ގެވެށި އަނިޔާގެ މައްސަލާގައި ގދ. މަޑަވެލިން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މައްސަލާގައި އިއްޔެ ހައްޔަރުކުރި 33 އަހަރުގެ ފިރިހެން މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މަޑަވެލި މެޖިސްޓްރޭޓް ކޯޓުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާގެ އަތުގައި ހިފާ ގެއިން ބޭރަށް ނެރެ ވައްޓާލައި ގައިގައި ޖަހާ އަތުގައި ހިފައިގެން ދަމާފައި ގެންދާ މަންޒަރު ފެނެއެވެ. އެގޮތަށް ގެންދަމުންވެސް 1 ފަހަރު ޖަހާތަން ފެނެއެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ އަންހެންވެރިން ޖަމާވެފައި ތިބިތަން ފެންނަ އިރު ބައެއް މީހުން އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރި ނަމަވެސް އެމީހުންނަށް ކައިރިވާން ނުކެރިފައި ތިބިކަމަށް ބެލެވެއެވެ.
އެ ފިރިހެން މީހާ އަންހެން މީހާގެ އަތުގައި ހިފާ ބިންމަތީގައި ދަމަމުން ލައްކަ ހިސާބަށް ގެންދިޔަ ފަހުން މާ ދުރުން ދުވެފައި އައި ފިރިހެނަކު އޭނާ ހުއްޓުވައެވެ. އޭނާގެ ގައިގައި އޮޅުލައިގަނެ ހުއްޓުވަނިކޮށް އިތުރު ފިރިހެނަކުވެސް އާދެއެވެ. އެވަގުތު އަންހެނުންނާ އެކު ހުރި އުމުރުން ދުވަސް ވީ ފިރިހަނަކު އޭނާ އާ ދިމާއަށް އެއްޗެއް ބުނާތަންވެސް ފެނެއެވެ. ފުލުހުންނަށް އެ ތަނަށް އާދެވެނީ އެހުރިހާ ކަމެއް ހިނގާފަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ އެ ރަށު މީހެއް ނޫނެވެ. އަދި އެ އަންހެން މީހާ މަޑަވެއްޔަށް ގޮސްފައިވަނީ އެ ފިރިހެން މީހާއާ ކައިވެނިކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވާއިރު އެ ދެ މީހުން ވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.