ބައިނަލްއަގުވާމީ ކުންފުނިތަކުން މުދާ ހޯދުމަށް ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކުރި މައްސަލަައިގައި އިންޓަޕޯލް އާއި ބައިނަލްއަގްވާމީ އެހެނިހެން ފަރާތްތަކާ ގުޅިގެން މި ހިޔާނާތުގައި އަމާޒުކޮށްފައިވާ ކުންފުނިތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މި އޮޅުވާލުމުގެ ޓްރެންޑުގެ ސަބަބުން އަސަރުކުރި ކުންފުނިތަކުގެ އަދަދު ތަހުގީގު ކުރިއަށްދާ ވަރަކަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައިގައި މި މަހުގެ ފުރަތަމަ ހަފުތާގައި އުމުރުން 37 އަހަރުގެ ހުސެއިން ޝިފާއު ހައްޔަރުކޮށްފައި ވާ އިރު، 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ބޭރުގެ ބައެއް ކުންފުނިތަކުން މުދަލުގެ ބަދަލުގައި ވަގު ޓީޓީ ބޭނުން ކުރާ ކަމުގެ ޝަކުވާ ވަނީ ހުށަހަޅާފައި ކަމަށް ފުލުހުން ބުނެއެވެ. ބެލެވޭ ގޮތުގައި ހައްޔަރު ކުރި މީހާއަކީ 80،000 އެމެރިކާ ޑޮލަރަށް ވުރެ އަގުބޮޑު މުދާ ހޯދައި އެތެރެކޮށްފައިވާ ހިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވި މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އަކީ މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ތަހުގީގަށް ހާޒިރު ކޮށްފައިވާ މީހެކެވެ. އަދި އޭނާ އަކީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ހޯދަން ވެސް އިއުލާނު ކުރި މީހެކެވެ.

2021 ވަނަ އަހަރުގެ ފަހުކޮޅު އިންޓަޕޯލް އެންސީބީން މެންބަރު ގައުމުތަކަށް ވަނީ ސަމާލުވުމަށް ޕާޕަލް ނޯޓިސްއެއް ދީފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. ކޮވިޑް-19ގެ ތެރޭގައި އަދި އޭގެ ފަހުން ވެސް ކުންފުނިތަކުން މުވާސަލާތީ މުއާމަލާތްތައް އޮންލައިން ޕްލެޓްފޯމްތަކަށް ބަދަލުކުރުމުން މާލީ ކުށްތަކާއި މަކަރާއި ހީލަތްތައް އިތުރުވެފައިވާ ކަން އެ ނޯޓިސްގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މުއާމަލާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން ވިޔަފާރިތަކުން އެފަރާތްތަކުގެ ބައިވެރިންގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ކުރުމަކީ އޮންލައިންކޮށް މުއާމަލާތްތައް ހިންގުމުގައި ވިޔަފާރިވެރިން ސަމާލުވުމަށް ދޭ އިންޒާރެއް ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، އިތުރު ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެއެވެ.