ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާ ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފް ކޮށްފިއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި އެޕްލިކޭޝަން ތައާރަފްކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
'މަދަދުގާރު' ގެ ނަމުގައި ތައާރަފް ކުރެވުނު މި އެޕްލިކޭޝަނަކީ މިނިސްޓްރީ އޮފް ޖެންޑާ އާއި ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި ޔޫއެންއެފްޕީއޭ ގުޅިގެން ތައްޔާރުކުރި އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަން އާއި ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީން ބުނީ މި އެޕް ތައްޔާރު ކުރުމުގެ މައިގަނޑު މަގްސަދަކީ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމަށް ތައްޔާރުކުރާ ވީހާވެސް ގިނަ މެޓީރިއަލްތައް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލުމުގެ ފުރުސަތު ހޯދައި ދިނުންކަމަށެވެ. އަދި މިއީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތައް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އެފްލިކޭޝަންގައި ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކާ ގުޅޭ މައުލޫމާތު އަދި އަނިޔާ ލިބޭ މީހުންަށް ރާއްޖޭގައި ލިބެން ހުންނަ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހިމަނާފައިވާނެއެވެ. ޖެންޑާ މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި މި އެޕް ބޭނުން ކުރާ ނިސްބަތައް ބަލައި، ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަވާނެ ފީޗާތައް ހިމެނުމަށް ރާވާފައިވާ ކަމަށެވެ.