އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަން އިތުރުކޮށް، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަށް ހައްލުކުރުމަށްޓަކައި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްލާމީ ގައުމުތަކަށް ގޮވާލައްވައިފިއެވެ.

މޮރިޓޭނިއާގެ ވެރި ރަށް ނުއާކްޗޮޓްގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ވަޒީރުންގެ 49 ވަނަ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ވާހަކައިގައި ޝާހިދު ވަނީ ތުރުކީ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ދެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެ ދެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާއި އެހީތެރިކަން އަވަސްކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.

ދާދިފަހުން ކީރިތި ޤުރުއާން އަންދައި ހަލާކުކުރުން ފަދަ އަމަލުތައް ބައެއް ގައުމުތަކުގައި ހިންގާފައިވާއިރު، ނަފްރަތު އުފެދޭ އެފަދަ އަމަލުތަކުގެ ސަބަބުން އިސްލާމީ އުންމަތުގެ އަޒުމް ދާނީ ހައްދުފަހަނަހެޅުމާ ދެކޮޅަށް ވަރުގަދަވެގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މުސްލިމުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖޭން އަބަދު ވެސް ފަލަސްތީނަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައި، ޝާހިދު ވަނީ ފަލަސްތީންގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރައްވައިފައެވެ.

އަދި ރޮހިންޔާ މުސްލިމުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމަށް އަލިއަޅުވާލައްވައި ޝާހިދު ވަނީ، ބިރުވެރިކަމުން ސަލާމަތްވެ، ސުލްހަވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ރޮހިންޔާ މުސްލިމުންނަށް ހޯދައިދިނުމަށް އެހީތެރިވުމަށް ވެސް އިސްލާމީ ގައުމުތަކަށް ގޮވާލައްވައިފައެވެ.

ނަމަވެސް ކަޝްމީރުގެ ހަމަނުޖެހުމާއި މުސްލިމުން ނިކަމެތިކުރުމަށް އިންޑިއާ އިން ކުރަމުންދާ މަސައްކަތަކަށް ޝާހިދު އެއްޗެއް ވިދާޅެއްނުވެއެވެ.