ޗިކަން ރެޕްއަކީ ދުނިޔޭގައި ވެސް މަގުބޫލު ކެއުމެކެވެ. މަދު ވަގުތުކޮޅަކުން ތައްޔާރު ކޮށްލެވޭ މި ކެއުމަކީ މިހާރު ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ވަމުން އަންނަ އަދި އެހާމެ މީރު ކެއުމެކެވެ.
ރޯދަމަހަކީ ކެއުމަށް ވުރެ އަޅުކަމަށް އިސްކަމެއް ދޭންޖެހޭ މައްސަރެއް ކަމަށް ވާއިރު، މިފަދަ މަދު ވަގުތު ކޮޅަކުން ކެއުމަށް އިންސާފު ކޮށްލެވޭ ބާވަތެއް ހެދުމަށް މިއީ ރަނގަޅު ރެސިޕީއަކަށް ވާނެއެވެ.
ބޭނުންވާ ތަކެތި:
- ލޮނު (ރަހަ ލާ ވަރަށް)
- އަސޭމިރުސް (ރަހަ ލާ ވަރަށް)
- 2 ސައިސަމްސާ ޕެޕްރިކާ ޕައުޑަރު
- 1 ސައިސަމްސާ ރެޑް ޗިލީ ފްލޭކްސް
- 1 ސައިސަމްސާ ދިރި ޕައުޑަރު
- 1 ސައިސަމްސާ އޮރިގާނޯ
- 600ގ ޗިކަން ބްރެސްޓް ކުދިކޮށް ކޮށާފައި
- 1 މޭޒުމަތީ ސަމްސާ މަޔޮނައިސް
- ލެޓިއުސް
- ކެބެޖް
- ޗީޒް (ބޭނުން ވައްތަރެއްގެ)
- ޓޯޓިލާ/ރޮށި
ތައްޔާރު ކުރާނެ ގޮތް:
ބޮޑު ތަށްޓަކަށް ލޮނު، ޕެޕްރިކާ، ޗިލީ ފްލޭކްސް، ދިރި، އޮރެގާނޯ އަސޭމިރުސް، ތެޔޮ އެޅާ އެއްކޮށްލުމަށް ފަހު މިކްސް ކޮށްލާށެވެ. އެއަށްފަހު ތަވާ ހޫނުކޮށްލުމަށް ފަހު ކުކުޅު ކޮޅު ރޯފިލަންދެން ކައްކާލާށެވެ.
އެއަށްފަހު، ތުނިކޮށް ލެޓިއުސް އަދި ކެބެޖް ކޮށުމަށްފަހު ޓޯޓިލާ/ރޮށި ގައި މަޔޮނައިސް އުނގުޅާލާށެވެ. ދެން ކުކުޅު ކޮޅު ފަތުރާލުމަށްފަހު އޭގެ މައްޗަށް ލެޓިއުސް، ކެބެޖް އަދި ޗީޒް އަޅާށެވެ. ދެން ރޮށި ދެކޮޅު ބެއްދުމަށްފަހު އޮޅާލާށެވެ. ދެން ތަވަޔަކަށް ލުމަށްފަހު މަޑު ގިނީގައި މަޑު މުށި ކުލަ އަރަންދެން ރޮށީގެ ހުރިހާ ފުށެއް ފިހެލާށެވެ.