ޑިޒްނީ އިން ގެނެސްދޭ "ލިޓްލް މާމެއިޑް" ގެ ލައިވް އެކްޝަން ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.
ޓްރެއިލާ އިން ފެނިގެން ދަނީ މޫދަށް ގެނބޭ އިންސާނެއް، މާމެއިޑް ސަލާމަތް ކުރުމަށް ފަހު އެއްގަމަށް އެ އިންސި އަރުވާ މަންޒަރެވެ. އަދި އެ ވަގުތުން ފެށިގެން އިންސާނުން އުޅޭ ނޫޅޭ ގޮތް ބެލުމަށް މާމެއިޑްގެ ހިތުގައި ޝައުގުވެރިކަން އުފެދި އެ އިންސާނާ ދެކެ ލޯބިވާތަނެވެ. ނަމަވެސް މާމެއިޑްގެ ބައްޕަ އެކަމާ ނުރުހުން ފާޅުކުރުމާއެކު އުރްސެލާ ގާތަށް މާމެއިޑް ދިޔުމުން އުރްސެލާގެ ޖާދޫގެ ބޭނުންކުރުމަށް ފަހު މާމެއިޑަށް ދެފައި ލިބިގެން ދާތަނެވެ. ޓްރެއިލާ ބަލަމުން ދިޔަ ވަގުތު ކުޑައިރުގެ ހަނދާންތައް އާވެގެންދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކައިލީ 95 ވަނަ އޮސްކާ އެވޯޑް ހަފުލާ ތެރޭގައެވެ.
އަންނަ މެއި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައި ވާއިރު މި ފިލްމަކީ މިއުޒިކަލް ފެންޓަސީއެކެވެ. ފިލްމުގައި "އޭރިއަލް"ގެ ރޯލުން ފެންނާނީ "ކްލޮއީ އެކްސް ހެލީ" ގްރޫޕްގެ ލަވަކިިޔުންތެރިޔާ ހެލީ ބެއިލީ އެވެ. އަދި އެ ކާޓޫންގެ ވިލަން "އުރްސެލާ"ގެ ރޯލުން ފެންނާނީ މެލިސާ މެކާތީއެވެ. ހަމައެއާއެކު ޕްރިންސް އެރިކްގެ ރޯލު ކުޅޭނީ ޖޮނާ ހައުއާ ކިންގް އެވެ. 1989 ވަނަ އަހަރު ނުކުތް "ދަ ލިޓްލް މާމެއިޑް: ސިންގް އަލޯންގް" އަކީ 90 ދިހައިގެ ޖެނެރޭޝަންގެ ކުދިންނަށް އެންމެ މަގްބޫލު އެއް ޑިޒްނީ ޕްރިންސަސް ކާޓޫނެވެ.
"ލިޓްލް މާމެއިޑް" އިން ފެނިގެންދާނެ ބައެއް ތަރިންގެ ތެރޭގައި ޖޮނާ ހެޔާ ކިންގް، ޖޭވިއާ ބާޑެމް، އޯކަފީނާ، ނޯމާ ޑުމޭޒްވެނީ، އާޓް މަލިކް އަދި ލޮރެންޒާ އެންޑްރިއާ ހިމެނެ އެވެ. މީގެ ހަތަރު އަހަރު ކުރިން މި ފިލްމު އިއުލާންކުރި އިރު މީގެ ލައިވް އެކްޝަން ފިލްމުގައި ކާޓޫން އިން ފެނިގެންދިޔަ ހުރިހާ ލަވަތަކެއް ރީކްރިއޭޓް ކުރުމަށް ވަނީ ނިންމާފައެވެ. މި ފިލްމުގެ އިތުރުން ވެސް ވޯލްޓް ޑިޒްނީ އާއި ޕިކްސާ ސްޓޫޑިއޯޒް އިން ގުޅިގެން އަންނަނީ ގިނަ ކާޓޫންތަކެއްގެ ލައިވް އެކްޝަން ފިލްމު އާންމުންނާ ހަމައަށް ގެނެސްދޭން މަސައްކަތް ކުރަމުންނެވެ.