ދުނިޔޭގެ ޖައްވަށް އަރައިގެންދާ ކާބަންޑައިއޮކްސައިޑް (ސީއޯ2) އާއި އެހެނިހެން ގްރީންހައުސް ގޭސް ކަމަށް ވާ މެތޭން (ސީއެޗް4) އާއި ނިޓްރޮސް އޮކްސައިޑް (އެން2އޯ) އަދި ހައިޑްރޯފްލޯރޯކާބަން (އެޗްއެފްސީއެސް) ފަދަ ގޭސްތަކުގެ ދުނިޔެ ހޯނުވަމުން ދާ އިރު ކާބަން ދަމައިގަނެ ބޭކިން ސޮޑާއަށް ހަދާނެ ގޮތެއް ސައެންސްވެރިން ހޯދައިފިއެވެ.

ސައިންސް ޖާނަލްގައި ބުނެފައި ވާ ގޮތުން މި އާ ހޯދުމުގެ އަލީގައި ޖައްވު ހޫނުކުރާ ކާބަންގެ ގިނަ މިންވަރެއް އެއްފަހަރާ ދަމައިގަނެ ސޯޑިއަމް ބައިކާބޮނޭޓް ނުވަތަ ބޭކިން ސޮޑާއަށް ބަދަލު ކުރުމަށް ފަހު ކަނޑަށް ދޫކޮށްލެވޭނެއެވެ.

އަދި މިއީ ކާބަން ދަމައިގަތުމަށް މިހާރު ބޭނުން ކުރާ ޓެކްނޮލޮޖީއަށް ވުރެ 3 ގުނަ ކާބިޔާބު ހޯދުމެއް ކަމަށްވެސް ބުނެއެވެ.

ދުނިޔެ ހޫނުވުން ކުޑަކުރުމަށް ފޮސިލް ފިއުލް އަންދާ މިންވަރު މަދުކުރަން ގައުމުތަކުން އަމާޒު ހިފާ ޒީރޯ ކާބަން ސިޔާސަތުތަކަށް ލަނޑުދަނޑިތައް އެކަށައަޅާފައި ވީނަމަވެސް، ޖައްވުގައި ހަރުލާފައި ހުރި ކާބަންގެ މިންވަރު މަދުކުރަން ޖެހޭ ކަމަށް ސައެންސްވެރިން ބުނެއެވެ. ޖަންގަލިތަކާއި މޫދަކީ ކާބަން ދަމާ ގުދުރަތީ ވަސީލަތްތައް ނަމަވެސް އިންސާނުން އަންދާ ފޮސިލްފިއުލްގެ ސަބަބުންނާއި އެނޫންވެސް ވަސީލަތްތަކުން ޖައްވުގެ ތެރެއަށް އަރައިގެން ދާ ކާބަންގެ މިންވަރު މަތިވުމަކީ، ގުދުރަތީ އެ ނިޒާމުގެ ބޭރުން މައްސަލައަށް ހައްލު ހޯދަން ޖެހޭ ކަމެކެވެ.

އަލަށް މި ހޯދި އީޖާދުގައި ކާބަން ދަމާނީ ވައިންނެވެ. އެއަށް ފަހު އެ ޖަމާކޮށް ބިމުގެ އަޑިއަށް ފޮނުވާލުމަކީ އެއްގޮތެވެ. ދެވަނަ ގޮތަކަށް ސައެންސްވެރިން މަސައްކަތް ކުރަނީ، ވައިގެ ތެރޭގައި ހުންނަ ކާބަން ދެމުމަށް ފަހު، މޫދު ލޮނާއެއްކޮށް، މޫދަށް މަދުމަދުން ދޫކުރުމެވެ.

ސައެންވެރިން ބުނީ، ކަނޑަކީ، ކާބަން ދެމުމަށް އޮތް މާސިންގާ ބޮޑު ސިންކެއް ކަމަށެވެ. ދުވާލެއްގެ މައްޗަށް ނުވަތަ އަހަރެއްގެ މައްޗަށް އެއްކުރެވޭ ކާބަން ކަނޑުގެ ލޮނާ އެއްކޮށް ދޫކުރިއަސް އަސަރު ހުންނާނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ބުނެއެވެ.

މި އާ ހޯދުމާއެކު، ދުރުނޫން މުސްތަގުބަލެއްގައި ދުނިޔޭގެ ހޫނުމިން ދަށްކުރެވޭނެ ކަމަށް ސައެންސްވެރިން އުއްމީދު ކުރެއެވެ.