ޕާން ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ބްރެޑް ޕޮކެޓްސް އަކީ އަނގައަށް މީރު އަދި ތައްޔާރު ކޮށްލަން ފަސޭހަ ކެއުމެކެވެ. ކުކުޅުގެ އިތުރުން ފަސޭހައިން ބަދިގެއިން ލިބެން ހުންނަ ބާވަތްތަކުން ތައްޔާރު ކޮށްލެވޭ މި ކެއުމަކީ ސުފުރާމަތި ފުރިހަމަ ކުރުމަށް ތައްޔާރު ކޮށްލަން ރަނގަޅު ރެސިޕީއަކަށް ވާނެއެވެ.

އަދި ބޭނުންވާ ވައްތަރެއްގެ ސޯސް އަކާ އެކު ބްރެޑް ޕޮކެޓްސް ކެއުމުން ރަހަ އިތުރަށް ފުރިހަމަ ވެގެން ދާނެއެވެ.

ބޭނުންވާ ތަކެތި

ބްރެޑް ޕޮކެޓް ހެދުމަށް:

  • ޕާން
  • 2 ބިސް
  • އަސޭމިރުސް
  • ފާރޮށި ކުނޑި
  • ތެޔޮ (ތެލު ކެއްކުމަށް)
  • ލޮނު (ރަހަލާ ވަރަށް)

ޗިކަން ފިލިންގް ހެދުމަށް:

  • 1 މޭޒުމަތީ ސަމްސާ ތެޔޮ
  • 250ގ ފެނުކެއްކި ކުކުޅު
  • 1 ސައިސަމްސާ ޗިލީ ސޯސް
  • 1 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް
  • 1 ސައިސަމްސާ ޗިލީ ފްލޭކްސް
  • 1 ސައިސަމްސާ އަސޭމިރުސް
  • 2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ސޯސް
  • ލޮނު (ރަހަލާ ވަރަށް)
  • 150ގ މޮޒަރެއްލާ ޗީޒް (ގާނާފައި)

ތައްޔާރު ކުރާނެ ގޮތް

ބްރެޑް ޕޮކެޓް:

ދެ ޕާން ފޮތި ކުކީ ކަޓާ އެއް ނޫނީ ވަށް އެއްޗެއްގެ އެހީގައި ވައްކޮށް ކަފާލާށެވެ. އެއަށްފަހު ބިސް، އަސޭމިރުސް އަދި ލޮނު މިކްސް ކޮށްލުމަށްފަހު ކުރިން ކަފާލި ދެ ޕާން ފޮތި އެއްކޮށް އޭގެ ތެރެއަށް ލުމަށް ފަހު ނަގާށެވެ. އަދި ބޭރުގައި ފާރޮށި ކުނޑި އުނގުޅާލާށެވެ. އެއަށްފަހު ތެޔޮ ހޫނު ކުރުމަށް ފަހު މަޑު މުށި ކުލަ އަރަންދެން ތެލުލާށެވެ.

ޗިކަން ފިލިންގް:

ތަވައެއްގައި ތެޔޮ ފޮދު ހޫނު ކޮޮށްލުމަށްފަހު ފެނުކެއްކި ކުކުޅު އަޅާ 1-2 މިނެޓް ވަންދެން ކައްކާލާށެވެ. ދެން ޗިލީ ސޯސް، ސޯޔާ ސޯސް، ރެޑް ޗިލީ ފްލޭކްސް، އަސޭމިރުސް އަޅާފައި 2 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށް ފަހު ކެޗަޕް، މޮޒަރެލާ ޗީޒް އަޅާފައި ޗީޒް މެލްޓް ވަންދެން ކައްކާލާށެވެ. ފިލިންގް ތައްޔާރުކޮށް ނިމުމުން ކުރިން ހެދި ބްރެޑް ޕޮކެޓް މެދުން ކަފާލުމަށްފަހު އޭގެ ތެރެއަށް ޗިކަން ފިލިންގް އަޅުމަށް ފަހު އިންސާފު ކޮށްލައްވާށެވެ.