އާންމުކޮށް އަހަރެމެންގެ ތެރޭގައި "މޫޑީ" ދުވަސްތައް ކަޑައްތު ކުރަން ޖެހޭ މީހުން މަދެއް ނޫނެވެ. ކަމަކާ ނުލައިވެސް ކަމެއް ކުރަން މޫޑެއް ނެތި އެކަހެރިވާން ބޭނުން ވެއެވެ. ހަމަ ފޫހިވަނީއެވެ. ބޭރަށް ދާން ބޭނުން ނުވަނީއެވެ. ކަމަކާ ނުލައި ވެސް ރުޅި ގަދަ ވެވެނީއެވެ. ކުރަންޖެހޭ ކަންކަން ނުކޮށް އެކަންކަން ފުނިޖެހެން ދެން ތިމާ ކަމެއް ނުކޮށް ހުންނަން ބޭނުންވާ ދުވަސްތައް ގިނަވެއެވެ.

ދިރިއުޅުމުގައި މިފަދަ ކަންކަމާ ކުރިމަތި ލާން ނުޖެހޭނެއެކޭ ނުބުނެވޭނެއެވެ. ނަމަވެސް އެކަންކަމާ ކުރިމަތިލައިގެން ވެސް ތިމާގެ މޫޑް ރަނގަޅަށް ބެހެއްޓިއްޖެ ނަމަ ދުވަހުގެ ބާކީ ވަގުތު ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެއެވެ.

މޫޑީ ދުވަހެއްގައި ކޮންމެވެސް ހާއްސަ މިރު ކާއެއްޗެއް ކާލައިގެން ނޫނީ ހިތްހަމަޖެހޭ ގޮތެއް ނުވެއެވެ. އެފަދަ ކެއުންތަކުގެ ތެރޭގައި ޖަންކް ފުޑާއި، ބަތާއި ނޫޑްލްސް ފަދަ ކާބްސްގެ ބާވަތްތަކާއި، ފޮނި އެއްޗެހި ކާ މީހުން ގިނައެވެ. ނަމަވެސް ތިމާގެ މޫޑު ރަނގަޅު ކޮށްލަން ވަގުތީ އުފަލަކަށް ކާލާ އެއްޗެއްގެ ސަބަބުން އިތުރަށް މޫޑް ގޯސް ވެދާނެ ކަމަކީ ވިސްނާލަން ޖެހޭ ކަމެކެވެ.

ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްފައިވާ ބިސްގަނޑެއް

ސްޓްރެސްވުމުން މޫޑް ރަނގަޅު ކުރަން ކެވިދާނެ ކާނާ

1. ނަޓްސް

ކްރޭވިންއަށް އެންމެ ފުރިހަމަ، ނަޓްސް އަކީ ތިބާގެ ނަފްސާނީ އަދި ޖިސްމާނީ ދިރިހުރުމަށް އެންމެ ފުރިހަމަ އެލިމެންޓުތަކުން ފުރިގެންވާ އެއްޗެކެވެ. އޭގެ ތެރޭގައި ސްޓްރެސް އާ ދެކޮޅަށް މަސައްކަތް ކުރާ މުހިއްމު މާއްދާއެއް ކަމަށްވާ މެގްނީޒިއަމް ހިމެނެއެވެ. ހަމައެއާއެކު ޑިޕްރެޝަން ފިލުވައި ދިނުމަށް އެހީތެރިވެދޭ އޮމެގާ 3 އާއި ބެލެންސް އަށް ރަނގަޅު ޓްރިޕްޓޮފާން އަދި ސިކުނޑިއަށް ބޭނުންވާ ބާރު ފޯރުކޮށްދޭ ސެލެނިއަމް ހިމެނެއެވެ.

2. ޑާކް ޗޮކްލެޓް

ސްޓްރެސް ވުމުން ކެއުން އެންމެ ރަނގަޅު ޑާކް ޗޮކްލެޓުގައި ވަރަށް މޮޅު ސިފަތަކެއް ހުރެއެވެ. އެއީ އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ އަދި ހަށިގަނޑުގައި ސެރޮޓޮނިން އުފައްދައިދޭ އެއްޗެކެވެ. ސެރޮޓޮނިން އަކީ ސިކުނޑިއާއި މުޅި ހަށިގަނޑުގައި ހުންނަ ނާރުގެ ސެލްތަކުގެ މެދުގައި މެސެޖުތައް އުފުލާ ކެމިކަލެކެވެ. ހަށިގަނޑުގެ މޫޑް، ނިދި، ހަޖަމުވުން، ބޮލުގައި ރިއްސުން، ޒަހަމްތައް ރަނގަޅުވުން، ކަށީގެ ދުޅަހެޔޮކަން، ލޭ ގަނޑުވުން އަދި ޖިންސީ އެދުން ފަދަ ހަށިގަނޑުގެ މަސައްކަތްތަކުގައި ސެރޮޓޮނިން މުހިންމު ދައުރެއް އަދާކުރެއެވެ.

