ދުނިޔެ ތަރައްގީ ވަމުން އަންނަ އިރު އެންމެ ބޮޑަށް ކުރިއަރައިގެން އަންނަ އެއް ދާއިރާ އަކީ ޓެކްނޮލޮޖީގެ ދާއިރާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަދުގެ ޒުވާނުންނަށް ބަލާ އިރު، ޓެކްނޮލޮޖީ ދާއިރާއަކީ ގިނަ ދިވެހިން އެ ދާއިރާއިން ކިޔަވައި އެކަމުގެ ފަންނު ހޯދަމުންދާ ދާއިރާއެއް ކަން ފާހަގަކޮށް ލެވެއެވެ. އެގޮތުން ރާއްޖޭގައި ވެސް އެޕްލިކޭޝަން އުފެއްދުމާއި ސޮޕްޓްވެއާތައް އުފެއްދުމުގެ ޝައުގުވެރިކަން ހުރި އުފެއްދުންތެރި ޒުވާނުން ތިބި ކަމަކީ ފަހުރުވެރި ވާން ޖެހޭ ކަމެކެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން 'ދަ ޕްރެސް' އިން ގެނެސްދޭ "މީހުން" ސިލްސިލާގައި މިއަދު މި ގެނެސްދެނީ އެފަދަ މަސައްކަތްތެރި ހުނަރުން ފުރިގެން ވާ ޒުވާނެކެވެ. ށ. މިލަންދޫއަށް އުފަން އުމުރުން 28 އަހަރުގެ އަލީ ޒިހުނީ އަކީ ފްރީލާންސް ޑިވެލޮޕަރެކެވެ. މިހާތަނަށް 30 އަށް ވުރެ ގިނަ މޯބައިލް އެލްޕިކޭޝަން އުފައްދާފައިވާ އިރު ބެކްއެންޑް އަދި ވިންޑޯސް އެޕްލިކޭޝަންތައް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ހުނަރުވެރި އެކެވެ.

"ކުޑައިރު، ކޮމްޕިއުޓަރަކީ ކޯއްޗެއްކަން ނޭނގޭ އިރު ވެސް، އެ ދާއިރާއިން އެއްޗެހި ދަސްކުރަން އެންމެ ބޮޑު ހެލްޕެއް ވީ ދޮންބެ. ދެން ސްކޫލް ނިންމާފަ އައިޓީ ކިޔަަވަން ބޭނުންވީ ވެސް. އެހެންވެ ޔުނިވާސިޓީން ޑިޕްލޮމާ އަދި ބެޗްލާ ފުރިހަމަ ކުރީ"
ޒިހުނީ

މި މަސައްކަތަށް ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާ ކުރަމުން ޒިހުނީ ބުނީ، މަދުރަސީ ހަޔާތުގައި އެންމެ ފުރަތަމަ ކޮންޕިއުޓަރާ ކުޅުނު އިރު، އާ ކަންކަން ދަސްކުރަން ވަރަށް ބޭނުންވި ކަމަށެވެ. އެގޮތުން ރަށުން މަދުރަސީ ހަޔާތް ފުރިހަމަ ކުރަމުން ދިޔަ ޒިހުނީއަށް މާލޭގައި ހުރި އޭނާގެ ދޮންބެ ފޮނުވި ޑީވީޑީއެއްގައި ހުރި ޑިޒައިން އާއި ގްރެފިކް އަދި އެޑިޓިން ސޮފްޓްވެއާތަކަކީ އޭނާ އެންމެ ފުރަތަމަ ބޭނުން ކުރި ބައެއް ސޮފްޓްވެއާ ތަކެވެ. އެހެންކަމުން އޭރު ފޮޓޯ އާއި ވީޑިއޯ އެޑިޓިން، ސްޕެޝަލް އިފެކްޓްސް، ތްރީޑީ މޮޑެލިން އަދި އެނިމޭޝަން ހަދަން އޭނާ ވަނީ އަމިއްލައަށް ދަސްކޮށްފައެވެ.

