އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ބާވާލެވުނު ކޮންމެ ދީނެއްގައި ވެސް އެންމެ އިސްކަން ދޭ އެއް ކަމަށް ވާ އިރު މިއީ އިސްލާމް ދީނުގައި ހާއްސަ އަހައްމިޔަތު ކަމެއް ދީފައިވާ ކަމެކެވެ. މިގޮތުން އިސްލާމު ދީނުގެ މައި ދެ ތަނބު ކަމަށްވާ ކީރިތި ޤުރުއާނާއި މިއުއްމުގެ ރަސޫލާ މުހައްމަދު ސައްލައްﷲ އަލަހިވަސައްލަމްގެ ސުންނަތުން މިކަމަށް ބާރު އަޅައެވެ. އަދި ތިމާގެ އީމާންތެރިކަމާއި މާތް ﷲ އަށްޓަކައި ތިމާ ކުރާ އަޅުކަންތަކުގައި ބަރަކާތް ލައްވާނެ އެއްކަމަކީވެސް އެއެވެ.

އާއްމުގޮތެއްގައި އަވަށްޓެރިންނަކީ ތިމާ އުޅޭ ގޭގެ ކައިރި ގެތަކުގައި އުޅޭ މީހުންނެވެ. ބައެއް މީހުން އަވަށްޓެރިން މާނަ ކުރަނީ ތިމާ އުޅޭ ގެއާ ޖެހިގެން އުޅޭ ގޭގައި އުޅޭ މީހުންނަށެވެ.

މިކަމުގައި ރަސޫލާ މުހައްމަދު ސައްލައްﷲ އަލަހިވަސައްލަމް ހަދީޘް ކުރައްވާފައި ވަނީ ތިމާގެ އަވަށްޓެރިންގެ ގޮތުގައި ތިމާ ބަލަން ޖެހޭނީ ތިމާގެ ގެ ވަށައިގެން ހުންނަ 40 ގޭގައި އުޅޭ މީހުން (މަޖްމާ އަލް ޒަވައިދު، އަދަދު 8، ސަފްހާ 168) އެވެ. މިކަން އިތުރަށް ބަޔާންކޮށްދެއްވާ ރަސޫލާ ހަދީޘް ކުރެއްވީ އެއީ ތިމާގެ ގެއިން ކަނާތް ފަރާތުން 10 ގެ، ވާތް ފަރާތުން 10 ގެ، ކުރިއަށް 10 ގެ އަދި ފަހަތުން 10 ގެ (ސުނާން އަލް-ބައިހަގީ، އަދަދު 8، ސަފްހާ 276) ކަމަށެވެ.

ކުރިން ބުނި އިމުގެ ތެރޭގައި އުޅޭ ނަމަ އަވަށްޓެރިންގެ ގޮތުގައި މުސްލިމުން ނޫން މީހުންވެސް ހިމެނެއެވެ. އިސްލާމް ދީނަކީ އެހެން ދީނުތަކުގެ މީހުންނާއި އެކި ނަސްލުތަކުގެ މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި ކަނޑައެޅިގެން ދެކޮޅު ދީނަކަށް ވާއިރު މުސްލިމު ނޫން އަވަށްޓެރިންނާ މެދު ވެސް ކަންތައް ކުރަން އަންގަވާފައި އޮތީ މި އުސޫލުގެ ތެރެއިންނެވެ. އަދި ދުނިޔެއަށް ފޮނުއްވި އެންމެ ފުރިހަމަ އިންސާނާ، މި އުއްމަތުގެ ރަސޫލާ ވެސް ކަންކަން ކުރައްވާފައި ވަނީ މިގޮތަށެވެ. މިގޮތުން، އެކަލޭނގެފާނުގެ އަވަށްޓެރިއެއްގެ ގޮތުގައި އުޅުނު ޔަހޫދީ މީހަކު ބަލިވުމުން އެމީހާއަށް ޒިޔާރަތް ކުރައްވާ އެމީހާގެ ހާލު ބެއްލެވިއެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރި އަވަށްޓެރިންނަށް ވެސް ހެޔޮކޮށް ހިއްތަވާ އެމީހުންނަށް ވެސް ހަދިޔާ ދެއްވާ ހެއްދެވިއެވެ.

ފޮތްގޮނޑިއެއްގެ މަތީގައި މުސްހަފެއް ބާއްވާފައި

އަވަށްޓެރިންނަށް ކަމޭ ހިތުން ޤުރުއާނުން

ތިމާގެ އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ކީރިތި ޤުރުއާނުގައި އެކަމަކަށް ބާރު އަޅާފައިވާ ކަމެކެވެ. މިގޮތުން ކީރިތި ގުރުއާނުގެ ނިސާ ސޫރަތުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ އާޔަތުގެ މާނައިގައި ވެއެވެ.

"ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނާއި މިސްކީނުންނަށާއި ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށް ފެނި ބޮޑާވެގެން އުޅޭ މީހަކު ކަމުގައި ވެއްޖެ މީހަކު ދެކެ މާތް ﷲ ލޯބިވޮޑިގެނެއްނުވެއެވެ!"

