ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށް ދިނުމަށް އަތުކުރި އޮޅާލައިގެން މަޖިލީހުގެ 52 މެންބަރަކު އެބަތިއްބެވި ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު ރިޔާސީ އިންތިހާބަށް ނިކުންނެވީ ކުރިމަތިވެދާނެ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލެއްވުމަށް ފުރިހަމައަށް ތައްޔާރުވެ ވަޑައިގެން ކަމަށެވެ.
މަވޯޓާ އިތުރަށް ވިދާޅުވީ، މިހާރު ކޯލިޝަންގައި ތިބި ބައެއް ޕާޓީތައް ވަކި ވެގެން ހިނގައިދާނެ ކަމަށް ކުރިން ވެސް ބެލެވުނު ކަމަށެވެ. މަވޯޓާ ވިދާޅުވީ ކޯލިޝަން އެއްކޮށް އޮތް ނަމަ ރަނގަޅު ކަމަށާއި އެކަމަކު ނެތަސް ވަރިހަމަ ކަމަށެވެ. ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް އަތުކުރި އޮޅާލައްވައިގެން މަޖިލީހުގެ 52 މެންބަރުން އަދި އެމްޑީޕީ ދާއިރާތަކުގެ 80 އަށް ވުރެ ގިނަ ރައީސުން އެބަ ތިބި ކަމަށް މަވޯޓާ ފާހަގަ ކުރެއްވިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވާއިރު މިހާތަނަށް އެ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެވެ. ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި ޕްރިމަރީން ކެންޑިޑޭޓަކު ކަނޑައެޅުމަށް ނިންމާފައެވެ.
ހަމަ ތިޔަ ގޮތަށް ޑޮކްޓަރ ވަޙީދުވެސް ވެރިކަމަށް ގެނެސް ދެއްވި. ކޭލިވެސް ހަމަނުވި