ހަމައެއާއެކު ކޮމްޕިއުޓާ ބައެއް ގޭމްތައް ވެސް އޭރު ކުޅުނު ކަމަށާއި އެ ގޭމްތައް ކުޅުނު އިރު އެފަދަ އެއްޗެއް އުފައްދާ ލެވޭނެ ނަމައޭ ހިތަށް އެރި ކަމަށް ވެސް ޒިހުނީ ބުނެއެވެ. އެގޮތުން އޭރު ޕްލެޓްފޯމާ ގޭމްސް ވެސް ޑިވެލޮޕްކޮށްފައިވާ އިރު، އޭރު އުފެއްދި ގޭމްގެ ވާހަކައަކީ މިހާރު ވެސް ރަށުގެ ބައެއް މީހުން ދައްކާ ވާހަކަތައް ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން ސްކޫލް ލައިބްރަރީން ފެނުނު ފޮތްތަކަކުން ކޯޑިންއާ ގުޅުން ހުރި ކަންކަން ދަސްވީ ވެސް އަމިއްލައަށް ދިރާސާކޮށް އަމިއްލައަށް އެ މަސައްކަތް ދަސްވޭތޯ ކުރި މަސައްކަތުން ކަން ޒިހުނީ ފާހަގަ ކުރެއެވެ.

އަލީ ޒިހުނީ، އޭނާގެ މަންމަ އަދި ބައްޕައާ އެކު

މަދުރަސީ ހަޔާތް ނިންމާލުމަށް ފަހު ދެން އޭނާ މާލެއަށް ބަދަލުވީ، އިތުރަށް އެ ދާއިރާއިން ތައުލީމް ހާސިލް ކުރުމަށެވެ. އެ ގޮތުން މިއަދު ޒިހުނީ އަކީ އިންފޮމޭޝަން ޓެކްނޮލޮޖީން ބެޗްލާ ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ.

މި ދާއިރާއިން އާމްދަނީ ލިބޭ ގޮތަށް އެންމެ ފުރަތަމަ މަސައްކަތެއް ކުރަން ފުރުސަތު ލިބުނީ، އައިބޭގައި ސޮފްޓްވެއާ ހަދައިދޭނެ ކަމަށް ޒިހުނީ ޖެހި އިސްތިހާރަކާ ގުޅިގެން މީހަކު ހުށަހެޅި ފުރުސަތެއް ކަމަށް އޭނާ ބުނެއެވެ. އެއީ އެ ކްލަޔަންޓްގެ ރެކޯޑްސްތައް ބެލެހެއްޓުމަށް ހެދި ޑޭޓާ ބޭސްއެކެވެ. އެ މަސައްކަތާ ފުރަތަމަ ހަވާލުވި އިރު، ކަސްޓަމާ ބޭނުންވާ ގޮތަށް އެކަން ކުރެވޭނެ ކަމާ މެދު ސުވާލު އުފެދުނު ކަމަށާއި ކޮންމެވެސް ވަރަކަށް ޖެހިލުންވި ކަމަށް ޒިހުނީ ބުނެއެވެ. ނަމަވެސް އެ މަސައްކަތް ނިމުމުން މިއީ އޭނާއަށް ކުރެވިދާނެ ކަމެއް ކަަމަށް ގަބޫލު ކުރެވުނު ކަމަށާއި އިތުރަށް މި ދާއިރާއިން ކުރިއަށް ދާން ބޭނުން ވި ކަމަށް ޒިހުނީ ބުނެއެެވެ.

ގިނަ ބަޔަކު ބަލައިގެން "ޒިކުރު" އެޕަކީ މަންމަމެންނަށް ފަސޭހަވާނެ ހެން ހެދި އެޕެއް

"ޒިކުރު އެޕް އަކީ ދޮންބެގެ އައިޑިއާއެއް. އެއީ މަންމަމެން ފޯން ބޭނުން ކުރާއިރުގަ ފަސޭހަވާނެ ދިވެހި އެޕްއެއް ހެދީމަ. ދިވެހިން ހުރިހާ ޓްރާންސްލޭޝަންތަކާއި، ރިފަރެންސް ވެސް މީހުންނަށް ފެންނަ ގޮތަށް ދިވެހިން ބޭނުން ކުރެވޭ ފަސޭހާ އީޒީ އެޕެއް ހަދަން ދޮންބެ އައިޑިއާ ދިނީ. އެހިސާބުން މޯބައިލް އެޕްލިކޭޝަންއަށް ވަދެވުނީ"
ޒިހުނީ