3. ސްޓްރޯބެރީ

ސްޓްރޯބެރީއަކީ ވެސް ސްޓރެސް ވުމުން ބޭނުން ކުރެވިދާނެ މޭވާއެކެވެ. ގިނަ އަދަދަކާ ފައިބާ އާއި ވިޓަމިން ސީ އެކުލެވިގެންވާ ސްޓްރޯބެރީގެ ސަބަބުން ލޭގައި ހުންނަ ކޯޓިސޯލް ދަށްކޮށް ދެއެވެ. އޭގެ މާނައަކީ މިއީ ހަށިގަނޑުގައި ސްޓްރެސް ކުޑަކޮށްދޭ މޭވާއެކެވެ.

4. ރޫއިބޯސް ޓީ

އިނގިރޭސިން ގަބޫލު ކުރާ ގޮތުގައި ކޮފީތަށިން ހުރިހާ ކަމެއް ރަނގަޅު ކޮށްދެއެވެ. އަދި އެއީ ސައްތައިން ސައްތަ ހަގީގަތެއް ނޫން ނަމަވެސް، ސްޓްރެސް ހުންނަ އިރު ރޫއިބޯސް ޓީ ބުއިމަކީ ސްޓްރެސް ހޯމޯންތައް މަދު ކުރުމަށް އެހީވެދޭނެ ކަމެކެވެ. އަދި ހަމަ އެހެންމެ މިއީ ވަރަށް މޮޅު ފެޓް-ފައިޓާ އެއް ވެސް މެއެވެ. އޭގައި އެސްޕަލަތިން އެކުލެވިގެންވާ އިރު، އާ ފެޓް ސެލްތައް އުފެދުމަށް ހުރަސް އަޅައެވެ.

5. ބިސް

ބިހަކީ ވިޓަމިން-ޑީ އާއި ޕްރޮޓީން އެކުލެވިގެންވާ ކާނާއެކެވެ. ލޭގައި ހަކުރު ހަމައަކަށް އެޅުމަށް އެހީތެރިވެދޭ އިރު، ބަނޑުހައި ވެފައި ހުންނަ ކަމުގެ އިހުސާހުން ދުރުކޮށްދީ "ފީލް ގުޑް" ހޯމޯންތަކަށް ބިސް ބޭނުން ކުރުމުން މަސައްކަތް ކުރަން ފަށައެވެ. އަދި މިއީ ސްޓްރެސްއާ ދެކޮޅަށް މަސައްކަތް ކުރާ ކާނާއެކެވެ.

ސްޓްރެސް ވެގެން ލުއިކާނާ ކެއީމާ ވަނީ ކިހިނެއް؟

ސްޓްރެސް ވުމުން ތަފާތު ވައްތަރުގެ ލުއި ކާނާއިން ކެލޮރީސް ގިނަ އަދަދަކަށް ހޯދުމަށް ފެޓްސް، ހަކުރު އަދި ހަށިގަނޑަށް ކޮންމެހެން ބޭނުން ނުވާ އެހެނިހެން ބާވަތްތައް އެކުލެވިގެންވާ ކާނާ ކެއުމުން ގެއްލުން ލިބޭ ގުނަވަންތަކުގެ ތެރޭގައި ސިކުނޑިއަކީ އެއް ގުނަވަން ކަން އަހަރެމެން ގަބޫލު ކުރަން ޖެހެއެވެ. ސްޓްރެސްވުމުން ހަށިގަނޑުން ކޯޓިސޯލް ދޫކުރެއެވެ. މިއީ ފްލައިޓް ނުވަތަ ފައިޓް ހޯމޯން އެވެ. މި ހޯމޯނަކީ ހަށިގަނޑަށް ފެނުނު ކޮންމެ "އެޓޭކް" އަކާ ކުރިމަތިލުމަށް އެހީތެރިވެދޭ އެއްޗެކެވެ. އޭގެ ބަދަލުގައި ހަށިގަނޑުން ހަކަތަ އަތުލައި، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެގެން ދެއެވެ.

