ކާނި ގަހަކީ އާންމުކޮށް ގިނަ ރަށްތަކުގައި ވެސް ހުންނަ ބާވަތެއްގެ ގަހަކަށްވާ އިރު، ށ. މަރޮށީ ގައި ހުރި ބޮޑު ކާނި ގަސް ހާއްސަ ވަނީ ކޮން ގޮތަކަށްތޯ ސުވާލު އުފެދި ދާނެއެވެ.

މަރޮށްޓަކީ ވެސް ދިވެހިރާއްޖޭގެ ތާރީހުން ޖާގަ ހޯދާފައިވާ ރަށެކެވެ. އެރަށް ހާއްސަ ވަނީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ރަށަކަށް ވުމުންނެވެ. މީގެ 800 ވަރަކަށް އަހަރު ކުރިން މީލާދީން 16 ވަނަ ގަރުނުގެ ތެރޭގައި ޕޯޗުގީޒުންގެ އަޅުވެތި ކަމުގެ ދަށަށް ރާއްޖެ ގެންގޮސްފައި ވާއިރު ޕޯޗުގީޒުންގެ އަޅުވެރިކަމުން ރާއްޖެ ސަލަމާތް ކުރުމަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތާ ގުޅުން ހުރި "ބޮޑު ކާނިގަސް" ހުންނަނީ މަރޮށީގައެވެ.

ހއ. އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ގައުމީ ޖިހާދަށް ނުކުންނެވުމަށް ކަޅުއޮށްފުންމި ތައްޔާރުކޮށް، އެ އޮޑީގެ ރިޔާ ހަދައިދިނުމަށް އެދިވަޑައިގެންނެވީ މަރޮށީ ރައިވެރިބޭގެ ކިބައިންނެވެ. ރައިވެރިބޭ ރިޔާ ތައްޔާރު ކޮށްދިނުމުން އެ ރިޔާ ބޭއްވުމަށްޓަކައި ބޮޑުތަކުރުފާނު ތިން ކަޑަ ޖެއްސެވިއެވެ. ބުނެވޭ ގޮތުގައި މަރޮށީގައި ހުރި މި ބޮޑު ކާނި ގަހަކީ ކަޅުއޮށްފުންމީގެ ރިޔާ ތައްޔާރުކޮށް، އެ ރިޔާ ބޭއްވުމަށްޓަކައި ބޮޑުތަކުރުފާނު ޖެއްސެވި ތިން ކަޑައިން އެއް ކަޑައަކުން ހެދުނު ގަހެކެވެ.

މަރޮށީގައި ހުންނަ ބޮޑު ކާނި ގަސް / ފޮޓޯ: މުހައްމަދު ހަމީދު

މުހައްމަދު ތަކުރުފާނު ރިޔާ ބައްލަވައި ރޭގަނޑު ވަޑައިގަންނަވާއިރު، އާ ރިޔަލަކާއި، ހަކުރު ގުޅިއަކާއި، ދެފަތި ކާށި ރާވެރިބޭ ތައްޔާރު ކޮށްފައި ހުންނަ ކަމަށް ވެއެވެ.

ކަޅުއޮއްފުއްމީގައި ނެގި ބާވަތުގެ ފަންރިޔަލެއް

މި ކާނި ގަސް ހެދިބޮޑުވެ ބިޔަ ގަހަކަށް ވީފަހުން ވެސް އެކި ބޭނުންތަކަށް މިގަހުން ލަކުޑި ކޮށާފައި ވެއެވެ.

"ދަ ޕްރެސް" އަށް މިގަހާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް އިދާރާގެ އެސިންޓެންޓް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވީ، މިގަހުން އޮފިކަނޑާފައި ވަނީ އަމީނު ދީދީގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން އަމީނު ދީދީގެ ވެރިކަމުގައި ރަށުގެ ބޮޑެތި މަގުތައް ހެދުމަށް އެގަހުގެ ބައެއް އޮފިތައް ވެސް ކަނޑާފައިވާ ކަމަށް ހަމީދު ފާހަގަ ކުރެއްވިއެވެ.

