ފާއިތުވި 3 އަހަރު ވިދިވިދިގެން ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބުނުފަހުން، (2019 ވަނަ އަހަރުގެ ފަހުން) ރާއްޖެއިން ފުރަތަމަ ފަހަރަށް ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓީބީ) ބާލިން ފެއާގައި ބައިވެރިވެއްޖެއެވެ.

އައިޓީބީ ބާލިން ފެއާއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ.

މި ފެއާގައި އެމްއެމްޕީއާރްސީއާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން ޖުމްލަ 233 މީހުން ބައިވެރިވެފައިވާއިރު ދިވެހިރާއްޖޭގެ ސްޓޭންޑުންވަނީ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި، ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތްތައް ދައްކާލާފައެވެ.

ޖަރުމަނު ވިލާތުގެ ބާލިންގެ މެސޭގައި ކުރިއަށްދާ އައިޓީބީ ފެއާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވާ އެ ސްޓޭންޑް ބައްލަވާލައްވާފައެވެ. އަދި ސްޓޭންޑަށް ޒިޔާރަތް ކުރެއްވުމުން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފަރާތުން ވަނީ ރައީސް ސޯލިހަށް އެސްޓޭންޑުގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ.

ރައީސް ސޯލިހް ޖަރުމަނަށް ވަޑައިގެންނެވީ ގަތަރުގައި ބޭއްވި އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ. މި ދަތުރުފުޅުގައި އެގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލު ކުރައްވައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.