ހުރިހާ ބާވަތެއްގެ އިސްރާފު ކުރުމުން ދުރުވުމަށާއި، އަދި ﷲ ތައާލާ ދެއްވި ނިއުމަތްތަކަށް ޝުކުރު ވެރި ވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

އެގޮތުން ހުތުބާގައި ބުނީ، އިސްރާފު ކުރުމަކީ ﷲ ރުހިވޮޑިގެންވާ ސިފައެއް ނޫން ކަމަށާއި އެއީ އެކަލާނގެ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކުން ދުރުވުމަށް ނަސޭހަތްތެރިވިއެވެ. އަދި އިސްރާފު ކުރުމަކީ، މި މުޖްތަމައުގައި އިންސާނުންނާ ކުރިމަތިވެފައިވާ އިޖްތިމާއީ ބައްޔެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ކޮންމެ ރޯދަ މަހަކީ ވެސް އެހެން މަސްމަހާ ހިލާފަށް އިސްރާފު ކުރާ މިންވަރު އިތުރުވާ މަހެއް ކަމުން އެކަން ކަމަށް ސަމާލުކަން ދިނުމަށް ގޮވާލާފައި ވެއެވެ. އަދި އިސްރާފު ކުރުމީ ހަމައެކަނި ކާބޯތަކެތި އިސްރާފު ކުރުން ނޫން ކަމަށާއި ތިމާއަށް ލިބިފައިވާ މުދަލާއި ވަގުތު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ވެސް އިސްރާފު ކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

ހުރިހާ ނިއުމަތެއްގެ ވެރި ފަރާތަކީ ﷲ ކަމަށާއި، ދެވަނަ ފަހަރަށް ބޭނުންކުރެވޭ ތަކެތި ބޭނުން ނުކޮށް އެ ތަކެތި އުކާލައިފި މީހާ އަކީ ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު އަދާ ކުރާ މީހެއް ނޫން ކަމަށްވެސް ހުތުބާގައި ބުންޏެވެ. އަދި މުދާ ހަލާކުވަންދެން ބޭނުން ނުކޮށް ނުވަތަ މީހަކަށް ވެސް ބޭނުން ކުރުމަށް ނުދީ ހުރެ ހަލާކު ވުމަކީ އިސްރާފު ކުރުމަށް ވުރެ ވެސް ނުބައި ކަމެއް ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުންވެސް، ސައްހަ ގޮތުގައި މުދަލާއި ތަކެތި ބޭނުން ކުރުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ފިޔަވާ ބޭކާރު ހަރަދުތައް ނުކުރުމަށާއި، އަތްމަތި ދަތި ނަމަވެސް ތަނަވަސް މީހުންނާ އެއް ހަމައަށް ދިއުމަށް ދަރަނި ވެރި ނުވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. މިހާރުވެސް މާލޭގައި ދުވާލެއްގެ މައްޗަށް ދެ ޓަނަށް ވުރެ ގިނަ ކާބޯތަކެތި އުކާލާ ކަމަށާއި ރޯދަމަހު މިއަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.