އިންޑިއާގެ ބިހާރުގައި އުމުރުން 56 އަހަރުގެ ނަސީމް ގުރައިޝީ އަތުގައި އޮތް ކޮތަޅެއްގައި ގެރިމަސް ހުރިކަމަށް ތުހުމަތުމަތުކޮށް ހަމަލާދީ މަރާލި މައްސަލައިގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

މިދިޔަ ހަފްތާގައި ހިނގި މިހާދިސާގައި ނަސީމް، ހިނގާފައި ދަނިކޮށް 20 އަކަށް މީހުންގެ ގްރޫޕަކުން އޭނާ ވަށާލައި ހަމަލާ ދިނީ ކަމަށާއި، މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ފުލުހުން ބުނެއެވެ.

ހައްދުފަހަނައެޅި ހިންދޫ ޖަމާއަތެއްގެ ބަޔަކު ނަސީމް އަށް ހަމަލާ ދޭން ފެށުމުން، ފުލުހުން ގޮސް އެކަން ހުއްޓުވި ނަމަވެސް އޭރު ނަސީމްގެ ހާލެއް ނެތެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިޔަކަމަށް މަންޒަރު ދުށްމީހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ގެރި އަކީ، އާންމުން އަޅުކަން ކުރާ ޖަނަވާރެކެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އެއީ ކަލާނގެއެވެ.

ހައްދުފަހަނައެޅި ޖަމާއަތްތަކުން މީގެ ކުރިންވެސް މުސްލިމުންނަށް ހަމަލާދީ އެފަދަ ޖަރީމާތައް ހިންގާފައި ވާ އިރު، ގެރި ކަތިލުން މުޅި އިންޑިއާގައި މަނާކުރުމަށް އެ ޖަމާއަތްތަކުން ވަކާލާތުކޮށް އަޑުއުފުލާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. އެމީހުން ބޭނުން ވަނީ ގެރި ކަތިލުމާއި ކެއުން، އިންޑިއާގެ ބައެއް ސަރަހައްދީ ސަރުކާރު ތަކުން މަނާ ކޮށްފައި އޮތް ގޮތަށް މުޅި އިންޑިއާގައި އެކަން މަނާކުރުމެވެ.

2014 އިން ފެށިގެން އެފަދަ ހަރުކަށި ޖަމާއަތްތަކުން އަމިއްލައަށް ހުކުމް ތަންފީޒު ކުރުމަށް މުސްލިމުންނަށް ހަމަލާ ދޭ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. މުސްލިމަކު ކޮތަޅަކަށް މަސް އަޅައިގެން އުޅޭނަމަ އެއީ ގެރިމަސް ކަމަށް ބަލައި ހަމަލާ ދެނީއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2010 އިން ފެށިގެން 2017 އާ ހަމައަށް އިންޑިއާގައި މަރާލި މުސްލިމުންގެ ތެރެއިން 87 ޕަސެންޓް މީހުން މަރާލާފައި ވަނީ ގެރި އާ ގުޅުންހުރި ތުހުމަތު ތަކުގައެވެ. އަދި މިފަދަ ހާދިސާތަކުގައި އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ އަނިޔާވެސް ދީފައި ވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި މި މުއްދަތުގައި ދީފައިވާ ހަމަލާތަކަށް ބަލާއިރު 52 ޕަސެންޓް ހަމަލާ ދީފައި ވަނީ ހީ އެއްގެ މައްޗަށް ކަމަށް ވެސް ބުނެއެވެ.

އެގޮތުން ބަލާއިރު، އުއްތަރް ޕްރަދޭޝްގައި 10 މަރު، ހަރްޔާނާގައި 9 މަރު، ގުޖުރާތުގައި 6 މަރު، ކަރްނާޓަކާގައި 6 މަރު، މަދްޔަ ޕްރަދޭޝްގައި 4 މަރު، ދިއްލީގައި 4 މަރު އަދި ރާޖަސްތާންގައި ވެސް 4 މަރު ހިނގާފައި ވެއެވެ.

މިފަހަރު މިހާދިސާ ހިނގި ބިހާރަކީ، ސަރަހައްދީ ޕާޓީތަކުން ކޮންޓްރޯލް ކުރާ ޝަހަރެކެވެ. މި ޝަހަރުގައި އޮޕޮޒިޝަން ޕާޓީއަކީ ވެރިކަން ކުރާ ބީޖޭޕީއެވެ.