މުދަލު ޒަކާތުގެ ނިސާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަށް ބަދަލު އަތުވެއްޖެއެވެ.

މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 9353.40 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިހާރު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާ ކަމަށެވެ.

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އެހެންކަމުން ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވެފައިވާކަން އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެއެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮންނެވެ.