މަސްކިރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިފްކޯއިން އަލަށް ގަނެފައިވާ ޖަޒީރާ 103 އާއެކު މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

ޖަޒީރާ 103 އަކީ 420 މެޓްރިކް ޓަނުގެ މަސް އެއްފަހަރާ ރައްކާ ކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެއް ކަމުން މި ސިނާއަތް އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރެއެވެ. ޖަޕާނުން ގަތް މި ބޯޓަކީ 120 މެޓްރިކް ޓަނު ފިނި ކުރުމުގެ ނިޒާމުވެސް އެކުލެވިގެންވާ ބޯޓެކެވެ.

މީގެ އިތުރުންވެސް ތައިލެންޑުން 3 ބޯޓު ގެންނަން ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ވަނީ މީގެ ކުރިން ބުނެފައެވެ. މި ބޯޓުތަކުގެ ސަބަބުން މަސްވެރިންނަށް ދިމާވާ މަސްކިރުމުގެ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ.

މިފްކޯ އިން އަލަތް ގަތް ޖަޒީރާ103 ބޯޓު

އަލަށް ގަންނަ ބޯތުތައް ފިޔަވާ މިހާރުވެސް މިފްކޯގެ ފްލީޓްގައި ދެ ބޯޓު އޮވެއެވެ. އެއީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާއެވެ. އެގޮތުން މަހާ ކަލަމިންޖާ އަކީ ގާތްގަނޑަކަށް 90 ޓަނާ ހަމައަށް މަސް ރައްކާ ކުރެވޭ ބޯޓެކެވެ. އަދި ޖަޒީރާ 102 ގައި 100 ޓަނުގެ މަސް ރައްކާ ކުރެވެއެވެ.

މިއަހަރުގެ މިހާތަނަށް އައިރު 12،000 އަށް ވުރެ ގިނަ ޓަނުގެ މަސް ކިރުވާ 198 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިފްކޯ އިން މަސްވެރިންނަށް ދޫކޮށްފައި ވެއެވެ. އަދި ފާއިތުވި އަހަރަކީ މަސްވެރިންނަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވާ އަހަރެވެ. އެގޮތުން 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މިދިޔަ އަހަރު ދޫކޮށްފައެވެ.

އަދި މިފްކޯގެ އެންމެ ބޮޑު އެއް އަމާޒަކީ ހަތް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުން ކަމުގައި އެ ކުންފުނިން ބުނެއެވެ. ނަމަވެސް ބައެއް ފަހަރުއެ އެކަން ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް ވެސް ބުނެފައި ވެއެވެ.

މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލަތަކާއި މަސް ކިރުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން މަސްވެރިން އިހުތިޖާޖު ކުރެއެވެ.