ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައަށް އިސްލާހުތަކެއް ގެނައުމަށް ފަހު ރޭގެ ވަގުތެއްގައި އަލުން ކޯޓަށް ހުށަހަޅައިފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި މައްސަލަ އިސްތިއުނާފް ކުރުމަށް ރައީސް ޔާމީންގެ ވަކީލުން ހައިކޯޓަށް ފުރަތަމަ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ހައިކޯޓުން ބުނެފައި ވަނީ އެއް ރިޕޯޓަކުން ނިންމި ދެ ގަޒިއްޔާއެއް ކަމުން އެ ދެ ގަޒިއްޔާގެ އިސްތިއުނާފް ފޯމު ވަކިން ތައްޔާރުކޮށް އިސްލާހު ހުށަހަޅުމަށެވެ.

އެހެންކަމުން ޔާމީޏްގެ ފަރާތުން ހައިކޯޓުން އެދުނު ގޮތަށް އިސްލާހުތައް ގެނެސް އިސްތިއުނާފް މައްސަލަ ވަނީ މި މަހުގެ 13 ވަނަ ދުވަހު އެ ކޯޓަށް ހުށަހަޅާފައެވެ.

'ދަ ޕަރެސް' އަށް މައުލޫމާތު ދެއްވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް ޝަމީމް ވިދާޅުވީ، ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުމުން ވެސް ކޯޓުން އަނެއްކާވެސް ވަނީ އެ މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ބައެއް ކަންކަން އިސްލާހު ކުރަން ލަފާ ދީފައި ކަމަށެވެ. އެގޮތުން މި މައްސަލަ އާ ގުޅުން ހުރި ބޭރުގެ ބައެއް ގަޒިއްޔާތަކުގެ ސްކްރީންޝޮޓް ތަކެއް ހުށަހަޅާފައި ވާ އިރު، އޭގެ ލިޔުންތައް ތަރުޖަމާ ކުރުމާއި، އަދި ލިޔުންތައް ތަރުތީބު ކުރުމަށް ހައިކޯޓުން ލަފާ ދީފައިވާ ކަަމަށް ޝާމީމް ވިދާޅުވިއެވެ.

އެހެންކަމުން ކޯޓުން އެދުނު ގޮތަށް އަނެއްކާވެސް އިސްލާހުތައް ގެނެސް ރޭގެ ވަގުތެއްގައި އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ލަސްވެ އިދިކޮޅު ލީޑާޝިޕުން މީގެ ކުރިން ވަނީ ހައިކޯޓަށްވެސް ގޮސްފައެވެ. އަދި އެކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ، ޔާމީންގެ އިސްތިއުނާފް ބަލައިގަތުން ލަސްވާތީ ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރަން މަސައްކަތް ކުރިޔަސް، އެ ފުރުސަތު ނުލިބުނު ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނިންމަންދެން ކޮންމެ ދުވަހަކު ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފު ވެގެން މިނިވަންވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.