ކުޑަކުއްޖަކު ޗިޕްސް ކަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ތިމާ ސްޓްރެސްގައި އުޅެންޖެހުމުން އަމިއްލަ ހަށިގަނޑަށް އާދަޔާ ހިލާފް ވަރުބަލިކަމެއް އިހްސާސް ކުރެވޭނެއެވެ. އެ ޕްރެޝަރު ދިގު މުއްދަތަކަށް ހުންނަ ނަމަ، ވަރުބަލިވުން އިތުރުވެ ތިމާއަށް ކަންކަމާ ދެވޭ ސަމާލުކަން ކުޑަވެގެން ދެއެވެ. މި އަސަރަށް ފަހު، އޭގެ ގެއްލުން ފޫބެއްދުމަށްޓަކައި ހަށިގަނޑަށް ގްލޫކޯކޯޓިކޯއިޑްސް ނަމަކަށް ކިޔާ ހޯމޯނެއް ދޫކުރެއެވެ. އެ ހޯމޯންގެ ދައުރަކީ ގެއްލުނު ހަކަތައިގެ ސަޕްލައި އަލުން ހޯދުމެވެ. އަދި ހަށިގަނޑަށް ގެއްލުނު އެއްޗެހި އަނބުރާ ހޯދުމަށް ހަކުރު އަދި ކާބްސްއަށް ބޭނުންވާ މިންވަރު އިތުރުވެ، ހަށިގަނޑަށް ގެއްލުންވާ ޒާތުގެ ކާނާއަށް މީހާގެ ސަމާލުކަން ހުއްޓޭ ހިސާބަށް ދެއެވެ.

އާންމު ދިރިއުޅުމުގައި މިފަދައިން ކެއުން ބުއިން ބަހައްޓާ މީހުން ގިނައެވެ. ހާއްސަކޮށް ރަނގަޅު ކާނާ ކައިގެން ތިމާ ދުވާލެއްގެ މައްޗަށް ނަގާ ކާބްސް އާއި ހަކުރު މަދުކުރަން މަސައްކަތް ކުރަނީ ހިކެން ޑައެޓެއް ކޮށްލާ ނަމައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ސިއްހަތަށް ނުރަނގަޅު ކާނާ ކެއުމުން އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށާއި ސިކުނޑިއަށް ކުރާ މިންވަރު އިތުރު ވެއެވެ. ޕެކެޓްކޮށް އަދި ނުވަތަ ދަޅު ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ އާއި ފެޓްސް އަދި ހަކުރު ގިނައިން އެކުލެވޭ ކާނާގެ ސަބަބުން ހަށިގަނޑާއި ސިކުނޑީގައި ކެމިކަލް ރިއެކްޝަނެއް އުފެދެއެވެ. އޭގެ ސަބަބުން ވަގުތީ ގޮތުން ކަންކަމަށް ސަމާލުކަން ދޭވެލެއް އިތުރުވިޔަސް ދިގު މުއްދަތުގައި މޫޑު ދަށް ކޮށްދޭ ކަމަކީ ވިސްނާލަން ޖެހޭ ކަމެކެވެ.

ސިއްހަތަށް ފައިދާ ހުރި ކާނާ އާއި ޖަންކު ފްޑް ގެ ތެރެއިން އިންސާނާ އިހުތިޔާރަށް އޮތް މަގު ފެންނަ ކުރެހުމެއް

އެހެންކަމުން ސްޓްރެސްވުމުން މޫޑް ރަނގަޅަށް ބެހެއްޓުމަށް ހަށިގަނޑަށް ގެއްލުން ނުވާނެ ތަކެތި ކެއުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ. ސިއްހަތަށް ފައިދާހުރި، ހަށިގަނޑަށް ފައިދާ ހުރި ނާސްތާތަކުގެ ސަބަބުން ސިކުނޑީގެ ބާރު އިތުރުވެ، މޫޑު ރަނގަޅު ކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް އިތުރުވެގެން ދެއެވެ. މޫޑީ ވެގެން ތިމާ ކާ ހިތްވެއްޖެ ނަމަ، ކެވޭ އެއްޗަކީ މޫޑް ރަނގަޅު ކޮށްދޭ އެއްޗެއް ތޯ ބަލައިގެން ކެއުމަކީ ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ކަމެކެވެ.