މޯބައިލް އެޕްލިކޭޝަންތަކުގެ ތެރެއިން އޭނާގެ އެންމެ ފުރަތަމަ އުފެއްދުމަކީ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ ޒިކުރު އެޕްލިކޭޝަނެވެ. 2014 ގެ ފަހުކޮޅު އުފެއްދި އެ އެޕްގެ ހިޔާލަކީ އޭނާގެ ދޮންބެގެ ފަރާތުން ލިބުނު ހިޔާލެކެވެ. އެއީ މަންމަމެން ފޯނު ބޭނުން ކުރާ އިރު، ބޭނުން ކުރަން ފަސޭހަ، ދިވެހި ބަހުން ހުންނަ މޯބައިލް އެޕްލިކޭޝަނެއް ހެދުމަށް ޒިހުނީގެ ދޮންބެ ދިން ހިޔާލެކެވެ.

މޯބައިލް އެޕް ހެދުމުގެ މަސައްކަތް ފެށުނީ އެހިސާބުން ކަމަށާއި އަދި އެހިސާބުން މި ދާއިރާއަކީ ތަފާތު ގިނަ ކަންކަން ކުރެވިދާނެ ދާއިރާއެއް ކަމާއި އެކި ފުރުސަތުތައް އެބަހުރި ކަން އެނގުނު ކަމަށް ޒިހުނީ ބުނެއެވެ.

މި މަސައްކަތުގައި އޭނާއާ އެންމެ ގާތުން އެހީތެރިވެދިން ނޫރީއާ އެއްކޮށް ދެމީހުން މަސައްކަތް ކޮށްގެން އުފެއްދި "ކުރަނގި" އެޕް އަކީ ޒިހުނީ ކުރި މަސައްކަތްތަކުގެ ތެރެއިން އޭނާ ފާހަގަ ކުރާ މަސައްކަތެކެވެ. އެ އެޕަކީ ދިވެހި މަސްވެރިންނަށް ޓާގެޓްކޮށްގެން ހަދާފައިވާ އެޕެއް ކަމަށާއި މަސް ދަތުރުގެ ހަރަދު ބެލެހެއްޓުމުގެ ކަންކަން އެ އެޕުން ކުރެވޭނެ ކަަމަށް އޭނާ ބުނެއެވެ.

އަލީ ޒިހުނީ، އޭނާގެ މަންމަ އަދި ދޮންބެއާ އެކު

ހަަމައެއާއެކު އޭނާގެ ބައްޕަ ހިންގާ ރެސްޓޯރަންޓް ވިޔަފާރިއަށް ބޭނުން ކުރާނެ ޕީއޯއެސް ސޮފްޓްވެއާއެއް ވެސް ޒިހުނީ ވަނީ ތައްޔާރު ކޮށްފައެވެ. އެއީ އޭނާ އަމިއްލަ އަށް ޑިވެލޮޕް ކުރި ސޮފްޓްވެއާއެކެވެ. މިހާރުވެސް އެ ރެސްޓޯރަންޓަގައި އެ ސޮފްޓްވެއާ ބޭނުން ކުރަމުން އަންނަ އިރު، އެ ރެސްޓޯރަންޓަށް ފޮނުވާ ހުރިހާ ފައިސާއާ ބެހޭ މުއާމަލާތްތަކެއް ވެރިފައި ކުރަމުން ގެންދަނީ ވެސް ޒިހުނީ އުފައްދާފައިވާ އެޕެއް ބޭނުންކޮށްގެން ކަމަށް ޒިހުނީ ބުނެއެވެ.

މިހާތަނަށް 30 އަށް ވުރެ ގިނަ މޯބައިލް އެޕްލިކޭޝަން ހަދާފައިވާ އިރު، އޭގެތެރެއިން ޕަބްލިކަށް ދޫކޮށްލާފައި ހުންނަ އެޕްލިކޭޝަނާއި ކްލަޔަންޓުންނަށް ހަދައިދީފައި ހުރި އެޕްލިކޭޝަންތައް ހިމެނެއެވެ. ޕަބްލިކަށް އާންމުކޮށްފައި ހުރި އެޕްލިކޭޝަންތަކުގައި ޒިކުރުގެ އިތުރުން ދުވަސް އެންޑްރޮއިޑް އެޕްލިކޭޝަނަކީ ވެސް ފާހަގަކޮށްލެވޭ ވިޖެޓް އެޕެކެވެ. އެއީ ހިޖްރީ ދުވަހާއި ނަމާދު ވަގުތުތައް ދައްކައިދޭ ވިޖެޓެކެވެ. މީގެ އިތުރުން ވާހަކަ ނަމުގައި އެޕްލިކޭޝަނެއް ހަދާފައިވާ ކަމަށާއި އެއީ ވާހަކަ ޝާއިއު ކުރާ ވާހަކަ ވެބްސައިޓްގެ ވާހަކަަތައް ކިޔާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށް ޒިހުނީ ބުނެއެވެ.

