ރާއްޖޭގެ ވިޔަފާރިތަކަށް ޑިޖިޓަލް ހިދުމަތްތައް ހޯދައިދީ ހައްލުތައް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫން މައިކްރޯސޮފްޓާ އެކު ޕާޓްނާޝިޕެއް ގާއިމްކޮށްފިއެވެ.

މައިކްރޯސޮފްޓާއި އުރީދޫން ގާއިމްކުރި ޕާޓްނާޝިޕާ ބެހޭގޮތުން އުރީދޫން ބުނީ:

  • އެ ޕާޓްނާޝިޕް ގާއިމްކޮށްފައިވަނީ ވިޔަފާރިތަކަށް ކްލައުޑް-ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް
  • އެ ޕާޓްނާޝިޕްގެ ސަބަބުން، ބަންޑަލްކޮށް ނުވަތަ ވަކިން ވެސް މައިކްރޯސޮފްޓްގެ ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ވިޔަފާރިތަކަށް އޮންނާނެ ކަމަށް

އުރީދޫން ބުނީ، މައިކްރޯސޮފްޓާ އެކު ވެވުނު ޕާޓްނާޝިޕްގެ ދަށުން އޮފީސް 365، ޓީމްސް، ޓީމްސް ވޮއިސް، ޓީމްސް ރޫމްސް، ޕަވާ އެޕްސް، މޯބައިލް ޑިވައިސް މެނޭޖްމަންޓް އަދި ޝެއާޕޮއިންޓް ފަދަ އެޕްލިކޭޝަންތަކުގެ ސަބަބުން ވިޔަފާރީގެ މަސައްކަތްތަކުގެ މަރުހަލާތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

އޭގެ އިތުރުން މި އެޕްލިކޭޝަންތައް ބޭނުންކުރުމުން މަސައްކަތްތައް ޑިޖިޓަލްވެ، ކަސްޓަމަރުންގެ ބޭނުންތައް ވެސް ވިޔަފާރިތަކަށް ފުރިހަމައަށް ފުއްދައިދެވޭނެ ކަމުގެ ޔަގީންކަން އުރީދޫން ދިނެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، މައިކްރޯސޮފްޓާ އެކު ވެވުނު ޕާޓްނާޥޝިޕްގެ ސަބަބުން ވިޔަފާރިތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި އެންމެ ފަހުގެ ސޮލިއުޝަންތައް ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތައް އެންމެ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުވެރިކުރުވުން،"

މައިކްރޯސޮފްޓް ކުންފުންޏާ އެކު ވެވުނު ޕާޓްނާޝިޕް އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުތުމާން ފަޚްރޫ ސިފަކުރެއްވީ، މައިކްރޯސޮފްޓްގެ ކްލައުޑް-ބޭސްޑް ސޮލިއުޝަންތަކާއި ހިދުމަތްތަކާ އެކު މާކެޓް ވިޔަފާރިތަކާއި ކަސްޓަމަރުންގެ ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގައެވެ.

މައިކްރޯސޮފްޓް ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނާސް ބިން ޝެން ވިދާޅުވީ، އުރީދޫ އަކީ އެ ކުންފުނީގެ ޒަމާންވީ ބައިވެރިއެއް ކަމަށާއި، މައިކްރޯސޮފްޓުން ވިޔަފާރިތަކަށް ކްލައުޑް-ބޭސްޑް ހިދުމަތްތަކާ އެކު އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން އުރީދޫ ގްރޫޕްގެ ކުންފުނިތަކަށް މި ޕާޓްނާޝިޕް ފުޅާކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އެ ޕާޓްނާޝިޕްގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހައްލުތައް، މި އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ހުރިހާ ކުންފުނިތަކަކުން ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.