އޯޓްސް އަކީ ގޮވާމުގެ ބާވައްތަކުގެ ތެރެއިން އެންމެ ސިއްހަތަށް ފައިދާ ހުރި ބާވަތެވެ. އަދި މިއީ ގައިގައި ވަރު ޖެއްސުމަށް އެހީތެރިވެދޭ އަދި ސިއްހީ އެތައް ފައިދާ އެއް ލިބޭ ކާނާއެކެވެ. ރޯދަ މަހު ސިއްހަތަށް ފައިދާ ހުރި ކާނާ އެއް ތައްޔާރު ކޮށްލަން ބޭނުން ނަމަ އޯޓްސް އޮމްލެޓް އަކީ އެކަމަށް އެންމެ ރަނގަޅު ޗޮއިސް އަށް ވާނެއެވެ.

ރޯދަ ވީއްލާ ގަޑީގެ އިތުރުން ހާރު ކެއުމަށް ވެސް މިއީ ތައްޔާރުކޮށްލަން ރަނގަޅު ރެސިޕީއެކެވެ. އަނގައަށް ވެސް މީރު މި ކެއުމަކީ ތައްޔާރު ކޮށްލަން ފަސޭހަ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 6 މޭޒުމަތީ ސަމްސާ އޯޓްސް (ރޯލްޑް އޯޓްސް)
  • 4 ބިސް
  • 1 އަލުވި
  • 1 ފިޔާ
  • 1/2 ކެރެޓް (ގާނާފައި)
  • 1/4 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • 1 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
  • 1 ތޮޅި މިރުސް
  • ކޮރިއަންޑާ ފަތް (ކުދިކޮށް ކޮށާފައި)
  • 2-3 ސަމްސާ ތެޔޮ
  • 1 ސައިސަމްސާ އަސޭ މިރުސް
  • ރީނދޫ
  • ލޮނު (ރަހަ ލާ ވަރަށް)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތަވަޔަށް ތެޔޮފޮދު ހޫނު ކުރަން އެޅުމަށްފަހު އަލުވި އަދި ފިޔާ ކިއުބް ގޮތަށް ކޮށުމަށްފަހު ތަވާ ތެރެއަށް އަޅާ، ލޮނު ކޮޅެއް އެޅުމަށް ފަހު 3-4 މިނަޓް ވަންދެން ކައްކާލާށެވެ. މަޑު މުށި ކުލަ އަރަންދެން ކައްކާލަންވާނެއެވެ. ދެން އޯޓްސް މިކްސަރުން މުގުރާލާށެވެ. އަދި ބޮޑު ތަށްޓަކަށް ބިސް، މުގުރި އޯޓްސް، ކެއްކި ފިޔާ އަދި އަލުވި، ކެރެޓް ކެޕްސިކަމް، ޓޮމާޓޯ، މިރުސް، ކޮރިއަންޑާ ފަތް، ރަހަ ލާ ވަރަށް ލޮނު، އަސޭމިރުސް އަދި ރީނދޫ ކޮޅެއް އެޅުމަށްފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއް ކޮށްލާށެވެ. އެއަށްފަހު ތަވަޔަށް ތެޔޮ ކޮޅެއް އެޅުމަށްފަހު ބިސްގަނޑު އަޅާހެން ތަވަޔަށް އަޅާ ރޯފިލަންދެން ދެފުށް ކައްކާލާށެވެ.