ހުނަރު ދަސްކޮށް ދިނުމަށް 'ޢިލްމު ވިދާރާ' ނަމުގައި އަމިއްލަ އެކަޑަމީއެއް

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު، ޒިހުނީ ވަނީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޯޑިން ކްލާސްތަކެއް ހިންގާފައެވެ. އެގޮތުން އެންމެ ފުރަތަމަ ހިނގްީ މޯބައިލް އެޕްލިކޭޝްންގެ ކޯޑިން ކޯސްތަކެކެކެވެ.

"ކުރީގައި ވެސް ވަރަށް ކިޔަވައިދޭ ހިތްވޭ. ހާއްސަކޮށް މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިން ނަގައިގެން އެ ކުދިންނަށް ކިޔައިދީގެން އެ ކުދިން ކުރިއެރުވުމަކީ އަބަދުވެސް ކުރަން ބޭނުންވި ކަމެއް. އެގޮތުން ކޮވީޑްގައި ލޮކްޑައުން ދުވަސްވަރު ކޯޑިން ކްލާސްތަކެއް ހިންގަން ފެށީން. އެހިސާބުން އޮންލައިން އެކަޑަމީއެއް ހުޅުވުމުގެ ހިޔާލް ވެސް އައީ. ދެން އަޅުގަނޑާއި، އަޅުގަނޑުގެ އަންހެނުން ގުޅިގެން އިލްމު ވިދާރާގެ މަސައްކަތް ފެށީ."
ޒިހުނީ

އެ ކޯހުގައި މޯބައިލް އެޕް ޑިވެލޮޕް ކުރުމުން ފެށިގެން ސިމްޕަލް އެޕެއް ހަދާނެ ގޮތްތައް ކިޔަވައިދިން ކަމަށް ޒިހުނީ ބުނެއެވެ. ހިލޭ ކުރިއަށް ގެންދިޔަ އެ ކޯހުގައި ވެސް އެންމެ ފުރަތަމަ 100 އެއްހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެއަށްފަހު ވެސް 3 ކޯހެއް ކުރިއަށް ގެންދިޔަ އިރު އެ ކޯސްތަކަށް ވެސް ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެން ދިޔަ ކަން ޒިހުނީ ފާހަގަ ކުރިއެވެ.

އެއަށް ފަހު ޒިހުނީ އާއި އޭނާގެ އަނބިމީހާއާ ގުޅިގެން "އިލްމު ވިދާރާ" ގެ ނަމުގައި އޮންލައިންކޮށް ކިޔަވައިދޭ އެކަޑަމީއެއް ވެސް އަންނަނީ ހިންގަމުންނެވެ. މި އެކަޑަމީ ފެއްޓީ ކޮވިޑް ދުވަސްވަރު ކޯސްތައް ހިންގަން ފެށި ފަހުންނެވެ. އެ އެކަޑަމީން އޮންލައިންކޮށް ކިޔަވައި ދިނުމަށް ހިންގާ ކޯސްތަކުގެ ތެރޭގައި ކޯޑިން ކްލާސްތަކާއި މައިކުރޮސޮފްޓް އޮފީސް ބޭސިކް ކޯސްތައް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.

އަލީ ޒިހުނީ މަސައްކަތުގައި

ޒިހުނީގެ އިތުރުން އޭނާގެ އަންހެނުންނަކީ ވެސް އައިޓީ ދާއިރާގެ ބެކްރައުންޑެއް އޮތް މީހެކެވެ. އޭނާގެ އަންހެނުން މިހާރު އިލްމް ވިދާރާގައި ދަނީ މައިކުރޮސޮފްޓް އޮފީސް ބޭސިކް ކޯސްތައް ހިންގަމުންނެވެ. ޒިހުނީގެ އަންހެނުން ހިންގާ ކޯސްތަކުގައި 1000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަަން އޭނާ އުފަލާ އެކު ފާހަގަ ކުރެއެވެ. އަދި އިލްމު ވިދާރާގެ ހުރިހާ އެޑްމިނިސްޓްރޭޓިވް މަސައްކައްތައް ވެސް ކުރަމުން އަންނަނީ އޭނާގެ އަންހެނުނެވެ.

