ވަރުގަދަވާނެ ކަމަކަށްވާ އިރު މުސްލިމް އަޅާގެ ހިތުގައި މާތް ﷲ އަށް އޮންނަ ލޯބި އިތުރުވެގެން ދެއެވެ. މުޅި ކާއިނާތުގެ ވެރި އިލާހް ދެކެ ލޯބިވާ އަޅަކީ ޝައިތާނާ ގާތްވާނެ އަޅެއް ނޫނެވެ.
- މިއީ ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެއް: މާތް ﷲ ސުބަހާނަހޫ ވަތައާލާއަށް ޒިކުރުކުރާ މީހެއްގެ ހިތުގެ އަނދިރިކަމާއި އުދާސްތައް ފޮހެވިގެން ދާނެއެވެ. އަދި އެކަލާނގެ ހުސްތާހިރުވަންތަކަން ހަނދުމަކޮށް ކޮންމެ ދުވަހަކު އެކަލާނގެއަށް ޒިކުރު އަދާ ކުރާ މީހެއްގެ ނަފްސުގެ ތާހިރުކަން ކަށަވަރު ވެގެން ދާ އިރު ޝައިހް އިބްނު ތައްމިޔާހް ވިދާޅުވަނީ ދިރިހުރުމަށް މަހަކަށް ފެން މުހިއްމު ވާ ފަދައިން މުސްލިމް އަޅާގެ ހިތަށް ޒިކުރުކުރުން މުހިއްމުވާ ކަމަށެވެ.
- މާތް ﷲ ދެއްވާ ރަހްމަތްތައް އިތުރުވުން: ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވާ ފަދައިން އެކަލާނގެ ހަނދުމަކުރާ މީހެއްގެ މަތިން އެކަލާނގެ ވެސް ހަދުމަކުރައްވާނެއެވެ. އެމީހެއްގެ ވަގުތު އެކަލާނގެއަށް ހަމްދުކުރުމަށް ހުސްކުރާ މީހަކަށް ދެ ދުނިޔޭގައި ގިނަ ގުނަ ރަހްމަތްތައް ދެއްވާނެ ކަން ޔަގީނެވެ
ޒިކުރުކުރާނެ ގޮތް
މާތް ﷲ ތައާލާއަށް ޒިކުރުކުރުމަކީ ވެސް އެކަލާނގެއަށް ކުރެވޭ އަޅުކަމަކަށްވާ އިރު އެކަލާނގެއަށް ކުރާ އެހެން އަޅުކަންތައް ފަދައިން އެންމެ ފުރިހަމަ ގޮތުގައި މި އަޅުކަން ކުރާނެ ވަކި ގޮތްތަކެއް ވަނީ ކަނޑައެޅިފައެވެ. އިލްމުވެރިން ވިދާޅުވާ ގޮތުން ޒިކުރުކުރާ އިރު މިއަންނަ ކަންކަމަށް ވިސްނުން މުހިއްމެވެ.
- ޒިކުރުކުރާ އިރު ހަމައެކަނި ނިޔަތަކަށް ވާން ޖެހޭނީ މާތް ﷲ ތައާލާގެ ރުހުން ހޯދުން
- ޒިކުރުކުރާ އިރު ﷲ ތިމާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް އެކަލާނގެ ދެއްވާފައިވާ އެކި އެކި ރަހްމަތްތައް ހަނދާކުރުން
- އަޑުމަޑުތަނެއްގައި ދުނިޔަވީ އެކި އެކި ކަންކަމާ ދުރުވެ އިނދެ އެކަލާނގެ ހަނދާކޮށް ޒިކުރުކުރުން
އިމާމް ނަވާވީ ވިދާޅުވާ ގޮތުގައި ޒިކުރުކުރާ އަޅާ އިންނަން ޖެހޭނީ މާތް ﷲ އަށް ފުރިހަމައަށް ކުއްތަން ވެގެންނެވެ. އިށީނދެގެން އިންނަ ނަމަ ގިބްލައަށް ކުރިމަތިލައިގެން އިސް ތިރިކޮށްގެން ޒިކުރުކުރުމަށް އިމާމް ނަވާވީ އިރުޝާދު ދެއްވައެވެ. މި ނޫން ގޮތަކަށް ވެސް ޒިކުރުކުރެވިދާނެ ކަމަށާ އެހެން ނަމަވެސް މިގޮތަށް ކުރުމަށް އެއްވެސް ހުރަހެއް ނެތިއްޔާ އެންމެ އައުލާކަން ބޮޑީ މިފަދައިން ޒިކުރުކުރުން ކަަމަށް އިމާމް ވިދާޅުވެއެވެ.
ޒިކުރުކުރުމަކީ މުސްލިމް އަޅާ މާތް ﷲގެ މަގުގައި ކުރާނެ އެންމެ ފަސޭހަ އަޅުކަން ކަމުގައި ވީ ނަމަވެސް މީގެ މާނައަކީ ބަޔާންވެގެން އައިސްފައިވާ އެހެން ވާޖިބް އަޅުކަންތައް ދޫކޮށްލާ އެކަމަށް އެކަނި ހުސްވުމެއް ނޫނެވެ.