އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީގެ އިސް އޮފިޝަލެއް ކަމަށް ހެދިގެން ކަޝްމީރަށް ގޮސް އުޅުނު ކިރަން ޕަޓޭލް ކިޔާ މީހަކު އަތުލައިގެންފިއެވެ.

ހަބަރުތައް ބުނާ ގޮތުން އޭނާ ކަޝްމީރަށް ދިޔަ ދެފަހަރެއްގައި ގޮސްފައި ވަނީ ބްލެޓްޕްރޯފް ކާރުގައި ފުލް ސެކިއުރިޓީ އާ އެކުގައެވެ. އަދި ގޮސް ހުރެފައިވަނީ ސަރުކާރުގެ އޮފިޝަލުންނަށް ހަމަޖައްސައިދޭ ފައިވް ސްޓާ އެކޮމަޑޭޝަންގައެވެ.

މީނާ، ކަޝްމީރަށް ދިޔަ ދެފަހަރެއްގެ ތެރެއިން 1 ފަހަރު ދިޔައީ، ސަރުކާރުން ބުނެގެން އާފަލު ދަނޑުތައް ގަންނާން ތިބި ބައެއް ބެލުމަށް ކަމަށް ބުނެއެވެ. ދެވަނަ ބުރަކަށް ދިޔައީ، އެ ސަރަހައްދުގައި ހަދާ ހޮޓަލެއް ކުރިއަށް ދާ ގޮތް ބަލަން ސަރުކާރުން ފޮނުވައިގެން ކަމަށް ބުނެއެވެ.

މި ކަލޭގެ ފަޅާއެރީ ފޭކް އައިޑީ އާ އެއްޗެއްހި ހަދައިގެން އުޅެނިކޮށް ޝައްކުވެގެން ބެލިބެމުން ކަމަށް އޮފިޝަލުން ބުނެއެވެ.

ސަރުކާރުގެ އޮފިޝަލުން ތިބޭހެން ރަސްމީ ހެދުމުގައި ކަޝްމީރަށް ގޮސް އުޅުނު އިރު ސެކިއުރިޓީންނަށް ވެސް ދޮންކަޅު ނޭނގެއެވެ.

ފަޅާ އެރުމުން، ހައްޔަރު ކޮށް، ކޯޓަށް ހާޒިރު ކުރުމުން އެނގުނީ، މީނާ އަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމާއި އޮފިޝަލެއްކަން ދެއްކުމަށްޓަކައި ޑޮކިއުމެންޓްގެ އިތުރުން އޭނާގެ ޓްވިޓާ އެކައުންޓްގައި ވެސް އެއީ އޮފިޝަލެއް ކަމަށް ލިޔެފައި ވާ ކަމަށެވެ. އަދި އޭނާ ވަނީ ޓްވިޓާ އެކައުންޓް ވެރިފައިވެސް ކުރުވާފައެވެ.