މީގެ އިތުރުން ގުރުއާން ކްލާސްތައް ވެސް ހިންގަމުން އަންނަ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ބައިވެރިވާ ކަން ޒިހުނީ ފާހަގަ ކުރިއެވެ.

ހާއްސަ ޝުކުރުގެ ލިސްޓުގައި ކުޑަ ނާއި އާއި ނޫރީ!

މިއަދު ޒިހުނީ ހުރި ހިސާބަށް އާދެވުމުގައި ގިނަ ބައެއްގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަން އޭނާ ފާހަގަ ކުރެއެވެ. ޝުކުރުގެ ލިސްޓު ހާމަ ކުރަމުން ޒިހުނީ އެންމެ ފުރަތަމަ ﷲ سبحـانـه وتعـالى ޝުކުރު އަދާ ކުރަމުން ދެން އޭނާއަށް މި މަސައްކަތުގައި އެންމެ ގާތުން އެހީތެރިވެދިން ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އެ ގޮތުން އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ކަމުގައިވާ ނާއިލް އަބްދުއްރަހްމާން (ކުޑަ ނާއި) އަދި އެކުގައި ވަޒީފާ އަދާ ކުރި އެކުވެރި ނޫރީއަށް ހާއްސަ ޝުކުރެއް އަދާ ކުރިއެވެ. މީގެ އިތުރުން ވެސް އެކި ގޮތްގޮތުން އެކި ފަރާތްތަކުގެ އެހީތެރިކަން ލިބުނު ކަމަށާއި ޝުކުރުގެ ލިސްޓަކީ ވަރަށް ދިގު ލިސްޓެއް ކަމަށް ޒިހުނީ ބުނެއެވެ.

ރާއްޖޭގެ ޑިވެލޮޕަރުންގެ ތެރެއިން ކުޑަ ނާއި އަކީ ޒިހުނީ އެންމެ އިންސްޕަޔާވާ އެކަކެވެ. އޭނާއަށް ފޮލޯކޮށް އަދި ބައެއް މަސައްކަތްތަކުގައި ކުޑަ ނާއިގެ ހިޔާލު ހޯދާ ކަމަށް ވެސް އޭނާ ބުނެވެ. އެ ގޮތުން ކުޑަ ނާއިގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އަދި އޭނާއަށް ވަރަށް ގިނަ ކަންކަން އޭނާގެ ފަރާތުން ދަސްވި ކަމަށް ޒިހުނީ ބުނެއެވެ.

ޒިކުރު އެޕް ހެދި އިރު ވެސް ވަރަށް ބޮޑު އެހީތެރި ކަމެއް ލިބުނު ކަން ފާހަގަ ކުރަމުން، އަދި އޭގެ 7 ވަރަަކަށް އަހަރު ފަހުން ކުޑަ ނާއިއާ އެއްކުގައި ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ޒިހުނީ ބުނެއެވެ.

އަލީ ޒިހުނީއަށް މަސައްކަތުގައި އެންމެ ބޮޑު އެހީއެއް ވެދިން ނޫރީއާ އެކު

އޭނާ ކުރި ގިނަ މަސައްކަތްތަކުގައި އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިން މީހެއްގެ ގޮތުގައި ޒިހުނީ ފާހަގަ ކުރާ އެކަކަކީ ނޫރީއެވެ. އޭނާ ނޫރީ ސިފަކުރަނީ 'އައިޑިއާ ބޮކްސް' އެއްގެ ގޮތުގައެވެ. ކޮންމެ މަސައްކަތެއް ކުރިއަސް އެކަމަށް ފާޑުކިޔުމާއި، އެކަމެއް އެންމެ ފުރިހަމައަށް ގެނެސް ދިނުމަށް ތަފާތު އެކި ހިޔާލުތައް ހިއްސާ ކުރާ ފަރާތަކީ ނޫރީ ކަމަށް އޭނާ ބުނެއެވެ.