މަރޮށީގައި ހުންނަ ބޮޑު ކާނި ގަހުގެ ކައިރީގައި އިހުގައި ބަޔަކު ހަރަކާތްތެރިވަނީ

މީގެ އިތުރުން ކުރީގެ އޮފީހުގެ ގޮތުގައި ބޭނުންކުރި އޮފީހުގެ ދޮރާއި ދޮރުކަންޏާއި ގޮނޑި މޭޒުފަދަ ތަކެތި ޖެހުމަށް މި ގަހުން ލަކުނޑި ކަނޑާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެން އެކަންވީ މިއީ ތާރީހީ ގޮތުން މާ މުހިންމު އެއްޗަކަށް ވެދާނޭކަމުގެ މައުލޫމާތު ރަށުގެ ރައްޔިތުންނަށް ލިބިފައި ނެތުމުންނެވެ. އެހެންނަމަވެސް އެކަމުގެ ހޭލުންތެރިކަން އުފެދުނު ހިސާބުން ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެގަހަށް ލިބުނީ ހިމާޔަތެވެ. ހަމީދު ވިދާޅުވީ، 1990ގެ ފަހުކޮޅު އެގަސް ހިމާޔަތް ކުރުމަށް ވާހަކަ ދެކެވި، 2003 ވަނަ އަހަރު އެގަސް ހިޔާމަތް ކުރަން ސަރުކާރުން ނިންމި ކަމަށެވެ. ނަމަވެސް ހަމީދު ވިދާޅުވި ގޮތުގައި އެގަހަށް އަޅާލަން ވާވަރަށް އަޅައެއް ނުލެވެއެވެ.

މަރޮށީގައި ހުންނަ ބޮޑު ކާނި ގަސް / ފޮޓޯ: މުހައްމަދު ހަމީދު
އެއީ ދިރިހުރި އެއްޗެއް، އެއަށް ބޭނުންވާ ތަފާތު ކަންތައްތައް ހުންނާނެ، ގަސް ކާނާ ދިނުމާއި، އެކަމަކު އަޅުގަނޑުމެންނަށް ހަމައެކަނި މިކުރެވޭ ކަމަކީ ވަށައިގެން ފާރު ރޭނުމާއި، ކުނި ކަހާ ބެލެހެއްޓޭ، އިތުރު އެއްވެސް ކަމެއް ނުކުރެވޭ
ކައުންސިލް އިދާރާގެ އެސިންޓެންޓް ޑިރެކްޓަރު މުހައްމަދު ހަމީދު

ހަމީދު ވިދާޅުވީ، މިގަސް އެދެވޭ ގޮތުަގައި ހިމާޔަތް ކުރަން ސަރުކާރު ފަރާތުން ވެސް އެއްވެސް އެއްބާރުލުން ނުދޭ ކަމަށެވެ.

މި ކާނި ގަހުގެ އިތުރުން މަރޮށީގައި ހާއްސަ އިތުރުތަނެއް ވެސް އެބަހުއްޓެވެ. ސަރުކާރުން އެއީ އާސާރީ ތަނެއްގެ ގޮތުގައި ނިންމާފައި ނުވި ނަމަވެސް އެރަށުގެ މީހުން ގަބޫލު ކުރާގޮތުގައި އެތަނަކީ ވަރަށް މުހިންމު އާސާރީ އަދި ހިޔާޔަތް ކުރަންޖެހޭ ތަނެކެވެ. އެއީ ކަޅުއޮއްފުއްމި ވަދެ ނިކުތުމަށް ހަދާފައިވާ ނެރެވެ. އެތަނަކީ އެރަށުގެ އިތުރުމަތި ފަރާތުގައި އޮންނަ ތަނެކެވެ.

މަރޮށީ ބޮޑު ކާނިގަހުގެ އިތުރުން ދިވެހި ތާރީހާ ގުޅުންހުރި ވަރަށް ގިނަ ތަންތަން ރާއްޖޭގެ ރަށްރަށުގައި އެބަހުއްޓެވެ. އެގޮތުން އުތީމު ގަނޑުވަރާއި، ކަނދުވަލު މިސްކިތާއި، ކަނޑި ކާނިގަހުގެ އިތުރުން ބަޑި ފަސްގަނޑު ހިމެނެއެވެ. އަދި ތާރީހާ ގުޅުންހުރި ވެވެއްވެސް އުތީމުގައި އޮވެއެވެ.

ދިވެހީންގެ ތެރޭގައި އުފެދިފައިވާ ތާރީހީ މިފަދަ ބައެއް ދިރުންތައް "ހިމާޔަތް" ކޮށްފައިވީ ނަމަވެސް، އެތަންތަނާއި ތަކެއްޗަށް ދޭންވާ ސަމާލުކަމާއި ދޭން ޖެހޭ އަޅާލުން ދީފައި ނުވާކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.