އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާ ގޮތް އިއުލާން ކުރުން މިމަހުގެ 15 އަށް ތާވަލުކޮށްފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ދަ ޕްރެސް" އަށް އެނގިފައި ވަނީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މާދަމާ ކައުންސިލް ބައްދަލުވާނެ ކަމަށާއި އެއަށް ފަހު ޖެހިގެން އަންނަ ދުވަހު އެ ނިންމުން އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

ޖޭޕީ އަކީ މާމިގިލީ ދާއިރާގެ މެންބަރު އަދި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓުނަރު ގާސިމް އިބްރާހިމް ވިދާޅުވާ ގޮތަކަށް އޮޕަރޭޓް ކުރާ ޕާޓީއަކަށް ވާއިރު، ކައުންސިލުން ނިންމާ ގޮތަކީ ގާސިމް ބޭފުޅުންވެ ވަޑައިގަންނަވާ ގޮތެވެ.

ނިމިދިޔަ ޖޭޕީގެ ކޮންފަރެންސްގައި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގޮތް ނިންމަން ޕާޓީގެ ކައުންސިލަށް ބާރުދޭން ނިންމުމުން، ކައުންސިލްގެ އެންމެ ފަހު ބައްދަލުވުމުގައި ނިންމާފައި ވަނީ، ފައިނަލް ގޮތް ނިންމުމުގެ ބާރު ގާސިމަށް ދިނުމަށެވެ. އެގޮތުން، ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާނީތޯ ނުވަތަ ޖޭޕީ ވަކިން ވާދަކުރާނީތޯ ނިންމަވާނީވެސް ގާސިމެވެ.

ޖޭޕީގެ މަސްދަރުތަކުން ބުނާ ގޮތުން، ޕާޓީގެ ތެރޭގައި 2 ރޫހެއް އޮތް އިރު ގާސިމްގެ އަރިސް ފަރާތްތަކުން ބޭނުން ވަނީ ގާސިމް ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރެއްވުމަށެވެ. އަދި އެކަމުގައި ބަޔަކާއެކު ކޯލިޝަން ހަދަން ޖެހޭ ނަމަ އެކަން ގާސިމް ކުރެއްވުމަށްވެސް އެފަރާތްތަކުން ގާސިމަށް ބާރު އަޅައެވެ. ޕާޓީގެ ތެރޭގައި މިހާރުވެސް ތިއްބެވި ސަރުކާރުގެ އެކިއެކި މަގާމުތައް އަދާކުރައްވާ މެންބަރުން ބޭނުން ވަނީ ގާސިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކޯލިޝަން ހައްދަވާށެވެ.

މާދަމާ ޖޭޕީގެ ކައުންސިލް ބައްދަލު ކުރާ އިރު، ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.

ގާސިމް ތަމްސީލު ކުރައްވާ ޖުމްހޫރީ ޕާޓީ އަކީ މިހާރު އޮތް ކޯލީޝަން ސަރުކާރުގެ 33 ޕަސެންޓް ހިއްސާދާރަކަށް ވާއިރު، ރައީސް ސޯލިހުގެ ކެބިނެޓްގެ 3 ޕޯސްޓާއި، އެކި ވުރާޒާތަކުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ޖޭޕީ ސްލޮޓްތަކުގައި ގިނަ ބަޔަކު އެބަތިއްބެވިއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުން ރައީސް ސޯލިހާއެކު ގާސިމް ކުރެއްވި މަޝްވަރާތަކުގައި މިހާރު ޖޭޕީއަށް އޮތް 33 ޕަސެންޓް ބޮޑު ކުރުމަށާއި، ގާސިމްގެ މަސްލަހަތު އޮންނަ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް ސަރުކާރުން ގަތުމާއި އެނޫންވެސް ބައެއް ޑިމާންޑްތައް ވަނީ ކުރައްވާފައެވެ. ނަމަވެސް މި ޑިމާންޑްތަކަށް ރައީސް ސޯލިހު ދެއްވި ޖަވާބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.