ރޯދަމަހަކީ ވިޔަފާރިވެރިން ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި، މީސްތަކުން އަތްފޯރާފަދަ އަގުތަކުގައި ތަކެތި ފޯރުކޮށްދީ ރޯދަ މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ހޯދުމަށް ހުތުބާގައި ބުނެފިއެވެ.

ރޯދަމަހާ ދިމާކޮށް ގިނަ ބަޔަކު ކާބޯތަކެތި ގަނޑުކޮށް ގަނެ ރައްކާކުރާއިރު ރާއްޖޭގެ ބާޒާރުގައި ރޯދަމަހާ ދިމާކޮށް ގިނަ ތަކެތީގެ އަގު އުފުލިގެންދެއެވެ. ރޯދަމަހަށް ގިނަ ކާބޯތަކެތި ގަންނަކަން ފާހަގަކޮށް ހުތުބާގައި ގޮވާލާފައިވަނީ ކާބޯތަކެތި ހޯދުމާއި ގޭތެރެ ސާފުކޮށް ރީތިކުރުމާ އަބާތުރަ ފިލުވުން އަދި ފަރުނީޗަރު ބަދަލު ކުރުމަށްވުރެ އިސްކަމެއް ދޭންވީ ރޯދަ މަހުގެ ފުރިހަމަ ސަވާބާ ދަރުމަ ހޯދުމަށެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ރަމަޟާން މަހަށް ތައްޔާރުވުމެވެ. އެގޮތުން ހުތުބާގައި ބުނެފައިވަނީ ރޯދަ މަހަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމުގައެވެ. ކުރެވެމުންދާ ފާފަތަކާ ދުރުހެލިވެ ހަޔާތް، އާ ހަޔާތަކަށް ބަދަލުކޮށް އިސްލާހުވުން ކަމުގައެވެ.

މާތް ﷲ ވަހީކުރައްވާފައިވެއެވެ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން އެކުގައި ﷲ އަށް ތައުބާވާށެވެ. ތިޔަބައިމީހުންނަކީ ކާމިޔާބުލިބިފައިވާ ބަޔަކަށް ވުމައްޓަކައެވެ."
ހުތުބާ

ރޯދަމަހަށް ތައްޔާރުވުމުގެ ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަތުމުގެ މުހިންމުކަމާމެދު ވެސް ހުތުބާގައި ވަނީ އަލިއަޅުއްވާލާފައެވެ. ރޯދަ ގެއްލޭ ކަންތައްތަކާއި، ރޯދައަށްހުރެ ކުރުން މަކުރޫހަ ކަންކަން ދެނެގަނެ އެކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ހަމައެއާއެކު ރޯދަހިފަންޖެހޭ ގޮތަށް ނުހިފައިފިނަމަ ރޯދައިގެ މަތިވެރި ސަވާބާ ދަރުމަ ނުލިބި، ހަމައެކަނި ބަނޑުހައި ހޫނުކަން ލިބޭ ބަޔަކަށްވެއްޖެ ނަމަ އެއީ ހިތާބަ ހުރި ކަމެއްކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވެއެވެ " ރޯދަ ހިފާ ބައެއް މީހުންނަށް އެ ރޯދައިގެ ސަބަބުން ކަރުހިއްކުމާއި ބަނޑުހައިހޫނުކަން ފިޔަވައި އެހެން އެއްޗެއް ނުލިބެއެވެ. އަދި ރޭއަޅުކަން ކުރާ ބައެއް މީހުނައް އެކަމުގެ ސަބަބުން ހޭލާހުރުން ފިޔަވައި އެހެން އެއްޗެއް ނުލިބެއެވެ"
ހުތުބާ

މުވައްޒަފުންނަށް ފަސޭހަ ކަމާއެކު އަޅުކަން ކުރެވޭނެ އަދި އަޅުކަމުގެ ކަންކަމަށް ފުށުނާރާނެހެން މަސައްކަތުގެ މާހައުލު ބައްޓަން ކުރުމަށް ވެސް ހުތުބާގައި ވަނީ މުއަސްސަސާތަކުގެ މަސްއޫލުވެރިންނަށް ގޮވާލާފައެވެ. މީގެ އިތުރަށް ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށް ހާރު ކެއުމާއި، ހާރުކެއުން ވީހާ ވެސް ފަސްކުރުމުގެ އިތުރުން ފަރުޟު ނަމާދުތަކަށާއި، ތަރާވީހް ނަމާދާއި، ރަވާތިބު ސުންނަތްތަކަށް ރައްކާތެރި ވުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.