ޕްރޮޖެކްޓްސްތައް ނަގައިގެން މަސައްކަތް ކުރާ އިރު، ނޫރީގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ވަރަށް ބޮޑު ޝުކުރެއް އޭނާއަށް ރައްދުވާ ވަރުގެ ކަންކަން ކަމަށް ޒިހުނީ ބުނެއެވެ. އެ ގޮތުން ކްލައިންޓުންނާ ޑީލް ކުރާނީ ނޫރީ ކަމަށާއި ޔޫއައި ނުވަތަ ޔޫއެކްސް މަސައްކަތްތައް ކުރާނީ ވެސް ނޫރީ ކަމަށް އޭނާ ބުނެއެވެ.

ޒިހުނީގެ މެސެޖް

އަބަދުވެސް ލިބިފައިވާ އިލްމާއި ހުނަރު އެ ކަން ދަސްކުރުމުގެ ޝައުގުވެރިކަން ހުންނަ މީހުންނަށް ކިޔައި ދިނުމަކީ ޒިހުނީ ކުރަން ބޭނުންވާ ކަމެކެވެ. އެގޮތުން ޒިހުނީ މަސައްކަތް ކުރާ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އިސްކަން ދޭ ކަަމަށް ޒިހުނީ ބުނެއެވެ. މިއަދު އޭނާ މިހިސާބަށް އާދެވިފައި ވެސް ހުރީ ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައި ކަން ފާހަގަ ކޮށް މި ދާއިރާއަކީ މި މަސައްކަތަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ގިނަ ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށް ޒިހުނީ ބުނެއެވެ.

މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ، އައިޓީ ދާއިރާއިން ކިތަންމެ މަތިން ތައުލީމް ހާސިލް ކުރެވުނަސް ތިއަރީ އެކަނި އެނގުމަކުން މަގްސަދު ހާސިލް ކުރަން ދަތިވާނެ ކަމަށެވެ. ތިއަރީގައި ކިޔަވައިދޭ އެއްޗިސް އެޕްލައިކޮށްގެން އުފެއްދުންތެރި މަސައްކަތެއް ކުރުމަށް މަސައްކަތް ކުރުމަކީ ކުރެވޭނެ މުހިއްމު ކަމެއް ކަމަށް ޒިހުނީ ފާހަގަކުރެއެވެ. އެހެން ނޫން ނަމަ ކިޔެވައިގެން ޑިގްރީއެއް ހާސިލް ކުރިއަސް މަސައްކަތުގައި ކުރިއަރައިގެން ދިއުމުގައި ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން އަބަދުވެސް އަޕްގްރޭޑްތަކާއި އީޖާދީ އާ ކަންކަން ތައާރަފް ވަމުން އަންނަ އިރު، ދިރާސާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ބުނެއެވެ. ހަމައެއާއެކު މި ދާއިރާ ވިޔަސް އެނޫން ދާއިރާތަކުގައި މަސައްކަތް ކުރި ކަމުގައި ވިޔަސް ރަގަނޅު ކަނެކްޝަނެއް ބިލްޑް ކުރުމަކީ ތިމާއަށް ކުރިއެރުން ލިބެނޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ. އެގޮތުން ދާއިރާގެ މުހިއްމު މީހުންތަކަށް ފޮލޯކޮށް އެމީހުން މަސައްކަތްތައް ބަލައި އެއިން ފިލާވަޅު ލިބިގަތުމަކީ ކުރެވިދާނެ ކަންކަން ގޮތުގައި ޒިހުނީ ފާހަގަ ކުރެއެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ލަފާ ހޯދުމަކީ ވެސް މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ޒިހުނީ ބުނެއެވެ.

މި ދާއިރާއިން އޭނާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ކުއްޖެއް ނުވަތަ މީހަކު ހުރި ނަމަ އެއިން މީހަކަށް އެހީވާން އޭނާ ހުރީ ތައްޔާރަށް ކަމަށް ޒިހުނީ ބުނެއެވެ. އެގޮތުން ޒިހުނީއަށް ގުޅަން ބޭނުންވާ ފަރާތްތަކުން އޭނާގެ ފޭސްބުކް ޕޭޖް އަދި ޓެލެގްރާމް މެދުވެރިކޮށް ގުޅޭނެއެވެ.