ގދ.ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުއްވާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މާދަމާރޭ ހާއްސަ ރަސްމިއްޔާތަކާއެކު ފަރެސްމާތޮޑާގެ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވާއިރު އިއްޔެ ވަނީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައެވެ. އިއްޔެ މެންދުރުފަހު 3:45 ގައި ޓެސްޓް ފްލައިޓްގެ ގޮތުގައި ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Q2-6482 އެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.
އެ ފްލައިޓް ދަތުރުގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެއާޕޯޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ އުމްރާނީ ތަރައްގީގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިން ސިސްޓަމްތައް ދިއްލާ މިހާރު ޓެސްޓުކޮށްފައި ވެއެވެ. މީގެ އިތުރުންވެސް މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކުރުން ހިމެނެއެވެ.
144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ފަޔާ ބިލްޑިން އެއް އިމާރާތް ކުރުމުގެ އިތުރުން ޓާމިނަލް ބިލްޑިން އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 1200 މީޓަރުގެ ރަންވޭ އެއްވެސް މި އެއާޕޯޓުގައި ހިމެނިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރި އެއާޕޯޓެކެވެ.