އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިން ކުރާއިރު، ރިޝްވަތަށް މަގުފަހިވާގޮތަށް ހިންގާ ކަންކަމާއި، އެ ކެންޑިޑޭޓަކު ވެވަޑައިގަންނަވާ ވައުދުތައް ވަކިވާނެ ގޮތަކަށް އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ.

އެ އިސްލާހުގައި ބުނެފައިވަނީ، ގާނޫނު ބުނާ ގޮތުން ނޫސްވެރިންނަށް ވޯޓު ގުނާ ތަނުގައި ތިބެ ވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށެވެ. ގާނޫނަށް ގެނައި އިސްލާހުގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަކީ ކޮބައިކަން ތަފްސީލުކޮށްދީފައި ވެއެވެ. އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި މަސައްކަތް ކުރާ ނޫސްވެރިން ކަމުގައި ކަނޑައަޅާފައި ވެއެވެ.

އެ ބިލުގައި ގާނޫނުގެ 61 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވެ އެވެ. އިތުރުކުރާ މާއްދާގެ. (ހ) ބަޔާން ކޮށްފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 30 ދުވަހުގެ ނިޔަލަށް ވޯޓުލުމުގައި ބޭނުން ކޮށްފައިވާ ލިޔެކިޔުމާއި ތަކެތި ރައްކާކޮށްފައިވާ ބަހައްޓަން ވާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި ވަނީ ޝަރުއީ ކޯޓަކުން އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ނުވަތަ ކޯޓަށް އިންތިހާބާ ގުޅޭ މައްސަލައެއް ހުށަނާޅާކަން ކަށަވަރު ކުރުމަށް ފަހު އެ މުއްދަތުގެ ފަހުން ގުނާފައިވާ ވޯޓު ކަރުދާސްތައް ނައްތައިލެވޭނެ ކަމަށެވެ.

ކެނޑިޑޭޓުން ރިޝްވަތު ދިނުން ކަނޑައަޅާފައިވާ 74 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރަށް ވެސް އިސްލާހެއް ހުށަހަޅާފައިވެ އެވެ. އެ މާއްދާގައި ބަޔާން ކޮށްފައި ވަނީ އިންތިހާބަށް އިއުލާނުކުރާ ދުވަހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުން ފެށިގެން ކެނޑިޑޭޓުންގެ ވައުދުތައް ފިޔަވައި ފައިސާދީ، މަންފާއެއް ހޯދާ ދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށެވެ.

މި އިސްލާހާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުން، އެ ގާނޫނުގައި ހުރި ކަންބޮޑުވުންތައް ފިލައިގެން ނުދާ ކަމަށެވެ. ނަޝީދު ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒަވޭޝަން ޓީމެއް އެމަނިކުފާނުގެ އަރިހަށް ވަޑައިގަތް ކަމަށެވެ. އަދި ހުށަހެޅިފައިވާ އިސްލާހުތަކަށް އެބޭފުޅުން ވެސް ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށެވެ.

އެގޮތުން، ގާނޫނާ ގުޅިގެން ހުރި މައްސަލަތަކަށް ހައްލު ގެނެސްފައި ނުވާ ކަން ފާހަގަ ކުރެއްވިއެވެ. ނަޝީދު ވިދާޅުވީ އެކަންކަމާ ގުޅޭ ގާނޫނީ ފަރުވާ ލިބުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

ނަޝީދުގެ އިތުރުން އެ މަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ވަނީ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެއީ މިވަގުތު ބޭނުންވާ އިސްލާހުތަކެއް ނޫން ކަަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.