ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވައިލާ އިދިކޮޅުން މާލޭގެ މަގުތަކުގައި ބާއްވަމުން އަންނަ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން ރޭގައި ފުލުހުން ހައްޔަރުކުރި މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، އިހުތިޖާޖުގެ ތެރެއިން މީހުން ހައްޔަރު ކުރާއިރު، އިހުތިޖާޖުގައި ބައިވެރިނުވެ ދުރުގައި ތިބޭ މީހުން ވެސް ހައްޔަރު ކުރަމުން ގެންދާތަން މިހާރު ފެންނަމުންދާ ކަމަށެވެ.

ރޭގެ ސުލްހަވެރި އިހުތިޖާޖުން ވެސް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ހައްޔަރުކޮށްފައި ވާ ކަމަށާއި ހައްޔަރު ކުރުމުގެ ތެރޭގައި ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. އެގޮތުން ޒުވާން އަންހެނަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން އެ ޒުވާނާ ހޭނެތިފައި ވާއިރު، އެ ޒުވާނާގެ ސިއްހި ހާލަތު ސީރިއަސް ވެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން ބުނީ، މިފަދަ ލާއިންސާނީ އަމަލުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގަމުން ގެންދާ އިރު، މިކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް ނިދާފައި ތިބުމުގެ އިތުރުން ސަރުކާރު ބޭނުންވާ ގޮތަށް ބަޔާންތައް ނެރެމުން ގެންދިޔުމަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ، އެއްވެސް ކަމަކާ ނުލާއި ރައްޔިތުން ހައްޔަރުކޮށް އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރަމުން ގެންދާއިރު، އެކަންކަން ބެލުމުގެ ޒިންމާ ހަވާލުވެފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާތައް ގަދަ ނިދިން ހޭލާ، އެ ކަންކަން ބަލާ ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ރޭގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ޕީޕީއެމްގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލު އާދަމް އާސިފާއެކު، އިހުތިޖާޖުގައި ބައިވެރިވެގެން އަދި ބައިވެރި ނުވެ ކަންކަން ބެލުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކުރި އެންމެން، އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް ވަނީ ގޮވާލާފައެވެ.