ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ދައުވަތު ދެއްވައިފިއެވެ.
އެ ދެ ބޭފުޅުން ޕީޕީއެމް އާ ގުޅުމަށް ޝަރީފް ދައުވަތު ދެއްވާ ވިދާޅުވީ 2 މެންބަރުންނަކީ ވެސް ވަރަށް ތަޖުރިބާކާރު 2 ބޭފުޅުން ކަމަށާއި ރައީސް ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް އެސެޓް އަކަށް ވާނެ ކަމަށެވެ. އެ ދެ ބޭފުޅުން ޕީޕީއެމް އާ ގުޅުމަށް ދައުވަތު ދެއްވާފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި އެ ދެ ބޭފުޅުން އެމްޑީޕީިިއިން ވަކިވެވަޑައިގަންނަވާނެ ކަމުގެ ވާހަކަތައް ދައްކާފައި ވާތީއެވެ.
ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ މި ދެ މެންބަރުން ވަނީ މިއަދު ބަހުސްކުރި ފުލުހުންގެ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާ ބިލާ ގުޅިގެން ސަރުކާރާ މެދު ނުރުހުން ފާޅުކުރައްވާ ފައެވެ.
މީގެ އިތުރަށް އަފީފް ވިދާޅުވީ ދެން އެމްޑީޕީ އިން ނެރޭނީ ވިޕްލައިނެއް ކަމަށާއި ވިޕްލައިނާ ހިލާފްވެގެން ޕާޓީ އިން ވަކި ކުރިނަމަ ވެސް ފަރުވާލެއް ނެތް ކަމަށެވެ. މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށްޓަކައި ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ކަމަށާއި އެންމެ ރަނގަޅީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަކިކުރިއްޔާ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ސްޓޭންޑަޑެއް މިއަދު ހުށަހެޅި ބިލުގައި ނެތް ކަމަށެވެ. ހަމަ އެއާއެކު، އެމްޑީޕީގެ ލޯގޯ އިން ރަމްޒުކޮށްދޭ އިންސާފާއި ނަޒާހާތްތެރިކަން ޕާޓީން ނުފެންނާތީ އެ ޕާޓީން ވަކިވުމާ ގުޅޭގޮތުން ނަޝީދާ އެކު މަޝްވަރާ ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެތެރޭގެ ކޯޅުން ބޮޑުވެ، ދެކަފިވެފައިވާ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮތްޕެއް ހައްދަވައިފައެވެ. ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގަތް ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލުފުޅުކުރެއްވި ނަމަވެސް، އެމަނިކުފާނި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަން ހާމަކުރައްވާފައެވެ.