އެެމެރިކާ އާއި އަދި ދުޝްމަނުންނާ ހަނގުރާމަ ކުރުމަށް 800،000 ޒުވާނުން ވޮލަންޓިއާ ކޮށްފި ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން މިކަން ހާމަ ކުރީ، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން މިހާތަނަށް ހިންގާ އެންމެ ފުޅާ އަދި ބޮޑު އަސްކަރީ ތަމްރީނު ފަށާފައި ވަނިކޮށެވެ. އިތުރަށް އެ މީޑިއާ އިން ބުނީ، ހުރިހާ ދުޝްމަނުން ނައްތާލައި ދެކޮރެއާ އެއްކޮށްލާނެ ކަމަށް އެ ޒުވާނުން ވައުދުވެފައި ވާ ކަމަށެވެ.

ރޮޑޮން ސިންމުމް ކިޔާ ދައުލަތުގެ ނޫހުން އެކަން ހާމަ ކުރި އިރު، ވޮލަންޓިއާ ކުރަން އެއްވެ ތިބި ޒުވާނުންގެ ދިގު ކިޔުތައް ފެންނަ ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ. އެ ނޫހުން އިތުރަށް ބުނީ، ވޮލަންޓިއާ ކުރި 800،000 މީހުންގެ ތެރޭގައި ކިޔާ ދަރިވަރުންނާއި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ޒުވާނުންވެސް ހިމެނޭ ކަމަށެވެ.

އެ ޒުވާނުން ބުނާކަމަށް އެ ނޫހުން ރިޕޯޓު ކުރާ ގޮތުގައި، އެމެެރިކާ އާއި ބައިވެރިން މަސައްކަތް ކުރަނީ އެމީހުންގެ މުސްތަގުބަލް ދުއްވާލާށެވެ. އަދި އެމީހުންގެ ފާދާލޭންޑް (ދެކުނު ކޮރެއާ) ވެސް ހަލާކު ކުރަން މަސައްކަތް ކުރާ ކަމަށާއި، ހުރިހާ ދުޝްމަނުން ނައްތާލައި މިނިވަންކޮށް ތަރައްގީއައިގެން ކުރިއަށް ދާން ތައްޔާރަށް ތިބި ކަމަށެވެ.

މިހާ ގިނަ އަދަދެއްގެ ޒުވާނުން އަސްކަރީ ހިދުމަތަށް ނިކުންނަ އިރު، އުތުރު ކޮރެއާއިން ދަނީ ދުރުރާސްތާ ބެލެސްޓިކް މިސައިލްވެސް ޓެސްޓް ކުރަމުންނެވެ. އެގޮތުން އިއްޔެވެސް ވަނީ 1000 ކިލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ ބެލެސްޓިކް މިސައިލެއް ޓެސްޓް ކޮށްފައެވެ. އުތުރު ކޮރެއާގެ ޓީވީތަކުން ބުނާ ގޮތުގައި، އެ މިސައިލް ޓެސްޓަކީ، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތަކަށް ދިން ރައްދެކެވެ.

ކޮރެއަން ޕެނިންސިއުލާގައި މަޝްރަހު ހޫނުވެފައި ވާ އިރު، އުތުރު ކޮރެއާއިން ހިންގާ މިސައިލް ޓެސްޓް ތަކާ ހެދި ދެކުނު ކޮރެއާ އާއި ޖަޕާނުން ވަނީ ކަންބޮޑުވެފައެވެ. އެ ދެގައުމުން އެމެރިކާ އާއި ހުޅަނގުގެ މަދަދަށް އެދެމުން ދާ އިރު، ދެކުނު ކޮރެއާގެ ރައީސް މިވަގުތުވެސް ވަޑައިގެން ހުންނެވީ ޖަޕާނުގެ އެއްބާރުލުން ހޯއްދެވުމަށް ޓޯކިޔޯގައެވެ.