ހއ. ފިއްލަދޫގައި އަންހެނަކު ފެންވަރަން ހުއްޓާ ވީޑިއޯ ކުރަން އުޅުނު ފިރިހެނަކު 28,800 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މީގެ ދެ އަހަރު ކުރިން ހއ. ފިއްލަދޫގައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ފިއްލަދޫ ވޮޝިންޓަންހައުސް, އަލީ ވަހީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ.

ދައުވާއަށް އިންކާރުކުރަމުން އަލީ ވަހީދު ބުނެފައި ވަނީ, ރަށްރަށުގައި ގޯތިތެރެއަށް ވަންނަން ހުއްދަ ނަގަން ނުޖެހޭ ކަމަށާއި އޭނާ އަމަލުކޮށްފައި ވާނީ އާންމު އުސޫލުން ކަމަށެވެ.

މި ދައުވާ ސާބިތުކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ފާހަނާގައި ހުރި އަންހެން މީހާ ވެސް ހިމެނެއެވެ.

އޭނަގެ މައްޗަށް މައްސަލަ ސާބިތުވީ ދައުލަތުން ހުށަހެޅި ހެކި ބަހަށް ބިނާކޮށެވެ.

މި މައްސަލައިގެ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ނިންމެވީ 28،800ރ. ރުފިޔާގެ ޖޫރިމަނާއަކަށް އެ ހުކުމް ބަދަލުކޮށްފައެވެ. އަދި ކޮންމެ މަހަކު މަދުވެގެން 4،800ރ. މީރާ އަށް ދެއްކުމަށް ހުކުމްކޮށްފައިވެއެވެ.