މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ ތާއިދު ބޭނުން ވާކަމަށާ ނަމަވެސް އެ މަނިކުފާނުގެ ތާއިދު ނުލިބުނު ނަމަވެސް އެމްޑީީޕީން މި އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރާ ކޯލިޝަން ޕާޓީތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ތާއިދުވެސް ބޭނުން ވާކަމަށާ އެ މަނިކުފާނާއެކު ވެސް މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީ ތެރޭގައި ކުރިއަށް ގެންދަވާ 'ފިކުރެއްގެ ދިރުން' އަށް އިޝާރަތް ކުރައްވަމުން ފައްޔާޒު ވިދާޅުވީ އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެ ކަމަށާ އެގޮތުން ދެ މީހުންނަށް އެއް ފަހަރާ ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ. އިތުރަށް ފައްޔާޒު ވިދާޅުވީ ޕާޓީގެ އިސް ބޭފުޅުންނާ ގުޅޭގޮތުން ހިތުގައި އޮންނަ ޝުއޫރުތައް ފާޅުކުރުމަކީ ޕާޓީގައި ވަރަށް ބޮޑަށް އޮންނަ ކަމެކެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ހާސްކަމެއް ނެތްކަން ފާހަގަ ކުރައްވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރާއި އެމްޑީޕީ ހިންގަނީ ފިޔަވަޅު އަޅައިގެން ނޫންކަމަށެވެ. އެހެންނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަަމަ ފިޔަވަޅުވެސް އަޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކުރިއަށް ދެވެން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ދެވަނަ ދައުރެއް ދީގެން ކަން ފާހަގަ ކުރައްވަމުން ފައްޔާޒު ވަނީ އެއްވެސް މީހަކު ބާކީނުވެ ރައީސް ސޯލިހް އާ އެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުންވެސް ރައީސް ސޯލިހްއާ އެކު މި އިންތިހާބުގައި ކުރިއަށް ވަޑައިގަތުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އަދާލާތު ޕާޓީ އާއި އެމްޑީއޭ މިހާރު ކޯލިޝަނާ ގުޅިފައި ވާއިރު އިތުރު ޕާޓީތަކުން ވެސް ކުރިއަށް އޮތްތަނުގައި ކޯލިޝަނުގައި ބައިވެރިވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ދެން ތިޔަހާ ވަރުގެ ޔަގީން ކަމެއް އޮތިއްޔާ ފެން ނެތްތާކު ރޯމަހެއް ތެޅޭހެން ތިޔަ ތެޅިބާލަނީ ކީއްކުރަން……؟