އެގްރޯނެޓްއާ އެކު މިހާތަނަށް 526 ދަނޑުވެރިން މަސައްކަތް ކުރަމުންދާ ކަމަށް އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހާރުން ވިދާޅުވީ، މިއަރުގެ އަމާޒަކީ 800 ދަނޑުވެރިނާއެކު މަސައްކަތް ކުރުން ކަމަށެވެ. އެ ގޮތުން މިއަދާ ހަމައަށް 526 ދަނޑުވެރިން އެ ކުންފުންޏާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ހާރޫން ވިދާޅުވިއެވެ.

އެގޮތުން މިހާރު މ. ވޭވަށުގައި އެގްރޯނެޓާއެކު މަސައްކަުރާ ދަނޑުވެރިން ކޮންޓްރެކްޓްގައި ދަނީ ސޮއި ކުރަމުންނެވެ. އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުސަން ނައީމް ވިދާޅުވީ، އެ ރަށުގައި ދަނޑުވެރިކަން ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް އެގްރޯނެޓްގައި ރަޖިސްޓްރީކޮށް، ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ ރަށުން މިހާތަނަށް 10 ދަނޑުވެރިން ރަޖިސްޓްރީ ކޮށްފައިވާ ކަަމަށް އަހުސަން ވިދާޅުވިއެވެ. އަދި އެގްރޯއާއެކު ރަޖިސްޓްރީ ކުރި ދަނޑުވެރިންނަށް ދަނޑުވެރިކަމަށް 5000 އަކަފޫޓުގެ ބިމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މ. ވޭވަށުގައި ރުއް އިންދަނީ

ހާރޫން ރަޝީދު ވިދާޅުވީ، މިހާރު ވެސް އެ ރަށުގައި އެގްރޯނެޓްގެ އޭޖެންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އަދި ވެސް ބޭނުންވާ ދަނޑުވެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތް ކަމަށާއި ރަޖިސްޓްރީވާ ދަނޑުވެރިން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

353 މީހުންގެ އާބާދީއެއް އޮތް ވޭވަށުގައި މިހާރު 280 އެއްހާ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެ ރަށުގެ ބޮޑު މިނުގައި 45 ހެކްޓަރު އޮންނަ އިރު އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދަކީ 10 ހެކްޓަރުގެ ސަރަހައްދެެކެވެ. ޖާގައިގެ ގޮތުން ބާލާނަމަ އެ ރަށަކީ ދަނޑުވެރިކަން ކުރުމަށް ބިމުގެ މުއްސަނދިކަން އޮތް ރަށެކެވެ.

މިހާރު އެ ރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަނީ އެ ބައެއްގެ ގޯތީގައެވެ. އެގޮތުން ވޭވަށުގައި ކަރާ ބަށި، މިރުސް އަދި ފަޅޯ ފަދަ ބާވަތްތައް ހެއްދި ކަމުގައި ވިޔަސް ހައްދާ ބާވަތްތަކަށް މާކެޓް ހޯދުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އަދި މިފަދަ ދަތިތައް ހުރި އިރު، އެގްރޯ ނެޓާއެކު މަސައްކަތް ކުރުމަކީ މިފަދަ ހުރަސްތައް ގިރާކޮށް ދަނޑުވެރިންނަށް މަންފާ ލިބޭނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ކައުންސިލުން ބުނެއެވެ.

މ. ވޭވަށުގައި ދަނޑުވެރިކަން ކުރާ މީހެއްގެ ދަނޑު

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ އުފައްދާފައިވާ ކުންފުންޏެކެވެ.

އެގްރޯނެޓުން ދަނޑުވެރިންނާއެކު އެއްބަސްވުންތައް ހަދައި އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ އިރު، ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބި، ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެން ދާނެ ކަމަށް އެގްރޯނެޓުން ބުނެއެވެ.