އަވަށްޓެރިންނަށް ކަމޭ ހިތުމާ ބެހޭ ގޮތުން އައިސްފައިވާ ރަސޫލާގެ ހަދީޘްތައް

އަވަށްޓެރިންނަށް ކަމޭ ހިތުމާ ބެހޭގޮތުން ރަސޫލާގެ އެތަށް ހަދީޘެއް އައިސްފައި ވެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ހަދީޘް އަކީ ބުހާރީ ރިވާކުރެއްވި ހަދީޘް އެވެ. އެ ހަދީޘްގައި ވަނީ "މާތް ﷲ އާއި ގިޔާމަތް ދުވަހަށް އީމާންވާ މީހަކު، އެމީހެއްގެ އަވަށްޓެރިޔާއަށް އުނދަގޫ ނުކުރާ ހުށި" ކަމަށެވެ.

މީގެ އިތުރުން ރަސޫލާ ވަނީ އަވަށްޓެރިންނަށް ކަމޭ ނުހިތާ މީހަކީ އެކަލޭނގެފާނުގެ ސުންނަތާ ހިލާފުވެފައިވާ މީހެއް ކަމަށް ވެސް ހަދީޘް ކުރައްވާފައެވެ.

"އެމީހެއްގެ އަވަށްޓެރިޔާ ބަނޑުހައިހޫނު ކަން މަތީ އޮއްވާ ކައިގެން ބަނޑުފުރާ ނިދާ މީހާއަކީ ތިމަން ކަލޭނގެފާނަށް އިމާންވާ މީހެއް ނޫނެވެ. އަދި އެމީހެއްގެ އަވަށްޓެރިޔާ އަތުގައި ލާނެ އަންނައުނެއް ނެތް ހާލު އަންނައުނު ލައިގެން އޮންނަ މީހަކީ ތިމަން ކަލޭނގެފާނަށް އީމާންވާ މީހެއް ނޫނެވެ. (މުސްތަދްރަކް އަލް ވަސާއިލް، އަދަދު 2، ސަހްފާ 78-79)"

މިއީ މިހާރު ގެއްލެމުންދާ އާދައެއް

ދިވެހިންނަކީ ޒަމާނުއްސުރެ ވެސް އަވަށްޓެރިންގެ ގުޅުން ބަދަހިކޮށް މި ގުޅުމުގެ މައްޗަށް މުޖްތަމު ބިނާ ކުރަމުން އަންނަ ބައެކެވެ. ހާއްސަކޮށް ރޯދަމަހާ ދިމާކޮށް މިފަދަ ގުޅުންތައް ބަދަހި ކުރާނެ ފުރުސަތުތައް އިތުރުވެއެވެ. އެހެން ނަމަވެސް ޒަމާނައި މީހުންގެ އުޅުމަށް އައިސްފައިވާ ބަދަލާއެކު އަދުގެ މުޖްތަމައުގައި މިފަދަ ގުޅުންތައް އެންމެ ފުރިހަމަކަމާއެކު ދެމެހެއްޓުން މިވަނީ މަދުވެފައެވެ. މާލެ ސަރަހައްދުގައި ޖެހިގެން ހުންނަ އެޕާޓްމަންޓްގައި މިމަހު ކުއްޔަށް އުޅޭ އަވަށްޓެރިޔާ އަނެއް މަހު އެތަނުގައި ނޫޅުމަކީ ގާތް ކަމެކެވެ. ޖެހިގެން އުޅޭ ގޭގެ އަވަށްޓެރިޔާ ފެނުމުން ނޭނގޭ ކިތަންމެ ބަޔަކު ވެސް އެބަ އުޅެއެވެ.

އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ އާދައަކަށް ހަދަމާތޯ/ފޮޓޯ: ގޫގަލް ފޮޓޯސް

އަތޮޅު ތެރޭގެ ރަށެއް ނަމަ ކުޑައިރުއްސުރެ އެކުގައި އުޅެމުން އައި އަވަށްޓެރިޔާ ކިޔަވަން ނުވަތަ ވަޒީފާއަށް މާލެ ބަދަލުވުމަކީ ވަރަށް ގިނަ ފަހަރު ދިމާވާ ކަމެކެވެ. އަދި ކޮންމެ މީހެއް ވެސް އެމީހެއްގެ ހަލަބޮލި ދިރިއުޅުމުގައި އުޅޭ އިރު އެއްގެއްގައި އެކީ އުޅޭ މީހުންނާއި އޮންނަ ގުޅުން ވެސް ބަދަހި ކުރަން ވަގުތު ނުލިބެއެވެ. އެންމެންވެސް އެހާ ވެސް ބިޒީއެވެ.

އެހެން ނަމަވެސް ރޯދަ މަހަކީ ތިމާއަށް ކުރެވެން އޮތް ހެޔޮ އަމަލެއްކޮށް ގިނަ ސަވާބު ހޯދަން ގަދަ އަޅައިގެން މަސައްކަތް ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. މިކަމުގެ ތެރޭގައި އަވަށްޓެރިންނަށް ހެޔޮކޮށް ހިތައިގެން ލިބޭ ސަވާބު ވެސް ހިމަނަމާތޯއެވެ.