އެމެރިކާ އާއި އުތުރު ކޮރެއާ ގުޅިގެން މިހާތަނަށް ހިންގާ އެންމެ ބޮޑު އަސްކަރީ ހަރަކާތް ފެށިތާ 5 ދުވަސް ނުވަނީސް، އުތުރު ކޮރެއާއިން 2 މިސައިލް ޓެސްޓް ކޮށްފިއެވެ. މިފަހަރު ޓެސްޓް ކުރީ ސަބްމެރިން ބޭނުންކޮށްގެން ފޮނުވާލައި ކްރޫޒް މިސައިލެވެ.

ދެކުނު ކޮރެއާގެ އިދާރާތަކުން ބުނާ ގޮތުގައި، ޓެސްޓް ކުރި މިސައިލްތައް 1500 ކިލޯމީޓަރަށް ދަތުރު ކުރި ކަމަށާއި ޓާގެޓަށް ހަމަލާ އަމާޒު ވުމުގެ ކުރިން ވައިގެ ތެރޭގައި 8 އަޅާފައި ވާ ކަމަށެވެ.

މި ޓެސްޓަށް ފަހު، އުތުރު ކޮރެއާއިން ބުނީ، ދުޝްމަނުންގެ ހަމަލާތަކަށް ފުރިހަމައަށް ރައްދު ދޭނެ ކަމަށެވެ. ދުޝްމަނުން ކަމަށް އުތުރު ކޮރެއާއިން ބަލަނީ އެމެރިކާ އާއި އެގައުމުގެ ބައިވެރިންނެވެ.

އުތުރު ކޮރެއާއަކީ މިފަހުގެ ތާރީހުގައި އެންމެ ގާތްގާތުގައި އެންމެ ގިނަ އަދަދެއްގެ މިސައިލް ޓެސްޓް ކުރާ ގައުމެވެ. ހުސްވި އަހަރުގެ ތެރޭގައި ވެސް 90 އަށް ވުރެ ގިނަ މިސައިލް ޓެސްޓް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ބެލެސްޓިކް މިސައިލާއި ކްރޫޒް މިސައިލް ހިމެނެއެވެ.

އުތުރު ކޮރެއާގެ މި އަމަލުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކާ ވާ ކަމަށް އެމެރިކާ އާއި ސަރަހައްދުގެ ގައުމުތައް ކަމަށް ވާ، ދެކުނު ކޮރެއާ އާއި ޖަޕާން ފަދަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް އުތުރު ކޮރެއާ ހުއްޓުވުމަށް ގޮވާލި ނަމަވެސް، އުތުރު ކޮރެއާއިން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށް ދާ އަސްކަރީ ފަރިތަކުރުންތައް 11 ދުވަހަށް ކުރިއަށް ދާ އިރު، އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާ ގުޅިގެން އެމެރިކާއިން ބުނީ، ގާތުން ބަލަމުން ގެންދާ ކަމަށެވެ.