އައްޑޫ ސިޓީ ހިތަދޫ ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި މަހު 18 ވަނަ ދުވަހު ހިތަދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ރަށު ވަލުތެރެއިން ކަމަށެވެ.

މި އޮޕަރޭޝަނަކީ ރޯދަ މަހާ ދިމާކޮށް ހިތަދޫގައި ކުށްމަދުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމާއި ރަށުތެރެ ޕެޓްރޯލް ކުރުން އިތުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް އައްޑޫގެ ބައެއް އަވަށްތަކުން ބަނގުރާ ކައްކާ ސާމާނުތަކެއް ވަނީ ފެނިފައެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައި ބައެއް މީހުން ހައްޔަރު ކޮށްފައި ވެސް ވެއެވެ.

މީގެ ކުރިން ހިތަދޫ ވަލުތެރެއިންނާއި އަދި ފަޅު ގެއަކުން ރާ ކައްކަން ތައްޔާރު ކޮށްފައިވާ ތިން ތަނެއް، ތަކެއްޗާއެކު ވަނީ ހޯދާފައެވެ. އެފަހަރު ކައްކާފައި ހުރި 500 މިލި ލީޓަރުގެ 12 ފުޅި އާއި ފަސް ލީޓަރުގެ އެއް ފުޅި ފުލުހުން ހޯދިއެވެ.