ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން މުދަލާއި ހިދުމަތްތަކުގެ އަގު އުފުލިގެން ދާތީ، އަގުތައް ކޮންޓްރޯލް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ހުށަހެޅުއްވި ގަރާރުގައި، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކާ ހަވާލާދެއްވާ ވިދާޅުވީ:

  • މިދިޔަ ޖެނުއަރީ މަހުން ފެށިގެން މުދަލާއި ހިދުމަތްތަކުގެ އަގު ހަތް ޕަސެންޓު ބޮޑުވެއްޖެ ކަމަށް
  • މިދިޔަ އަހަރުގެ ތެރޭގައި އަގުތައް 7.82 ޕަސެންޓު އުފުލިފައިވާ ކަމަށް
  • ނިސްބަތުން 75 ޕަސެންޓަށް ވުރެ އިންފްލޭޝަން މިދިޔަ އަހަރު މަތިވެއްޖެ ކަމަށް
  • ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 ޕަސެންޓު ބޮޑުވެއްޖެ ކަމަށް

އެ ގަރާރުގައިވާ ގޮތުން، ރޯދަ މަހަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި އެކި ބާވަތްތަކުގެ އަގުތައް ވަނީ އުފުލިފައެވެ. ހަމަ އެއާއެކު، އާންމުންނަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނެތް ކަމަށާއި، ޖޫރިމަނާ އާއި އާންމުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އިތުރުވަމުންދާ ކަމަށް ވެސް ވެއެވެ.

އެހެންކަމުން، އެ ގަރާރު ހުށަހަޅުއްވައި އާދަމް ޝަރީފް ވަނީ ހަތަރު ކަމަކަށް ގޮވާލައްވައިފައެވެ. އެއީ:

  • ޖީއެސްޓީ ރޭޓު އަލުން މުރާޖައާކުރުމަށް
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިދުމަތްތަކުގެ އަގުތައް ހެޔޮކުރުމަށް
  • އަގު އުފުލިފައިވާ މުދަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް
  • ރޯދަ މަހު ބާޒާރުގެ އަގުތައް އަތްފޯރާފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް

މިދިޔަ އަހަރުގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ނަގަމުން އައި ހަ ޕަސެންޓު އަށް ޕަސެންޓަށް އިތުރުކޮށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކޮށް، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ޓެކުހުގެ ރޭޓުތަކަށް ބަދަލު ގެނެސްފައެވެ. ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ އާންމުންނަށް ދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ރާއްޖޭގެ އިގްތިސޯދު މެނޭޖުކުރުމަށް ކަމަށް ބުނެއެވެ.