އައިލެންޑް އޭވިއޭޝަނުން ހިންގާ ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ބޮޑު ކުރަން ނިންމައިފިއެވެ.

މޯލްޑިވިއަން ޓިކެޓްގެ އަގު ބޮޑުކުރަނީ އެއާޕޯޓްތަކުން ނަގާ ގްރައުންޑް ހޭންޑަލިން ޗާޖަސް ބޮޑުކުރުމާ ގުޅިގެން ކަމަށް ބުނެއެވެ. އެއާޕޯޓްތަކުން ނަގާ ފީއަށް ގެނައި މި ބަދަލާ ގުޅިގެން މޯލްޑިވިއަނުން ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ބޮޑުވާއިރު ސީޓަކުން 5 ޑޮލަރު ބޮޑުވާނެއެވެ.

މޯލްޑިވިއަން އިން ޓިކެޓްގެ އަގު ބޮޑު ކުރަން ނިންމިނަމަވެސް ރީޖަނަލް އެއާޕޯޓުން ފްލައިޓަކަށް ބޮޑުކުރީ 25 ޑޮލަރެވެ. އެއާއެކު ކުރިން 220 ޑޮލަރު ނަގަމުން އައި ނަމަވެސް މިހާރު ޖުމްލަ ނަގާނީ 225 ޑޮލަރެވެ.

މޯލްޑިވިއަންގެ އޭޓީއާރު ފްލައިޓެއްގައި 72 ސީޓު ހުންނަ އިރު ސީޓަކަށް 5 ޑޮލަރުގެ މަގުން ނަގާނަމަ ދަތުރަކަށް ކޮޅަކަަށް ޖުމްލަ 360 ޑޮލަރު މޯލްޑިވިއަން އަށް ލިބޭނެއެވެ. ދެކޮޅަށް ނަމަ އެ ނަގަނީ 720 ޑޮލަރެވެ.

ރީޖަނަލް އެއާޕޯޓުން 25 ޑޮލަރު ނަގާތީ ކަމަށް ބުނެ މޯލްޑިވިއަން އިން ސީޓަކަށް 5 ޑޮލަރު ނަގާ މައްސަލައިގައި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ފަހަރު ޓިކެޓަށް އައި ބަދަލާއެކު، 1،687 ރުފިޔާ އަށް މާލެއިން އައްޑުއަށް ކުރަމުން އައި ދަތުރުގެ އަގު 1,764 ރުފިޔާ އަށް އުފުލިގެން ދާނެއެވެ. މި ގޮތަށް ހުރިހާ ދަތުރެއްގެ ޓިކެޓްގެ އަގުވެސް ބޮޑުވާނެއެވެ. ޓިކެޓުތަކުގެ އަގަށް ބަދަލު ގެންނަން ހަމަޖެހިފައި ވަނީ މި ފެށޭ އޭޕްރީލް، 15 ވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވިއަން އިން ވަނީ އެއާޕޯޓްތަކުން ނަގާ ގްރައުންޑް ހޭންޑަލިން ޗާޖަސް ބޮޑުކުރުމާ ގުޅިގެން ކަމަށް ބުނެ، ދާދި ފަހުން ވެސް ޓިކެޓްގެ އަގު ބޮޑުކޮށްފައެވެ. މީގެ އިތުރުންވެސް މިއަހަރު ޖީއެސްޓީ ބޮޑު ކުރުމާ ގުޅިގެން ވެސް މޯލްޑިވިއަނުން ވަނީ ޓިކެޓުގެ އަގު ބޮޑުކޮށްފައެވެ. އަދި ފިއުލް ޗާޖް އުފުލުމާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް މޯލްޑިވިއަނުން ވަނީ ޓިކެޓުގެ އަގު ބޮޑުކޮށްފައެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތަށް ތިރިކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބު ދާދި ކައިރިވެފައިވާ މި ދަނޑިވަޅުގައި ޓިކެޓުތަކުގެ އަގު ބޮޑު ކުރުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.