މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުދާ އުފުލުމަށް ހާއްސަ އިތުރު އުޅަނދުތަކެއް ގެނެސްފިއެވެ.
އެމްޕީއެލްއިން ގެނެސްފައިވާ އުޅަނދުތަކަކީ ކޮންޓެއިނަރު އުފުލަން 4 ރީޗް ސްޓެކާ، 2 ފޯކްލިފްޓްގެ އިތުރުން އެމްޕްޓީ ހޭންޑްލާއެއް ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް މުދާ އެތެރެ ކުރާ މިންވަރު ބޮޑުތަނުން އިތުރުވާާކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ އަލަށް ގެނައި އުޅަނދުތަކާއެކު މުދާ އުފުލާ ބައެއް އުޅަނދުތައް ހަލާކުވެފައިވުމުގެ ސަބަބުން މުދާ އުފުލުމަށް ކުރިމަތިވަމުން އައި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ޗީފް އެގްޒެގެޓިވް އޮފިސާ ޝާހިދު އަލީ ވިދާޅުވީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހަށްވުރެ މިއަހަރުގެ ރޯދަ މަހު މުދާ އުފުލުމުގެ މަސައްކަތް އަވަސްވެގެން ދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރަށް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ބޭލުމަށް ހާއްސަ ސަރަހައްދެއް މިހާރު ހެދުމުގެ އިތުރުން ވަގުތީ ގޮތުން މުދާ ރައްކާ ކުރަން ބޭނުންވާ ސްޓޯރޭޖެއް ހަދާފައިވާއިރު އެ ތަނުގެ ޖާގަ އިތުރަށް ބޮޑު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ޖެނެރަލް ކާގޯ ބަހެއްޓުމަށް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަގުތީ ޝެޑްއެއް އެ ކުންފުނިން ވަނީ ހަދާފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެމްޕީއެލް އިން 4 ރީޗް ސްޓެކާ ގެނެސްފައި ވާއިރު އަލަށް ގެނައި 4 ރީޗް ސްޓެކާއާއެކު ޖުމްލަ 8 ރީޗް ސްޓެކާ މުދާ އުފުލުމާއި އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމުގައި އެމްޕީއެލްއިން ބޭނުން ކުރަމުން ދާނެއެވެ. ކުދި އަދި މެދު ސައިޒުގެ ބަނދަރުތަކަށް އެންމެ އެކަށޭނެ ގޮތަކަށް ފަރުމާ ކޮށްފައިވާ މި އުޅަނދުތަކަކީ ގިނަ މުދާ ތަކެއް އެއްފަހަރާ އުފުލުމުގެ އިތުރުން އޮޕަރޭޓް ކުރަން ފަސޭހަ އުޅަނދެއްކަން ފާހަގަ ކޮށްލެވެއެވެ.