ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހަކު 'ފޯރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަން އިއުލާންކުރީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25އ އެވެ.

ފުލުހުން ބުނީ އިބްރާހިމް ފައިހް ނިޒާމް ހައްޔަރު ވިޔަ ނުދިނުމަށްޓަކައި އޭނާ ފޯރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފަސް ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސައަކާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާންކުރީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ ފަހަރަށް އޭނާ ހޯދުމަށް މި މަހުގެ 16 ވަނަ ދުވަހުވެސް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.