މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް މިނިސްޓްރީ އިން ވަނީ ފަހިކޮށްދީފައެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތްތައް:
- ދިރާގު - ދިރާގު ޕޭ
- އުރީދޫ - އެމް-ފައިސާ
- މޯލްޑިވްސް އިސްލާމިކް ބޭންކް - ފައިސާ މޯބައިލް
- ބޭންކް އޮފް މޯލްޑިވްސް - ޕޯޓަލް
- ފަހިޕޭ އެޕްލިކޭޝަން
- މިނިސްޓްރީ އޮފް ފިނޭންސް - ބަނޑޭރި ޕޭ
މީގެ އިތުުރުން އުމުރުން ދުވަސްވީ މީހުންނާއި، އޮންލައިންކޮށް ފައިސާ ދައްކަން ބޭނުން ނުވާ ފަރާތްތަކަށް ހާއްސަކޮށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލްގައި ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓްރީއިން ބުނީ މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށް ކަމަށެވެ. އަދި މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ.
މިއަހަރު ފައިސާއިން ފިތުރު ޒަކާތް ދައްކާނަމަ ދައްކަން ޖެހޭ އަދަދު:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ
- ރަތް ހަނޑޫ 99 ރުފިޔާ
- ބާސްމަތިީ ހަނޑޫ (އާދައިގެ): 84 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
- އާދައިގެ ފުށް: 12 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ.