ކަޅުކަނޑުގެ މަތިން ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުން އުދުހެމުން ދިޔަ އެމެރިކާގެ ސާވޭލަންސް ޑްރޯނަކާއި ރަޝިއާގެ އަސްކަރީ ބޯޓެއް ޖެހި ޑްރޯން ކަނޑަށް ވެއްޓިއްޖެއެވެ.

މި މައްސަލައިގައި އެމެރިކާއިން ބުނީ، އެ ޑްރޯން އުދުހެމުން ދިޔައީ އާންމުކޮށް ކުރާ ސާވޭލަންސް ދަތުރެއްގައި ކަމަށާއި، ރަޝިއާގެ 2 ޖެޓަކުން ޑްރޯން އަށް ހުރަސް އެޅި ކަމަށެވެ.

ނަމަވެސް މިކަން ދޮގުކޮށް ރަޝިއާއިން ބުނީ، ޑްރޯން ވެއްޓުނީ ޖެޓުތަކުން ކުރި ކަމަކުން ނޫން ކަމަށާއި ޑްރޯން އޭގެ މިސްރާބު ބަދަލުކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ޑްރޯން އުދުހެމުން ދިޔައީ ފްލައިޓްތަކަށް ނުފެނުމަށްޓަކައި އޭގެ ޓްރާންސްޕޮންޑަރު ނިއްވާލައިގެން ކަމަށް ވެސް ރަޝިއާއިން ވަނީ ބުނެފައެވެ.

އެމެރިކާއިން ބޭނުން ކުރާ އެމްކިއު-9 ރެޕާ ޑްރޯން އަކީ، އޭގެ ފިޔަގަނޑުގައި 66 ފޫޓު ހުންނަ ޖާސޫސީ މައުލޫމާތު އެއްކުރެވޭ ގާބިލު ކަން ލިބިފައިވާ ޑްރޯނެކެވެ.

އެމެރިކާއިން ބުނީ، އެ ޑްރޯން އުދުހެމުން ދަނިކޮށް ހުރަސް އެޅުމުގެ ގޮތުން ރަޝިއާގެ ޖެތްތަކުން އޭގެ މައްޗަށް ތެޔޮވެސް އެޅި ކަމަށާއި އެއީ ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން އެމެރިކާއިން ވަނީ ވޮޝިންޓަންގައި ހުންނަވާ ރަޝިއާގެ އެމްބެސެޑަރު އެނެޓޮލީ އެންޓޮނޯވް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މިކަމާ ގުޅިގެން އެންޓޮނޯވް އާ ހަވާލާދީ ރަޝިއާގެ ސަރުކާރު މީޑިއާއިން ބުނީ، ޑްރޯން ހާދިސާއަކީ ރުޅިއެރުވުމުގެ އަމަލެއް ކަމުގައި ރަޝިއާއިން ދެކޭ ކަމަށެވެ.

ކަޅުކަނޑުގައި ބާރުގަދަ ގައުމުތަކުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާ އިރު، 2014 ގައި ރަޝިއާއިން ޔޫކްރައިންގެ ކްރިމިއާ ހިފިފަހުން ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ. އަދި މިދިޔަ އަހަރު ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރައިން އަށް އަރާ ފެށި ހަނގުރާމަ އާއެކު އިނގިރޭސިވިލާތާއި އެމެރިކާއިން ގެންދަނީ ކަނޑުކަނޑުގެ އޮޕަރޭޝަން ފުޅާ ކޮށް ތާއަބަދު ފާރަލުމުގެ ހަރަކާތްތައް ހިންގަމުންނެވެ.